ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތު ކުރުން އެކަނި އެއީ ހައްލެއްތަ؟ ގައުމީ ތަރައްގީ ތިމާވެއްޓާ ރައްޓެހި ވާންޖެހޭ!

ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތު ކުރުން އެކަނި އެއީ ހައްލެއްތަ؟ ގައުމީ ތަރައްގީ ތިމާވެއްޓާ ރައްޓެހި ވާންޖެހޭ!

Author
ހުސެއިން
04 ނޮވެމްބަރ 2021 08:12
0

ދިވެހި ރާއްޖެއަކީ ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތި ވެފައިވާ އެއް ގައުމެމެވެ. ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮތް ގޮތާއި، ފަސްގަޑު ތިރި މިރަށްތައް މާ ކަނޑުގެ މެދުތެރޭގައި ޖޯގްރަފީގެ ގޮތުން އެތުރިފައި އޮތްގޮތަށް އެކަނި ބަލާލުމުންވެސް، ދުނިޔޭގެ ތިމާވެއްޓަށް އަންނަަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ދެމިއޮތުމާއި ގުޅި ލާމެހިގެން ގޮސްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ތަސައްވުރު ކޮށްލެވެއެވެ.

މިގޮތުން ބަލާއިރު، ދުނިޔޭގައި ސިނާއީ މަސައްކަތްތައް ފާއިތުވެދިޔަ 200 އެއްހާ އަހަރުގެ ތެރޭގައި އާންމުވެގެން އައި އައުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔެ ހޫނުވަމުންދާ ދިއުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަމުންދާ، އަދި ކުރާނެ އެއްގައުމެއްގެ ގޮތުގައި ދުނިޔެއިން ފާހަގަވާން އޮތީވެސް ދިވެހިރާއްޖެއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ގިނަ ރަށްތަކަކީ، ކަނޑުގެ ސަތަހައިން ފެށިގެން 1 މީޓަރު ހަމަނުވާ އުސްމިނުގައި އުފެދިފައި ހުރި ރަށްތަކެއް ކަމުގައި ވުމެވެ.

ދުނިޔޭގެ ސައިންސްވެރިން މިހާރު ލަފާކުރާ ގޮތުގައި، ދުނިޔޭގެ ގައުމުތަކުން ޖައްވަށް ބޭރުކުރަމުންދާ ގްރީންހައުސް ގޭހުގެ މިންވަރު ކުރިޔަށް އޮތް 8 އަހަރުގެ ތެރޭގައި މިހާރު ހުރި މިންވަރާ އަޅާބަލާއިރު ދެބައި ކޮށްފަ އެއްބަޔަށް ތިރި ކުރަން ޖެހޭނެއެވެ. މި މިންވަރަށް، ކުރު މުއްދަތެއްގެ ތެރޭގައި ޖައްވަށް ބޭރުކުރަމުންދާ ވިހަ ގޭހުގެ މިންވަރު ތިރި ނުކުރެވި، މި ގަރުނު ނިމޭއިރު ދުނިޔޭގެ ހޫނިމިން 1.5°C އަށްވުރެ މަތިވެގެން ދިޔަ ނުދިނުމަށް 2015ވަނަ އަހަރުގެ ޕެރިސް އެގްރީމަންޓުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި ހަމައަށް ވާސިލް ވުމަކީ ދަތި އުދަގޫ ކަމެއްގެ ގޮތުގައި މިހާރު ސައިންސްވެރިން ދަނީ ފާހަގަ ކުރަމުންނެވެ.

ގްލަސްގޯވްގައި މިހަރު ކުރިޔަށްދާ ކޯޕް26 ސަމިޓުގައި ދުނިޔޭގެ ގައުމުތަކުގް ވެރީންނަށް މިހުންމުންތަކެއް ނުނިންމެވިއްޖަނަމަ ހުރި ކަންބޮޑުވުންައް ވަރަށް ބޮޑު

ސަބަބީ، މިހާރުވެސް ދުނިޔޭގެ ހޫނުމިން 1.2°C އަށް މަތިވެފައި ވުމެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކީވެސް، މިގަރުނު ނިމޭއިރު، 2.7°C ޑިގްރީއަށް ދުނިޔޭގެ ހޫނިމިން އުފުލިގެން ދާނެކަމަށް މިހާރު ސައިންސްވެރިންވަނީ ލަފާކޮށްފައެވެ.

މި މިންވަރަށް ދުނިޔޭގެ ހޫނުމިން އުފުލިގެން ހިގައްޖެނަމަ، ދުނިޔޭގެ އެންޓާކްޓިކާގެ ގަޑުފެންތައް ވިރެމުންދާ ނިސްބަތް އިންތިހާއަށް މަތިވެ، ކަނޑުގެ ލޮނުގަޑު އުފުލި، އަދި ދުނިޔެ ހޫނުވުމުގެ އިތުރުން، ދުނިޔެ އާދަޔާ ޚިލާފަށް ހޫންވެގެން ދިއުމުގެ ސަބަބުން އަންނާނެ އެހެނިހެން މޫސުމީ ބަދަލުތަކާއެކު، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމާމެދު މިއަދު އުފެދިފައިވާ ކަންބޮޑުވުންތައް ހަގީގަތަކަށް ވެގެންދާނެކަމީ، މިއަދު ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އެހެންކަމުން، ތިމާވެށީގެ މައްސަލަތަކުގައި ދިވެހިރާއްޖެއިން ވަކާލާތު ކުރަން ޖެހެއެވެ. އަޑު އުފުލަން ޖެހެއެވެ. މިހާލަތު ދުނިޔެއަށް ކުރިމަތިވެގެން ދިޔަ ނުދިނުމަށްޓަކާ، އެންމެ ބޮޑަށް ވަކާލާތު ކުރަންޖެހޭ ގައުމަކީވެސް ހަގީގަތުގައިވެސް ދިވެހި ރާއްޖެއެވެ.

އެހެންނަމަވެސް، މިމަގުން ބައިނަލް އަގުވާމި މަސަރަހުގައި ދިވެހިރާއްޖެ ވަކާތާލު ކުރަމުންދާއިރު، ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި، ދިވެހިރާއްޖެއިން އަދާކުރަން އޮތް ހަމަ އެކަނި ދައުރަކީ މިއީކަމުގައި ވެގެން ހިގައްޖެނަމަ، ތިމާވެށިގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ބަސް ވިއްކުން ފަސޭހަ ނުވެދާނޭކަމުގައި، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ސަބަބަކީ، ކްލައިމެންޓް ފައިނޭންސްގެ ގޮތުގައި ފައިސާގެ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާ ދިއުމާއި، އަދި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، އެހެނިހެން ގައުމުތަކުން ޖައްވަށް ދޫކުރަމުންދާ ވިހަގޭސްތައް ޖައްވަށް ދޫކުރުން ހުއްޓާލާ އެގައުމުތަކުން ތިމާވެއްޓާ ރައްޓެހިވުމަށް ރާއްޖެއިން ވަކާތާލު ކުރަމުންދާއިރު، ޖައްވަށް ވިހަ ގޭސްދޫކުރާ ސިނާއީ މަސައްކަތްތައް ރާއްޖޭގެ އަދި ކުރިޔަށް ނުދިޔައެއް ކަމަކު، ތިމާވެއްޓާއި ރައްޓެހި، އަދި ތިމާވެށި ހިމާޔަތް ކުރާ ސިޔާސަތުތައް އަމިއްލަ ގައުމުގައި ތަންފީޒު ވަމުންދަނީ ކޮން މިންގަޑަކުންކަން، މިއީ ބަވަނަ ވެފައިވާ ދުނިޔޭގައި ފަސޭހަކަމާއެކު ފެންނާން އޮންނާނެ ކަންކަމަށް ވާތީއެވެ.

ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަށް ރާއްޖޭގެ ފަޅުތައް ހިއްކަމުން ދާދިއުމުގެ ކަންބޮޑުވުން ގިނަބަޔަކު ދަނީ ފާޅުކުރަމުން

 

ތިމާވެއްޓާއި ރައްޓެހި ނޫން އެތަކެއް ސިޔާސަތެއް ދަނީ ތަންފީޒު ވަމުން!

ދިވެހިރާއްޖެއަކީ، ނާޒުކު ތިމާވެއްޓެއް އޮތް ގައުމެކެވެ. އަދި އުފެދުމުގައިވެސް، ރާއްޖެ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްގެ ގޮތުގައި އޮވެ، އެ ނާޒުކު ތިމާވެއްޓަށް، ގުދުރަތީގޮތުން އެތަކެއް ހިމާޔަތަކާއި ރައްކާތެރިކަމެއް ލިބިދީފައި އޮތްކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުން ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައި ވާގޮތުން، ހޭޅި ފަށުގައ، މޫލާފައި ހުންނަ ވަރުގަދަ ގަސްތައް އުފެދި އާލާވެގެން ދިއުމާއި، ރަށްރަށުގެ ވަށައިގެންވާ ފަޅުތަކާއި ފަރުތައް ރަށްރަށުގެ ވަރުގަދަ ހިމާޔަތަކަށް ވެގެން ދިއުމާއި، އަދި ފަޅުތަކާއި، ފަރުތަކާއި، ގިރިތަކުގައިވާ ދިރުމާއި، މުޅި ބައޯ ޑައިވާސިޓިއަކީ، ދިވެހިރާއްޖޭގެ ރަށްތަކާއި އަދި އެރައްތަކުގެ ދިރުމާއި ހިމާޔަތާއި ރައްކާތެރިކަމާ އެތައް ގޮތަކުން ގުޅި ލާމެހިފައިވާ ކަންކަން ކަން މިއީ އަމަލީގޮތުން ދިވެހިން ތަޖުރިބާ ކޮށްފައިވާ ކަންކަމެވެ.

