މީގެ 32 އަހަރު ކުރިން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެރޭ އަރާމު ނިންޖަކުން މާލޭގެ ރައްޔިތުން ނިދާފައި ތިއްބާ ހޭލައްވާލީ ބަޑީގެ ބިރުވެރި އަޑުފަށްގަޑުންނެވެ. ހުރިހާ އެންމެންވެސް ހީކޮށްގެން ތިބީ އެއީ ނޮވެމްބަރު 11 ވަނަ ދުވަހަށް ދިވެހި ސިފައިން ހަދަމުންދާ ތަމްރީނުތަކެއްގެ އަޑުކަމަށެވެ. ނަމަވެސް އެއަޑުފަށްގަނޑުގެ ޚަބަރު ބަލަން މާލޭގެ މަގުމަށްޗަށް ނިކުތް މީހުންނަށް ބިރުން ފިތްކަނޑުވަލީ ގޮތްނޭނގޭ ބަޔަކު މާލޭގެ މަގުތަކުގައި ހަތިޔާރާއެކު ހަރަކަތްތެރިވާމަންޒަރު ފެނިފައެވެ. ދުވާލުގެ އަލިކަން ފެތުރެމުންދިޔަވަރަކަށް މާލޭގެ މަގުތަކުން ފެނިގެން ދިޔައީ ލެޔާ ތަތްތެޅިފައިވަ ދިވެހިންނެވެ. ޒަޚަމްތައް ވެފައިތިބި ދިވެހިންނާއި، ޝަހީދުވެ މަގުތައް މައްޗަށް ވެއްޓިފައި ތިބި ދިވެހިންނެވެ.
1988 ވަނަ އަހަރުގެ 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ 8 ބޭކަލަކާއި ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.
ކޮމާންޑަރެއްގެ ގޮތުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވީ އޭރުގެ މޭޖަރ މުޙައްމަދު ޒާހިރެވެ. ޙަމަލާދޭންފެށުމާއެކު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ސިފައިންގެއަށް ފޯނުން ގުޅުއްވައި، މަޢުލޫމާތު ސާފުކުރައްވައި ރައްދުގައި ޙަމަލާދިނުމުގައި ސިފައިންގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެމައްޗަށް އިރުޝާދު ދެއްވައި ހިތްވަރު
ދެއްވަމުން ގެންދެވިއެވެ. އަދި ބައިނަލް އަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ޢުދުވާނީ ހަމަލާ ގެންނަވައި، އިންޑިއާގެ އަސްކަރީ އެހީލިބޭނޭ މަގު ތަނަވަސްކުރެއްވިއެވެ.
ޝަހީދުވި މީހުންގެ ޚަބަރުތަކާއި ވަޒަން އަރައި ޒަޚަމްވެގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ ޚަބަރުތައް ފެތުރެން ފެށިއެވެ. އެ ބިރުވެރި ދުވަހު އަތޮޅުތަކުގައި ތިބި ރައްޔިތުންނަށް ޚަބަރުތައް ސާފުވާންފެށިހިސާބުން މިސްކިތްތަކަށް އަރައި ދުޢާކޮށް ސަލާމަތީ ފިޔަވަޅުތައް އަޅައި ރަށްތައް ބަލަހައްޓަންފެށިއެވެ. އެދުވަހު ދިވެހި ރައްޔިތުން ތިބީ އެއް ވިސްނުމެއްގައި، އެއް ފިކުރެއްގައި އެއްބައިވަންތަ އަދި އެއްބައެއްގެގޮތުގައެވެ.
މި ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި އިސްކޮށް ތިބީ ދިވެހި ޤައުމަށް ޣައްދާރުވި ދިވެހިންގެ މަދުބަޔަކާއި ސްރީލަންކާގައި އޭރު އޮތް ތަމަޅަ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓު) ޖަމާޢަތެވެ.
އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ދިވެހި ރާއްޖޭގެ ވެރިރަށް މާލެ، ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި އޮތެވެ. ޒަމާނީ ހަތިޔާރާއެކު ހަމަލާދެމުންދިޔަ ދުޝްމަނުންގެ މައި އަމާޒަކީ ދިވެހި ސިފައިންގެ މައި މަރުކަޒެވެ. މިޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް ނުކުތް ސިފައިންގެ ލަޝްކަރުގެ 8 ބޭފުޅަކު ޝަހީދުވިއެވެ. އެއީ ދީނާއި ޤައުމަށްޓަކައި އެބޭކަލުންގެ ފުރާނައިން ޤުރުބާންވި ޤައުމުގެ އަގުހުރި ދަރިންތަކެކެވެ. ތާއަބަދަށް އެބޭކަލުންނަށްޓަކައި މި ޤައުމު ފަޚުރުވެރިވާނެއެވެ.
