ކޯވިޑު-19ގެ މައްޗަށް ކުރިހޯދުނު ފަދައިން، ކުށްކުރުން ކުޑަކުރުމަށްވެސް ކާމިޔާބު ހޯދޭނެ: ސީޕީ

ކޯވިޑު-19ގެ މައްޗަށް ކުރިހޯދުނު ފަދައިން، ކުށްކުރުން ކުޑަކުރުމަށްވެސް ކާމިޔާބު ހޯދޭނެ: ސީޕީ

Author
މުޙައްމަދު ޝަޒައިމް
06 ނޮވެމްބަރ 2021 12:47
0

ކޯވިޑް 19 އިގެ ބަލިމަޑު ކަމުގެ މައްޗަށް ކާމިޔާބު ހޯދުނު ފަދައިން ކުށްކުރުން މަދުކުރުމާއި ކުށުގެ ރޭޓު ދަށްކުރުމަށްވެސް ކާމިޔާބު ހޯދޭނެ ކަމުގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައި އެކަމުގެ ރަސްމީ ލިޔުން ކައުންސިލާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ﷲ ގެ އިރާދަފުޅާއެކު އެންމެންގެ މަސައްކަތުން ކޯވިޑް 19 އިގެ ބަލިމަޑު ކަމުގެ މައްޗަށް ކާމިޔާބު ހޯދުނު ފަދައިން ކުށްކުރުން މަދުކުރުމާއި ކުށުގެ ރޭޓު ދަށްކުރުމަށްވެސް ކާމިޔާބު ހޯދޭނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް 19 އިގެ ބަލިމަޑުކަމުގައި ދިވެހި ރައްޔިތުން ފުލުހުންނާ ގުޅިގެން ކުރި މަސައްކަތް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ އިންސާނީ ހައްގުގެ އެންމެ މަތީ މިންގަނޑުތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން ކަމާއި ކުށްކުރުން މަދު މުޖުތަމައަކަށް ހެދުމަށް ފުލުހުން މަސައްކަތްކޮށްދިނުން ފާހަގަކުރެއްވިއެވެ.

އަދި އަވައްޓެރި ފުލުހުންގެ ހިދުމަށް ކުޅުދުއްފުށި ސިޓީގައި ފެށިގެންދާ މިދާ ވަގުތަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ކުރިއަށްވުރެ އިތުރުވެފައިވާ ވަގުތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރިމަތިވި ކޯވިޑް-19 ބަލިމަޑުކަމާއެކު ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ ގިނަ ކަންތައްތަކެއް ދަސްކޮށް ތަޖުރިބާ ކޮށްފައި ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ރައްޔިތުންވެސް ވަނީ ދިވެހިންގެ ހުރި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ލާމަސީލު މިސާލު ދައްކުވައިދީފައި ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތުން ދިވެހި ރާއްޖެއަށް، ހާއްސަކޮށް ކުޅުއްފުށި ސިޓީއާއި އެ ސަރަހައްދުގެ އެހެން ރަށްރަށަށްވެސް ދިމާވެފައިވާ ކުށުގެ ނުރައްކާތަކުން އަރައިގަނެވޭނެ ކަމުގައި ވިދާޅުވިއެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ބަދަލަކީ ކަމެއް ދިމާވުމުން އެކަމަށް ފިޔަވަޅުއަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލުހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވުމުން ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި އަވައްޓެރި ފުލުހުންގެ މަސައްކަތަކީ ޑިމޮކްރެޓިކް ހިއުމަން ރައިޓްސް ބޭސްޑް އަދި ކުށާއި ކުށުގެ ބިރުވެރިކަން ދަށްކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރުމަށް ގާއިމުކުރެވޭ ހިދުމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިނިޒާމަށް ފުލުހުންގެ މަސައްކަތް ބައްޓަންވުމުން ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ތެރެއިން މިހާރަށްވުރެ ރަނގަޅު އަދި ފުރިހަމަ ނަތީޖާތަކެއް ނެރެވިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަން ހާސިކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ފުލުހުންނަށް ލިބިގެން ކަމުގައިވެސް ވިދާޅުވިއެވެ.

އަދި މި ގާއިމުކުރެވޭ ހިދުމަތުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފުލުހުންގެ މަސައްކަތްތައް އެގޮތަށް ބައްޓަންކުރެވިގެންކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރެވިގެންދާއިރު ފުލުހުންނާއި އާންމުންވެސް ހިމެނޭހެން ތަމްރީނު ޕްރޮގްރާމްތައް ރާވާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ތަމްރީނަށް ވަރަށްބޮޑު އިސްކަމެއްދީފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ތަމްރީނުތަކަކީ ފުލުހުން އަލުން ތާޒާ ކުރުމާއި ގާނުނީ އިޖުރާތުތަކަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށާއި މިހާރުހުރި ކުށްތަކަށް އަދި ވުޖޫދުވަމުން އަންނަ ކުށްތަކަށްފިޔަވަޅު އެޅޭނެ ގާބިލުކަން އިތުރުކުރުމަށް ވަރަށްބޮޑަށް ސަމާލުކަން ދެވިގެންދާ ތަމްރީނުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.