އާސަންދަ ނިޒާމަކީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއްކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާ ކަމަށާއި، މިގޮތުން ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް އަންނަ އަހަރު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެންނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުން ހިމެނޭކަމަށް، ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.
2022ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއަވްމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މީގެ އިތުރުން، ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށްވެސް އަންނަ އަހަރު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހަށް ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު ވިދާޅުވީ، އާސަންދަ ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެ، އަދި މާލީ ރައްކާތެރިކަންވެސް އިތުރުކޮށްދޭ ކަމަށެވެ. އަދި އިޖުތިމާއީ ރާއްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ޚަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ހިދުމަތް ކަށަވަރުކުރުމަށެވެ.
މިގޮތުން 2022 ވަނަ އަހަރު އާސަންދަ ސްކީމަށް ސަރުކާރުންވަނީ 731 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިެވެ.
މީގެ އިތުރުންވެސް އެންމެ ފަރުދަކުވެސް ބާކީ ކުރުމެއްނެތި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 3.1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ކަނޑައަޅާފައިވާ ބެޖެޓަކީ 36.9 ބިލިއަން ރުފިޔާގެ ބޮޑޫ ބަޖެޓަކަށް ވާއިރު، މިއީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތައެވެ. ބަޖެޓުގެ ޑެފިސިޓް ފައިނޭންސްކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.