ސިވިލް ސާވިސް މުވައްޒަފުން އަބަދުވެސް ހިމެނިގެން ގޮސްފައިވަނީ އެންމެ މުސާކުޑަ މުވައްޒަފުންގެ ގޮތުގައި

ކަޑައަޅަންވީ މިނިމަން ވޭޖެއްތަ؟ ނުވަތަ ލިވިން ވޭޖެއްތަ؟

ކަޑައަޅަންވީ މިނިމަން ވޭޖެއްތަ؟ ނުވަތަ ލިވިން ވޭޖެއްތަ؟

ދިވެހިރާއްޖެއަކީ އެމުނި އެކުލެވިގެންވާ އިގްތިސާދެއް އޮތް ގައުމެއް ނޫނެވެ. މާނައަކީ، ދިވެހި އިގްތިސާދު އަދިވެސް ބިނާ ވެފައި އޮތީ، ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން މެނޭޖު ކުރުމުގެ މައްޗަކަށް ނޫނެވެ.

އޭގެ ބަދަލުގައި، ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިގަޑު ތަނބެއްގެ ގޮތުގައި އަދިވެސް ފެންނާން އޮތީ، ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ނަގަމުންދާ ދިގު މުއްދަތުގެ ލޯނުތަކާއި، އަދި ބަޖެޓް ދެކޮޅު ޖެއްސުމަށް ނަގަމުންދާ ކުރު މުއްދަތުގެ ލޯނު (ބޮންޑު) ތަކުގެ މައްޗަށެވެ. އާ އިގްތިސާދީ ސިނާއަތްތަކެއް، ނުވަތަ އާމްދަނީ ލިބޭނޭ އާ ވަސީލަތްތަކެއް އީޖާދު ކޮށްގެން އަހަރުން އަހަރަށް އިގްތިސާދީ ކުރިއެރުން ހޯދުމުގެ ވިސްނުމެއް އެއްވެސް އިރަކު ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކުގެ ތެރެއިން ފެނިގެން ގޮސްފައެއް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން، ތަރައްގީގެ މަޝްރޫޢުތައް ހިންގައިގެން ދައުލަތުން ކުރަމުންދާ ބޮޑެތި ހޭދަތަކުން އާންމު ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އާމްދަނީ ލިބޭނޭ މަގުތައް ކޮންމެވެސް ވަރަކަށް ފަހިވެގެން ގޮސްފައިވި ނަމަވެސް، މިގޮތުން ލިބޭ އާމްދަނީއަކީ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭ އާމްދަނީ އަކަށް ވެގެން ނުދާތާގައި، ދައުލަތުގެ އެތެރޭގެ ދަރަނިތައްވެސް އިންތިހާއަށް މައްޗަށް ގޮސް، އޭގެ ނޭދެވޭ އަސަރު އަބަދުވެސް އޮންނަނީ އާންމު ވިޔަފާރިތަކަށް އިންތިހާއަށް ބޮޑަށް ކޮށްފައެވެ.

ހަމަ އެފަދައިން، ދައުލަތުގެ މަޝްރޫޢުތައް ހިންގައިގެން، ކުދި އަދި މެދުފަންތީގެ މަޝްރޫޢުތަކުން ލިބޭ އާމްދަނީއަކުން، ދެކޮޅު ޖައްސައިގެން ވިޔަފާރި ކުރަމުންދާ ކުންފުނިތަކަށްވެސް، ހުއްޓުމެއް ނެތި ދިރިއުޅުމުގެ އަގުތައް މަތިވަމުންދާ ދިއުން އޮންނަނީ އަބަދުވެސް ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ނަތީޖާއެއްގެ ގޮތުން، މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މުސާރަ ދިނުމަކީ އަބަދުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގައި ކުރިމަތިވެފައި އޮންނަ ބޮޑު ގޮންޖެހުމެވެ.

