ކުރީގެ އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޑޮކްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ މައްސަލައިގައެވެ.
މި މައްސަލާގައި މިއަދު ހުކުމް އިއްވަވަމުން ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާބޮޑު އެއްޗެއް ނޭނގޭ ކަމަށް އެނގެން އޮތް ކަމަށެވެ. މި ޕްރޮޖެކްޓަކީ ރައީސް އޮފީހުން ހާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީއާ އީވައިސީ ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ޒިންމާ އަކީ ހަމައެކަނި އެ ފަރާތްތަކުން އަންގާ ގޮތަށް ޕްރޮޖެކްޓް ހިންގުން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމަކީ މިނިސްޓްރީގެ އެކި ލެވެލްގައި އަދި ފިނޭންސް މިނިސްޓްރީން އެޕްރޫވަލް ދިނުމުން ވެފައިވާ އެއްބަސްވުމެއް ކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ލެވެލްގައި ބެލުމަށްފަހު ވެވުނު އެއްބަސްވުމުގައި އެހެން މީހުންނަށް ނުފެނުނު ކުށެއް ޑރ. ޒިޔާދަށް އެކަނި ފެންނަން ޖެހުމަކީ އިންސާނެއްގެ ބުއްދިން ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ މިސްބާހް މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޑރ. ޒިޔާދާއި، ސައިދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބެލެވޭނެ އެއްވެސް އުންސުރެއް ނެތް ކަމަށް ގާޒީ މިސްބާހް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