ކައުންސިލްތަކަށް 34 އެސްޖީއަކު އައްޔަންކޮށްފި

ކައުންސިލްތަކަށް 34 އެސްޖީއަކު އައްޔަންކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 11:00
0

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލްސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް 34 ބޭފުޅަކު އައްޔަންކޮށްފިއެވެ.

ސީއެސްސީން އައްޔަނުކޮށްފައިވަނީ 1 ސިޓީ ކައުންސިލް، 4 އަތޮޅު ކައުންސިލް އަދި 29 ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޮވުމުގެ ޕްރޮސެސް ނިމި، މީހުން އައްޔަނު ނުކުރެވި ހުރި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ކޮމިޝަނުން މީހުން އައްޔަނުކުރަމުން ގެންދާނެއެވެ. މިހާރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވިފައިވާ ފަރާތްތަކަށް މިމަހުގެ 8 އިން 10 އަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް ކުރިމަތިލުމަށް 20 ޖޫން 2021 ގައި ކޮމިޝަނުން ޢާންމުކޮށް ހުޅުވާލުމުން، އެ މަގާމުތަކަށް 511 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

އެކިއެކި ސަބަބުތަކާހުރެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން އިޢުލާނުކުރެވުނު 75 ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާ މިހާރުވެސް ކުރިޔަށްދާކަމަށް ސީއެސްސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.