ދާދިފަހު ސިވިލް ސާވިސްގެ ބައެއް މުވައްޒިފފުންވަނީ، ހައްގުތައް ހޯދުމަށް ކަޅު ހެދުމުގައި އިހުތިޖާޖަށް ނިކުމެފަ

ހަމަ މި ބީދައިން އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އަދި ދައުލަތުގެ މުވައްޒަފުންގެ ތެރެއިން ޚާއްސަކޮށް ސިވިލް ސާވިސް މުވައްޒިފުންގެ މުސާރަ ކުޑަކަމުގެ ޝަކުވާއަކީ އަބަދުވެސް މެދު ކެނޑުމެއްނެތި އިވެމުންދާ ޝަކުވާތަކެވެ. އަދި މިއީ މުވައްޒަފުންނަށް ކުރުން ހައްގު ޝަކުވާއެއްކަން އެގިގެން ދަނީ، ސަރުކާރުގެ އެކި މަގާމްތަކުވެ ވަޒީފާތަކުގެ ގިންތިތަކުގައި ހުރި ތަފާތު ކުރުންތަކުގެ ބޮޑުކަން ސާފުކޮށް ފެންނާން ހުރުމުންވެސް މެއެވެ.

އަދި މީގެ އިތުރުން، ރަގަޅު އާމްދަނީ ލިބޭ، ރަގަޅަށް ހިނގާ ކުންފުނިތަކުންވެސް މުވައްޒަފުންނަށް އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ފޯރުކޮށް ނުދީ ކުންފުނިތައް ހިންގައިގެން، ތަނުގައި މަސައްކަތް ކުރާ މުވައްޒިފުން ގުރުބާން ކޮށްގެން ވިޔަފާރި ކުރަމުންދާ ކަމީވެސް ދެކޮޅު ހެދެން ނެތް ހަގީގަތެއް ކަމުގައިވެސް ދަންނަވަން ޖެހެއެވެ.

 

އެންމެ ކުޑަ މުސާރަ ކަޑައެޅުމުން އެތައް ގޮތަކުން ގޮންޖެހުން!

ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ކުރުމުގެ ގޮތުން، އެންމެ ކުޑަ މުސާރަތައް ކަޑައަޅާފައި އޮތުމަކީ، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ވަޒިފާ ދޭ ފަރާތުގެ މައްޗަށް ލާޒިން ކޮށްފައި އޮންނަ ކަމެކެވެ. އެންމެ ބޮޑު މަގުސަދަކީ، އަޅު މުވައްޒަފުންގެ ގޮތުގައި މީހުން ލައްވާ މަސައްކަތް ކުރުވުން ހުއްޓުމަކަށް ގެނެސް، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ކުރުމެވެ.

އެހެންނަަމަވެސް، މުވައްޒަފުންނަށް ދޭންޖެހޭ އެންމެ ކުޑަ އުޖޫރަ ކަޑައެޅިގެންދާއިރު، ރާއްޖޭގައި ކުރިވެގެން ދާނޭކަމަށް އެންމެ ގިނަބަޔަކު ފާހަގަ ކުރާ އެއް މައްސަލައަކީ، ރާއްޖޭގެ ވަޒިފާގެ ބާޒާރުގައި މިއަދުވެސް ވަޒީފާތައް އެއްހަމަ ކުރެވި، ދެމުންދާ މުސާރަތައްވެސް ގިންތި ކުރެވިފައި ނުވުމެވެ. މުސާރަ ދިނުމުގައި އިޖުތިމާއީ ހަމަހަމަކަމާއި އިންސާފު (ސޯޝަލް ަޖަސްޓިސް) ގެއްލިގެން ގޮސްފައި ވުމެވެ.

