ބަޖެޓް 2022| އަންނަ އަހަރުގެ ބަޖެޓު 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ވެގެން ދާނެ

ބަޖެޓް 2022| އަންނަ އަހަރުގެ ބަޖެޓު 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ވެގެން ދާނެ

Author
ހުސެއިން
31 އޮކްޓޯބަރ 2021 09:41
0

ސަރުކާރުން 2022 ވަނަ އަހަރަށް ލަފާކޮށް، މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބެޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބުރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރ އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބެޖެޓްގެ ޑެފިސިޓަކީ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަ ކަމުގައެވެ.

މިގޮތުން ބެޖެޓްގެ ޑެފިސިޓް ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދެއްގެ ގޮތުގައި ހިމެނެނީ ބެޖެޓްގެ ދަރަނި ފޫބެއްދުމަށް ހޯދަންޖެހޭ 9.7 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުންވެސް، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފަރ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާވެސް، ބަޖެޓް ފައިނޭންސް ކުރުމަށްޓަކާ ހޯދަން ޖެހޭ 13.4 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މިގޮތުން 2022 ވަނަ އަހަރު ބަޖެޓަށް ހޯދަންޖެހޭ ފައިނޭންސިންގ ގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރޭވިފައިވާ ކަމަށްވެސް މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

2022 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެކަމަށް އަންދާޒާކުރާ ފައިނޭންސިންގ އަށް ބަލާއިރު، 200 މިލިއަން ޑޮލަރުގެ ޓްރެޜަރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށްވަނީ ރާވާފައި ވާއިރު، މީގެ އިތުރުން 50 މިލިއަން އެމެރިކާ ޑޮލަރު އިނޮވެޓިވް ފައިނޭންސިންގ އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށްވެސް ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، ބްލޫ، ގްރީން، ނުވަތަ ސޯޝަލް އިމްޕެކްޓް ބޮންޑެއް ވިއްކައިގެން ފައިސާ ހޯދުމަކީ މިކަމުގައި ހުރި ބައެއް އޮޕްޝަންތައްކަން ފާހަގަ ކުރައްވަމުން، މިފަދަ ބޮންޑަކުން މިވަގުތު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ހަލުވިކޮށް ފުޅާވަމުންދާ އީއެސްޖީ އިންވެސްޓަރުން މެދުވެރިކޮށް ފައިނޭންސިންގ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ބަޖެޓު ސަޕޯޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު 2022 ވަނަ އަހަރު ހޯދުމަށްވެސް ރޭވިފައި ވާކަމަށްވެސް 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.