3 ނޮވެމްބަރ ގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުން:
- ކޯޕްރަލް ޙުސައިން އާދަމް (ސ.ނ 856) ހދ. ކުޅުދުއްފުށި / މާވާގެ (އުމުރު 20 އަހަރު)
ސިފައިންގެ މައިމަރުކަޒަށް ޙަމަލާދިން ވަގުތު އެމަރުކަޒުގެ މައިގޭޓުގައި ޓާސްކްފޯސް ޑިއުޓީގައި ތިއްބެވި ދެ ބޭކަލުންގެ ތެރެއިން އެއް ބޭކަލަކީ ކޯޕްރަލް ޙުސައިން އާދަމެވެ. މިމަޤާމުގައި ފިސާރި ސާބިތުކަންމަތީ ހުންނަވައި ކޯޕްރަލް ޙުސައިން އާދަމް، ދުސްމިނުން ދެމުންގެންދިޔަ ބަޑީގެ ވަރުގަދަ ޙަމަލާތަކުން ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ކޯޕްރަލް ޙުސައިން އާދަމުގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޒަން އަރައި ޝަހީދުވިއެވެ. ކޯޕްރަލް ޙުސައިން އާދަމް މިޢުދުވާނީ ޙަމަލާގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ތެރޭގައި ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގައި އެންމެ މުހިންމު ބައި ކުޅުއްވާ، ހިތްވަރުގަދަ ކެރޭ ސިފައިންގެ މީހެއްކަން ސާބިތުކޮށްދެއްވިއެވެ.
- ލެފްޓިނަންޓް މޫސާ އަޙުމަދު (ކުޑަނެވި ތުއްތުމަނިކު) ސ.ނ 243 މއ. ދާރީގެ (އުމުރު 51 އަހަރު)
ސިފައިންގެ ވެރިޔާގެ ނައިބު ހުންނަވާ ގެކޮޅަށް ޙަމަލާ ދެނިކޮށް ލެފްޓިނަންޓް މޫސާ އަޙުމަދު (ކުޑަނެވި ތުއްތުމަނިކު)ގެ އަތުގައި އެއްވެސް ހަތިޔާރެއްނެތި އެބައިމީހުންނާއި ކުރިމަތިލެއްވުމުން ދުސްމިނުންގެ ބަޑީގެ ވަޒަން ލެފްޓިނަންޓް މޫސާ އަޙުމަދުގެ ގަޔަށް އަރައި ޝަހީދުވިއެވެ.
- ސާރޖަންޓް އާދަމް ނަޞީރު (ސ.ނ 635) ޝޭޑީ ވިލާ (އުމުރު 28 އަހަރު)
ސިފައިންގެއިން ރެކީ ޕެޓްރޯލެއްގެ ގޮތުގައި ނުކުންނެވި 10 ބޭކަލުންގެ ތެރެއިން ސާރޖަންޓް އާދަމް ނަޞީރު (ޝޭޑީ) ނިކުންނެވި ވަގުތު ދުސްމިނުން ދިން ބަޑީގެ ޙަމަލާގައި ވަޒަންއަރައި ޝަހީދުވިއެވެ. ސާރޖަންޓް އާދަމް ނަޞީރު ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒުގެ އިރު އުތުރު ކަނާ ދިމާއިން އަމީރު އަޙުމަދު މަގަށެވެ.
- ކޯޕްރަލް މުޙައްމަދު އިބްރާހީމް (ސ.ނ 606) ހއ. މުޅަދޫ / އަނބުގަސްދޮށުގެ (އުމުރު: 31 އަހަރު)
ސިފައިންގެއިން ރެކީ ޕެޓްރޯލެއްގެ ގޮތުގައި ނުކުންނެވި 10 ބޭކަލުންގެ ތެރޭގައި ކޯޕްރަލް މުޙައްމަދު އިބްރާހީމް (މެކާނޯ) ނިކުންނެވި ވަގުތު ދުސްމިނުންދިން ބަޑީގެ ޙަމަލާގައި ވަޒަން އަރައި ޝަހީދުވިއެވެ. ކޯޕްރަލް މުޙައްމަދު އިބްރާހީމް ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒު އުތުރު ކަނާދިމާއިން އަމީރު އަޙުމަދު މަގަށެވެ.
- ކޯޕްރަލް މުޙައްމަދު ޙަސަން (ސ.ނ 821) ތ. ދިޔަމިގިލި / ހ. ރަބީޢުގެ (އުމުރު 28 އަހަރު)
ސިފައިންގެއިން ރެކީ ޕެޓްރޯލެއްގެ ގޮތުގައި ނުކުންނެވި 10 ބޭކަލުންގެ ތެރޭގައި ކޯޕްރަލް މުޙައްމަދު ޙަސަން ނުކުންނެވި ވަގުތު ދުސްމިނުން ދިން ބަޑީގެ ޙަމަލާގައި ވަޒަން އަރައި ޝަހީދުވީއެވެ. ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒު އިރު އުތުރު ކަނާދިމާއިން އަމީރު އަޙުމަދު މަގަށެވެ.
- ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު (ސ.ނ 120) ހ. އަންހީޓް (އުމުރު 49 އަހަރު)
ސާޖަންޓް ކުޑައާދަމް ކުޑަތުއްތު ޝަހީދުވީ ޒޯން ޑިއުޓީގައި މެދުޒިޔާރަތް މަގުގައި އުޅުއްވަމުން ގެންދަވަނިކޮށް ދުޝްމިނުން ދިން ބަޑީގެ ޙަމަލާއިން ވަޒަން އަރައިގެންނެވެ. ސާރޖަންޓް ކުޑަ އާދަމް ކުޑަތުއްތު ޝަހީދުވެގެން ވެއްޓިފައިވަނީ އިސްލާމީ މަރުކަޒުގެ ކައިރިން މެދުޒިޔާރަތް މަގަށެވެ.
- ކޯޕްރަލް ޙުސައިން މުޙައްމަދު (ސ.ނ 246) ބ. ތުޅާދޫ / މަބުސްތާނުގެ (އުމުރު 38 އަހަރު)
ކޯޕްރަލް ޙުސައިން މުޙައްމަދު (މަސްތަކާ)، ޝަހީދުވީ ޒޯން ޑިއުޓީގައި އުޅުއްވަމުން ގެންދަވަނިކޮށް މެދުޒިޔާރަތް މަގުން މުލިއާގޭ މައިގޭޓާއި ހިސާބުން ދުޝްމިނުން ދިން ބަޑީގެ ޙަމަލާއެއްގައި ވަޒަން އަރައިގެންނެވެ.
- ކޯޕްރަލް ޢަބްދުﷲ ޒުހައިރު (ސ.ނ 830) ގދ. ތިނަދޫ ޝަރީފާ މަންޒިލް (އުމުރު 33 އަހަރު)
ކޯޕްރަލް ޢަބްދުﷲ ޒުހައިރު ޝަހީދުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅަނގު ގޭޓް ޑިއުޓީގައި ހުންނަވަނިކޮށް ދުޝްމިނުން ދިން ބަޑީގެ ޙަމަލާއަކުން ވަޒަން އަރައިގެންނެވެ.
އެދުވަހު ދުޝްމަނުންނަށް ސިފައިންގެ މައިމަރުކަޒު ނުހިފުނީ ހިތްވަރުގަދަ ބަޠަލު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕަރަލް ޙުސައިން އާދަމް ސިފައިންގެ ދޮރާށި ބެލެހެއްޓެވުމުގައި ޝަހީދުވަންދެން ހަނގުރާމަކުރެއްވުމުންނެވެ. އެދުވަހު ދިވެހި ޤައުމަށް ލިބުނު ނަޞްރުގެ ހަޤީޤީ ސަބަބަކީ އެންމެ 20 އަހަރުގެ މި ޒުވާން ބަޠަލު ދައްކުވައިދިން މިހިތްވަރުގަދަ ޢަމަލެވެ.
އެ ބިރުވެރި ދުވަހު ޢާންމު މަދަނީންގެ ތެރެއިން ދުޝްމަނުން ޝަހީދުކޮށްލި 11 ދިވެހިންނާއެކު ޖުމްލަ 19 ދިވެހިންގެ ޠާހިރުލެއިން މި ފަޚުރުވެރި ދިވެހި ބިން ފެވިގެންދިޔައެވެ. އަދި މިޙަމަލާގައި 39 ދިވެހިންވަނީ ޒަޚަމްކޮށްލާފައެވެ.