މިގޮތުން ބަލާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުގައި މުސާރައަކީ ގަޑީގެ ރޭޓުން ދެވޭ އިނާޔަތެކެވެ. އިނގިރޭސިވިލާތް، ނިއުޒީލޭންޑް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި، އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގައި މަސައްކަތް ކުރާ މީހުންގެ އުމުރު ފުރައަށް ވެސް ރިއާޔަތް ކޮށްފައި ވެއެވެ. މާނައަކީ، މީގެ ބައެއް ގައުމުތަކުގައި އެންމެ ހަނގު އުމުރު ފުރައިގެ ޒުވާނުންނަށް މުސާރައަކީ އެއަށްވުރެ ދުވަސްވީ، އެހެންނަމަވެސް މަސައްކަތް ކުރެވޭ އުމުރުގެ މަސައްކަތްތެރީންނަށް ކަޑައަޅާފައި އޮންނަ މުސާރައަށްވުރެ ކުޑަ އުޖޫރައެކެވެ. އެއީ އުމުރުގެ ނިސްބަތުން ބަލާފައެވެ.

އެންމެ ކުޑަ އުޖޫރަ ކަޑައެޅުމުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެނީ އިމާރާތް ކުރުމުގެ ސިނާއަތަށް

އެހެންނަމަވެސް މިއާއި ޚިލާފަށް ރާއްޖޭގައި ސަރުކާރު މުވައްޒަފުންނަށްވެސް އަދި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ އަދިވެސް މަހު މުސާރައަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނެވެ. އަދި މިބީދައިން މުވައްޒަފުންނަށް މުސާރަ ދެވެމުންދާއިރު، ވަޒީފާތައް ޕްރޮފެޝަންތަކަށް ރާއްޖޭގައި ގިންތި ކުރެވިފައެއްވެސް ނުމެވޭމެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެންމެ ކުޑަ މުސާރައެއް ކަޑައެޅިގެންދާއިރު، ކުރަން ޖެހޭ މަސައްކަތުގެ ގޮތުން ލިބޭ މުސާރަ ދަށްކަމުގެ ޝަކުވާތައް ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރާނޭކަމަށް ބެލެވޭއިރު، ލިބޭ އާމްދަނީއަކުން، ވަކި ގިންތިއަކަށް ކަޑައަޅާ އެންމެ ދަށް އުޖޫރަ ދޭން ޖެހުމުން އެކަމުގެ ޝަކުވާ ވަޒީފާ ދޭ ފަރާތްތަކުގެ މެދުގައި އިންތިހާއަށް އިތުރުވެގެން ދާނޭ ކަމީވެސް ކަށަވަރުވެ ޔަގީން ވާކަމެކެވެ.

އެހެންނަމަވެސް، ފެންނާ އޮތް ހަގީގަތަކީ، ދިވެހިރާއްޖޭގައި، މިއަދު އާދައިގެ ގިނަ ވަޒީފާތަކުގައި މުވައްޒަފުންނަށް ދެވެމުން އަންނަނީ އެކަށީގެން ނުވާ މުސާރައެއް ކަމެވެ. މީގެ މިސާލެއްގެ ގޮތުން، ރިސޯޓުތަކުގައި ކުނިކެހުމުގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ބަލާލަމާތޯއެވެ. ރާއްޖޭގައި ރިސޯޓުތަކަކީ، މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކަށް ވާއިރު، އެތަންތަނުގެ ވެރީންނަކީ، ރައްޖޭގެ ނިސްބަތުން މިއަދު މިލިއަނަރުންނެވެ. އެހެންނަމަވެސް، ކުނިކަހަކާ މުވައްޒަފު މީހާއަށް ލިބޭ އެއްޗަކުން ދިރި ނޫޅެވޭވަރުވެ އުޖޫރައެއް ދީގެން، އެންމެ އާދައިގެން މުވައްޒަފުންގެ ހައްގުތައް ގުރުބާން ކޮށްގެން ރާއްޖޭގައި ހިންގަމުންދާ ރިސޯޓު މަދެކޭ ދެންނެވޭކަށް ނެތެވެ.

