2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި 94 ބިލިއަށް އަރާނެ ކަމުގައި ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.
މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތައެވެ.
2022 އަށް ރަފާލުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅައި، ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް ވަނީ ރޭވިފައި ވާކަމުގައެވެ.
މިގޮތުން ކުރިމަށް ހަމަޖެހިފައިވާ މުހިންމު ކަންކަމުގެ ގޮތުގައި ފިނޭންސް މިނިސްޓަރު ފާހަގަ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، މިއަހަރު ޖުލައިމަހު ފިނޭންސް މިނިސްޓަރީން މަޖިލިހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓެޖީގައި ހިމަނާފައިވާ ކަންކަމެވެ. މިއހަރުގެ ޖުލައިމަހު، ފިސްކަލް އަދި ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިނޭން މިނިސްޓްރީން މަޖިލީހަށް ހުށަހަޅުއްވާގައިވަ 3 ކަމަކީ:
- 2023 ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރިކުރުން.
- 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުން.
- ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުން.
ބަޖެޓް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ދައުލަތުގެ ދަރަނި 2022 ވަނަ އަހަރު ނިމޭއިރު، 104 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ލަފާކުރައްވާއިރު، ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭ އިރު 101 އިންސައްތައަށް ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށް ކުރުން ކަމުގައެވެ.
މި ޖަލްސާގައި ވާހަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، ރާއްޖޭގެ ދަރަނި އިތުރުވެފައިވާ މިންވަރަކީ ރާއްޖެއަށް މީގެ ކުރިން ދިމާވެފައިވާ ކާރިސާއަކާއި ނުވަތަ ތަދުމަޑުކަމަކާ އަޅައިކިޔޭނެ މިންވަރެއް ނޫން ކަމަށާއި، ސަބަބަކީ ރާއްޖެއަށް ދިމާވި އިޤްތިސާދީ ތަދުމަޑުކަމުގެ ނިސްބަތަކީ ރާއްޖޭގެ ތާރީޚުގައިވެސް ފެންނަން ނެތް މިންވަރެއްގެ އަޑިގަނޑެއްކަމުގައިވުން ކަމުގައެވެ.
މި ފަދަ އަޑިގަނޑަކުން އަރައިގަތުމަށް، ފިސްކަލް ޕޮލިސީން ޖާގަ ބޭނުންވާ ކަމަށާއި، ދަރަނި މަތިވެގެން ދިއުމުގެ މައިގަޑު ސަބަބަކީ މިހާލަތާއި އެކަށޭގެ ގޮތުން އަޅަންޖެހުނު ފިޔަވަޅުތައް ކަމުގައެވެ.