ޝަހީދުވި ޢާއްމުން:
- އިބްރާހީމް ޙުސައިން، މއ. އަންނާރުގެ (ހއ. ބާރަށް)
- އިސްމާޢީލް ޙަލީމް، މ. ރޯޒްބުޝް
- އިބްރާހީމް ހަމީޒު، މ. ބީޗްސައިޑް
- ޢުމަރު އަޙްމަދު، ޗާނދަނީގެ، ހއ. ދިއްދޫ
- ޢަބްދުއްސައްތާރު އާދަމް، ހ. މެރިހާނާ
- ޢަބްދުއްރަޙްމާން އާދަމް، މ. ޑްރީމީލައިޓް
- އަޙްމަދު ރަޝީދު، ހ. ވެލްގްރޯ
- ޙަސަން ޒަރީރު، އަލިމަސްގެ، ގއ. ވިލިނގިލި
- ޖައްވާދު ޢުމަރު، ކާމިނީގެ، ތ. ދިޔަމިގިލި
- އަޙްމަދު ލަބީބު، އޯކިޑްމާގެ، ސ. ހިތަދޫ
- ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ، ކ. ދިއްފުށި
ނޮވެމްބަރު 3 ގެ ބާޣީންނާއި ދުޝްމަނުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ. މި ޢުދުވާނީ ހަމަލާގެ މޭސްތިރިޔަކީ ހ. ހާޖަރާގޭ ބާޣީ ޢަބްދުﷲ ލުޠުފީއެވެ. ޢަބްދުﷲ ލުޠުފީއާއެކު ދިވެހިންގެ 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެފައިވެއެވެ. ލުޠުފީގެ އިތުރުން މިޙަމަލާގައި ހިމެނޭ މީހުންނަކީ ސަގަރު އަޙްމަދު ނާޞިރާއި، ޢަބްދުﷲ ޝާހިދާއި ކަރޯ ޢައްބާސް އިބްރާހީމާއި، މުޙައްމަދު ނަޢީމް ( ޕައިލޮޓް ނަޢީމް )އާއި ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢުމަރު ޖަމާލެވެ.
މި ޢުދުވާނާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން، ދިވެހިރާއްޖެ މިއުދުވާނުން ދިފާޢުކުރެއްވުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަން މުހިންމު ބުރަ މަސައްކަތްޕުޅެއް ކުރެއްވިއެވެ. ދިވެހި ސަރުކާރުން އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދެވުނީ އަވައްޓެރި އިންޑިއާއަށެވެ.
އެހެންނަމަވެސް އިންޑިއާ ސިފައިން އައިއިރު ދިވެހި ސިފައިންވަނީ ހަނގުރާމައިން ނަޞްރުހޯދާފައެވެ. ބާޣީންނާއި ޓެރަރިސްޓުންވަނީ އޭރު ފިލައިގެން ދިއުމުގެ މަސައްކަތް ފަށާފައެވެ. ބަޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން ސަރުކާރުގެ މަތީ މަޤާމުތަކުގައި އޭރު ތިއްބެވި ބައެއް ބޭބޭފުޅުން ހިމެނޭގޮތުން ދިވެހިންގެ ބަޔަކު ރަހީނުންގެ ގޮތުގައި ގޮވައިގެން ފިލަންދަނިކޮށް އެމީހުންނާ ކުރިމަތިލައި ރަޙީނުން ސަލާމަތްކޮށް ބާޣީން ހައްޔަރުކޮށްފައިވަނީ އިންޑިއާ ސިފައިންގެ ދެމަނަވަރުގެ އެހީގައެވެ.
މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކާ ދިވެހިންގެ މަދުބަޔަކު ހިންގި ޢުދުވާނީ ހަމަލާއެކެވެ. އެދުވަހުގެ ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުނެވެ. އެ ނަޞްރު ލިބުނީ ދިވެހި ރައްޔިތުން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއެކު މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ކުރި މިންނަތް މަސައްކަތުގެ ސަބަބުންނެވެ. ދީނާއި ޤައުމުދެކެ ލޯބިވާ ދިވެހި ދަރިންކުރި ދުޢާގެ ސަބަބުންނެވެ. އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޒަޚަމުވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި މަސައްކަތްކުރި ދިވެހިންގެ ވަރުގަދަ ޢަޒުމުގެ ސަބަބުންނެވެ. ޤައުމުގެ މިނިވަންކަން ގެއްލިގެން ދިއުމަށް ދޫކޮށްލަން ބޭނުންނުވި ހިތްވަރާއި ޢަޒުމު ވަރުގަދަ ފަހުލަވާނުންތަކެއްގެ ސާބިތުކަމުންނެވެ.
ޤައުމާއި، އިސްލާމްދީނާމެދު ދިވެހިންގެ މެދުގައި އޮންނަ އިޚްލާސްތެރިކަން މިފަދަ ކޮންމެ ހާދިސާއަކުންވެސް އެނގި ހާމަވެގެންދެއެވެ. ދިވެހިން މި ބިރުވެރި ދަނޑިވަޅުގައިވެސް ރައްކާތެރިކަމަށް އެދުނީ މާތްﷲ ގެ ހަޟުރަތުންނެވެ. ދިވެހިންނަށް ލިބުނު ނަޞްރަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި، އިޚްލާސްތެރިކަމުގެ ވަރުގަދަ ނަމޫނާއެކެވެ. މިއީ ހުރިހާ ދިވެހިން އެއްވަރަކަށް ހިއްޞާވާ ކާމިޔާބީއެކެވެ.
.