 

އެންމެ ކުޑަ އުޖޫރަ ކަޑައަޅަން ޖެހޭ! އެހެންނަމަވެސް ވާންޖެހެނީ ލިވިން ވޭޖަކަށް!

ހުރިހާ ގައުމެއްގައިވެސް މިނިމަމް ވޭޖެއް ކަޑައެޅުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، އާދައިގެން މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުމެވެ. އެ މުވައްޒަފުންގެ ގުރުބާން ކޮށްގެން، މުވައްޒަފުންގެ ނާޖާއިޒު ފައިދާ ނަގައިގެން، ފޯރުންތެރިން އޭގެ މަންފާ ހޯދުން ހުއްޓުމަކަށް ގެނައުމެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް: މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށް ވިދާޅުވެފައިވޭ

އެހެންކަމުން، މިއުސޫލުން ބަލާއިރު، މިނިމަން ވޭޖެއް ކަޑައެޅިގެން ދާއިރު، އެންމެ ފުތަމަ ކަމަކަށް، މަސައްކަތުގެ ބާޒާރު ގިންތި ކުރެވެން އެބަޖެހެއެވެ. ވަޒީފާގެ ގޮތުންނާއި އުމުރު ފުރައިގެ ގޮތުންވެސް މެއެވެ. ހަމަ އެފަދައިން، މިފަދަ ބަދަލެއް އަންނައިރު، ދައުލަތުގެ އެގި ގިންތި ތަކުގައ މިއަދި އޮތް މުސާރާގައި ތަފާތު ކުރުންތައް ނައްތާލެވި އެއް ހަމަ ކުރެވެން އެބަޖެހެއެވެ. އަދި، ކޮންމެ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، މިނިމަން ވޭޖެއް އެކަށައެޅިގެން ދާއިރު، އޭގެ ގޮންޖެހުން ބައެއް ސިނާއަތްތަކަށް، ރާއްޖޭގައި މިސާލެއްގެ ގޮތުން އިމާރާތް ކުރުމުގެ ސިނާއަތަށް ގޮންޖެހުންތައް އަންނާނޭކަން ކަށަވަރުވެ ޔަގީންވެގެން ދާއިރު، މި ގޮންޖެހުންތައް ކުޑަކޮށް، އަދި ވަޒީފާ ދޭފަރާތާއި އަދާ ކުރާ ފަރާތުގެ މެދުގައި ހަމަހަމަކަން ގާއިމް ކުރެވިގެންދާނޭ އުސޫލަކުން، ދެވޭ މުސާރައަކީ ގަޑީގެ ނިސްބަތުން ދެވޭ މުސާރައަކަށް ވާން އެބަ ޖެހެއެވެ.

ހަމަ އެފަދައިން، ރާއްޖެ ފަދަ، ލިބޭ އެންމެ ކުޑަ އުޖޫރައަށް ބަރޯސާ ވާންޖެހޭ މީހުންގެ އަދަދު ގިނަ ގައުމެއްގައި، ކަޑައެޅިގެންދާ އެންމެ ކުޑަ އުޖޫރައަކީ، ދިރި ދިރިއުޅުމުގެ އަސާސީ މިންގަޑަށް ނުފެތޭ އުޖޫރައަކަށް ވެގެން ހިގައްޖެނަމަ، ގެނެވޭ މިފަދަ މުހިންމު ބަދަލެއްގެ ބޭނުން ނެތި، މިބަދަލު ވަޒީފާ ދޭފަރާތަށް އުފުލަންޖެހޭ ބޮޑު ބުރައަކަށްވެ އަދި މިފަދަ ބަދަލަކީ ވަޒީފާ އަދާކުރާ ފަރާތަށް ލިބޭ ހިންހަމަޖެހުމާއި ރައްކާތެރިކަން ނެތް ބަދަލަކަށް ވެގެން ދިއުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *