މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރަކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިމިވަނީ އެކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ޒީނާ ޒާހިރު މިދިޔަމަހުގެ 28 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައިވާތީއެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެމަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށައެޅުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުން ޒީނާ އިސްތިއުފާދެއްވާފައިވަނީ އޭނާ މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާ އެދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށެވެ. ޒީނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ފާސްކޮށްފައިވަނީ އޭނާގެ މެމްބަރު ކަމުގެ ދައުރު ހަމަވާން ހަ މަހަށް ވެފައި ވަނިކޮށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލާފައިވާ މައްސަލަތަކުގެ ތެެރޭގައި ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވަކި ސިޔާސީ ނުފޫޒުތަކަށް މައްސަލަތައް ނިންމުންފަދަ މައްސަލަތައް ހިމެނެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވާއިރު، ކުރީގެ ކޮމިޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސްގެ މަޤާމު ފުރުއްވި މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. ޞަފްވާން މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނިކުމެވަޑައިނުގެން މުސާރަ ނެންގެވުމަށްފަހުއެވެ. އަދި ކޮމިޝަންގެ މެމްބަރު ފާތިމަތު ޒައިނާ މަޤާމުން ވަކިކޮށްފައި ވަނީ މަޖިލީހުގައި އިތުބާރު ނެތްކަމަށް ވޯޓެއްގައި ފާސްވުމުންނެވެ.
ކޮމެންޓު ފޮނުވާ