އެހެންނަމަވެސް ގައުމަށް އައި ތަރައްގީއާއި، ތަމައްދުނާއި، ރައްޔިތުންގެ ދިރުއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، އަދި ފަހުގެ ތާރީޚުތަކުގައި ސަރުކާރުތަކުން ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ ނާޒުކުކަން، ގައުމުގެ ދެމިއޮތުމަށް އޮތް ނުރައްކަލަކަށް ބަދަލު ވެގެން ދިޔައީއެވެ.

ތެދު ފުޅެކެވެ. ދިވެހިރާއްޖެއަކީ، ބިމުގެ އަޑިން ނަގާ މައުދަނެއް ކަމުގައިވާ ކޯލް ނަގާ ގައުމެއް ނޫނެވެ. އެހެންކަމުން ކޯލް އަންދައިގެން، ސިނާޢީ ބޮޑެތި މަޝްރޫޢުތައް ހިންގައިގެން، ގެދަބުޅި އެކުލެވޭ ދުން ދިވެހިރޭއްޖެއިން ޖައްވަށް ބޭރުކުރަމުންނެއް ނުދެއެވެ.

އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ، ދިވެހީންގެ އަމިއްލަ އަތުން، ހޭޅިފަށުގައި، މި ކުދިކުދި ރަށްތަކުގެ ހިމާޔަތެއްގެ ގޮތުގައި ހެދިފައިހުރި، ވަރުގަދަ ގަސްތައް ކަޑާ ތިރިކޮށްފައި ވާކަމެވެ. ތަރައްގީ ގެނައުމަށްޓަކާ، ރަށްރަށުގެ މަގުތަކާއި، އަދި ހުސް ބިންތަކުގައި ހެދިފައިހުރި ބިޔަ ބޯ ގަސްތައް ކަޑާ، ރަށްތަކުން ފެހިކަން އެކީއެކަށް ގެއްލިގެން ހިގައްޖެކަމެވެ. ފަޅުތަކާއި ފަރުތައް ހިއްކާ، ގިނަ ރަށްރަށުގެ ވަށައިގެންވާ ގުދުރަތީ ދިފާޢީ ނިޒާމުތައް މިވަކީ އެކީ މުގުރާލެވިފައެވެ. އަދި ހަމަ އެއާއިއެކު، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށްޓަކާ، ރައްޖޭގެ އެކި ސަރަހައްދުތަކުގައި ހެދިފައިހުރި ރީތި ފަޅުތައް ހިއްކާ، ރާއްޖޭގެ ކަނޑުފަޅުތަކުގެ "ބައޯ ޑައިވާސިޓި"އަށް މިވަނީ ނޭދެވޭ ބޮޑެތި ބަދަލުތައް އަންނަން ފަށާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތައް ރާއްޖޭގެ ގިނަ ފަޅު ރަށްތައް ދޫކޮށް، މިރަށްތަކަށް މަސްނޫޢީ ތަރައްގީ ގެނެސް، ގުދުރަތީ ވަސީލަތްތައް އެކީ ނެތިގެން ދިޔައީއެވެ. ރަށްތައް ހުސްވެދިއުމުން، ފަތުރުވެރިކަމާއި، ސިނާއީ މަސައްކަތްތައް ކުރުމަށް، ސަރުކާރުތަކުގެ އާމާޒު ފަޅުތަކާއި ހާހަލާއި ދިމާލަށް މިސަރާބު ހިފާ، ފަޅުތަށް ކޮނެ، ހިއްކާ، ގައުމީ ތަރައްގީގެ މިހާރުގެ މިސްރާބަށް ބަލާއިރު، އަވަސް މުސްތަގުބަލެއްގައި ފަޅުތައް ހުސްވެދިއުން އޮތީ ދުރަކު ނޫންކަމުގައި ދަންނަންވަން ޖެހެއެވެ.

 

ގައުމުގެ ތިމާވެށީގެ ހާލަތާމެދު ވެރީން ޖަވާބުދާރީ ވާންޖެހޭ!

