ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯ ބަލިކޮށް ރެއާލް ސޮސިއެޑާޑް ތާވަލުގެ އެއްވަނައަށް އަލުން ޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ސޮސިއެޑާޑް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 24ވަނަ މިނިޓުގައި ސޮސެއިޑާޑް ވަަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ޑޭވިޑް ސިލްވާއެވެ. އަދި އޭގެ 10 މިނެޓު ފަހުން މިކޭލް އޮޔާޒަބަލް ވަނީ ސޮސިއެޑާޑަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ސޮސެއިޑާޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު އެ ޓީމުން ޖަހާާދިނީ ވިލިއަން ހޯސޭއެވެ. މެޗުގައި ސެލްޓަވީގޯގެ ހަމައެކަނި ލަނޑު، 77 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ އިއާގޯ އަސްޕާސްއެވެ. ސޮސެއިޑާޑްގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ވިލިއަން ހޯސޭއެވެ. މި މެޗުގައި ސެލްޓަގެ ހޯސޭ ފޮންޓަންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.
މި މޮޅާއެކު ސްޕެނިޝް ލީގުގެ އެއްވަނައަށް ސޮސިއެޑާޑް ޖެހިލީ ކުޅުނު އަށް މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.