ދައުލަތުގެ މާލިއްޔާއިން ވަކި ބޭފުޅަކަށް މިލިޔަނުން ފައިސާ ޚަރަދު ކުރަމުންދާއިރު، ނިކަމެތި ދިވެހި ރައްޔިތުންގެ ތެރޭގައި އަނގަޔާއި އަތާދިމާނުވާ ހާލަތުގައި ބައެއް މީހުން ތިބިކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިފަދައިން ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ދައުލަތުން ބޮޑު ޚަރަދުކޮށްގެން ހޮޓެލް ޖެންގައި ބަހައްޓަވައި ދުވާލަކު އެތައް ފައިސާއެއް ޚަރަދު ކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ކޯވިޑް-19 އާއި ގުޅިގެންނާއި، ވަޒީފާ ނެތި ނިކަމެތި ހާލުގައި އުޅެމުންޖެހުމުން އެކަމުގެ ހިތްދަތި އިހުސާސްތައް ސޯޝަލް މިޑިއާގައި ދަނީ ބަންޑުން ކުރަމުންނެވެ.
ޝައިޚު ވިދާޅުވީ ނިކަމެތި ކަންމަތީ ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް މީހުން އަނގަޔާއި އަތާއި ދިމާނުވާ ހާލުގައި ދިރިއުޅެމުންދާއިރު، ރައްޔިތުންގެ ފައިސާއިން ވަކި މީހަކަށް އަގުބޮޑު ހޮޓާތައް ހިފައި ބަހައްޓައި ބޮޑެތި ޚަރަދު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. މިކަމަކީ އެފަދަ ނިކަމެތި ހާލަތުގައި ތިބި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ޝައިޚު ވިދާޅުވިއެވެ.
ރައްޔިތުންގެ ފައިސާއިން ބޭކާރުގޮތުގައި މަހަކު އެތައް މިލިއަން ރުފިޔާތައް ބައެއް ވަކިވަކި ބޭފުޅުންނަށް ޚަރަދުކޮށް އަގުބޮޑު ހޮޓާތަކަށް އެފައިސާތައް އިސްރާފުކުރެވޭއިރު ހަމަ އެފަދަ މީހުންނާ އެއްވަރަށް ހިއްޞާވާ ނިކަމެތި ރައްޔިތުން އަނގައާ އަތް ދިމާނުކުރެވޭ ޙާލުގައި. މިއީ ވ ދެރަކަމެއް!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
މެއި 6ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި ހުންނެވުމަށްފަހު ފަސްމަސް ދުވަސް ފަހުން ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އެމަނިކުފާނަށް ޚާއްސަކޮށްފައިވާ ގެކޮޅު މުރައިދޫގެ މަރަމާތުކޮށް ނުނިމޭތީ އެމަނިކުފާނަށް މަތީ ސެކިއުރިޓީއާއެކު ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ ހޮޓެލް ޖެންއެވެ.
ބަޖެޓުގައި މަޖިލީހުގެ ރައީސްގެ ގެކޮޅުގެ ހަރަދަށް 6.8 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބިއުރޯ ހިދުމަތްތަކަށް، 1،293،136 ރުފިޔާ، ކޯޕަރޭޓް ހިދުމަތްތައް 3،210،812 ރުފިޔާގެ އިތުރުން، ހައުސްހޯލްޑް ހިދުމަތްތައް 2،357،668 ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