ކޮންމެއަކަސް، ބައިނަލް އަގުވާމީ މަސްރަހުގައި، ދިވެހިރާއްޖޭގެ ވެރިން ތިމާވެށީގެ މައްސަލަތަކާއި ގުޅޭ، "މޮޅެތި ތަގުރީރުތައް" ދެއްވަމުން ގެންދެވިއެއްކަމަކު، ހަގީގީ ވިސްނުމަކުން ވިސްނާއިރު، ގައުމުގެ ތިމާވެށީގެ ހާލަތު އޮތީ މިއުސޫލުން، ބައިނަލް އަގުވާމީ މަސްރަހުގައި "މޮޅެތި ވާހަކަތައް" ގައުމުގެ ވެރީންނަށް ދެއްކެވޭނެ ހާލަތުގައިތޯ މިއީ ކޮށްލުން އެންމެ ރަގަޅު ސުވާލެކެވެ.

ސީވިއެފް އެމްބެސެޑަރުގެ ހައިސިއްޔަތުން ކޯޕް26 ސަމިޓުގެ ހަވާސާގައި ނަޝީދު ގެންދަވަނި ތިމާވެށީގެ މައްސަލަތުގައި ވަކާލާތު ކުރައްވަމުން

ދިވެހިރާއްޖޭގެ ގައުމީ ތަރައްގީ އެކުލަވާ ލެވުމުންދަނީ، ތިމާވެށި ހިމާޔަތް ކުރެވޭނެ އެންމެ ރަގަޅު ޕްލޭނަކާއެކީ ނޫންކަން މިއީ ގައުމީ ތަރައްގީއަށް ނަޒަރެއް ހިންގާލުމުން ވަރަށްވެސް ރަގަޅަށް ފެންނާން އޮތް އެއް ހަގީގަތެވެ. ރަށްތައް ހިއްކާ، ރަށްތަކުގެ ވަށައިގެން ފަޅުތައް އެކީ ނެތިގެން ދިޔައިރު، އާބާދީތައް އެއްފަސް ކުރުމުގެ ސިޔާސަތެއް ނެތެވެ. ރަށްތަކުގެ މަގުތައް ހަދާ، ތަރައްގީގެ ނަމުގައި ގުދުރަތީގޮތުން ހެދިފައި ހުރި ރަށްތަކުގެ އުފެދުމަށް ބޮޑެތި ބަދަލުތައް ގެނެވުނުއިރު، ރަށްތައް ފެހިކޮށް ބޭއްވުމުގެ ޕްލޭނެއް ނެތެވެ. ކޮންނަ ބޯޓުތައް ބޭނުންކޮށްގެން ހާހަލާއި ފަޅުތައް ހިއްކަމުންދާއިރު، މި ފަޅުތައް އެކީ ހުސްވެދިއުމުން ދެންވާނެ ގޮތަކާމެދު މިއަދު ވިސްނުމެއް ނެތެވެ. މިތަންތަނުގެ ބައޯ ޑައިވާސިޓީ ނެތިގޮސް، ފަޅުތަކާއި ކަނޑުތަކުގެ ދިރުމާއި، ރަށްތަކުގެ ހިމާޔަތާއި، ދިވެހިންގެ ކެއިންބުއިމާއި، މިހެންގޮސް ގުޅި ލާމެހިފައި އޮތް ޗޭނުގެ ބޮޅުތައް ނެއްޓި، އެކީ ޗޭނު ބުރިބުރި ވެގެން ދިއުމުން ދެން ވެގެންދާނެ ގޮތަކާމެދު މިއަދު ވިސްނާލުމެއް ނެތި ހުރިހާ ސަރުކާރަކުންވެސް ގެންނަމުން މިދަނީ މި ތަރައްގީއެވެ.

އަދި މިތަރައްގީ ގެނައުމަށްފަހު، ގައުމުގެ ވެރީން ގައުމުން ބޭރަށް ވަޑައިގެން، ބައިނަލް އަގުވާމީ ފޯރަމްތަކުގައި "މޮޅެތި" ތަގުރީރުތައް ދެއްވަނީއެވެ. އަނެއްބައި ވެރީން ތިމާވެށީގެން "ލެޖެންޑުންގެ" ގޮތުގައި، ޓީވަތަކަށާއި، އެއްވުންތަކުގައާއި، ފޯރަމުންތަކުގައި ގައުމު ތަމްސީކުރައްވަނީއެވެ. އެހެންނަމަވެސް، މި އަރަތް މިގޮތުގައި މިބީދައިން ދެކޮޅު ނުޖެހި އޮންނަން ޖެހިއްޖެނަމަ، ތިމާވެށީގެ މައްސަލަތަކުގައި ދިވެހިރާއްޖެއާމެދު ބޭރުމީހުން ދެކެމުންދާ ގޮތް ބަދަލު ނުވެ ނޯނާނޭކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި މިއީ ހަގީގަތުގައިވެސް ދެކޮޅު ޖައްސަން ޖެހިފައޮތް އަރަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.