މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އެއް މިލިޔަން ރުފިޔާގެ ފައިސާގެ އިނާމެއް ދީފިއެވެ.
ކުރެއްދޫ ރިސޯޓްގައި އިއްޔެ ހަވީރު ކުޅުނު އަގުބޮޑު ފުޓްބޯޅަ މެޗުން ރާއްޖޭގެ ގައުމީ ޓީމު، ކުރެއްދޫ ޓީމު އަތުން މޮޅުވީ 7-1 ލަޑުންނެވެ. މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުރެއްދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެކްސިބިޝަން މެޗުގެ ޖުމްލަ އަގަކީ 1.2 މިލިއަން ރުފިޔާއެވެ. މިއީ އެއް މެޗަށް ބަލާނަމަ ރާއްޖޭގައި މިހާތަނަށް ކުޅުނު އެންމެ އަގުބޮޑު ފުޓްބޯޅަ މެޗެވެ.
މި މެޗުގައި ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހެޓްރިކް ހެދިއިރު، އަސަދުﷲ އަބްދުﷲ (އަސަކޮ) ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން ގައުމީ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އުމެއިރާއި އަލީ ފާސިރު (ސެންޓޭ) އެވެ. މި މެޗުގައި ކުރެއްދޫއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ގުރޭޝް އަބްދުލް ރައްޒާގެވެ.
މެޗަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމް ބެހިފައިވާ ގޮތަށް ބަލާއިރު، ކުރެއްދޫގެ ފަރާތުން ހުށަހެޅި ފަސް ލައްކަ ރުފިޔާ އާއި އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި ދިރާގުން ދިން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދިން އެއް ލައްކަ ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ސަން ފްރަންޓާއި ލޮޓަސްގެ ފަރާތުން ވެސް ވަނީ ހަދިޔާތަކެއް ދީފައެވެ.
އެފްއޭއެމުން ނިންމާފައިވަނީ މި މެޗުން ލިބުނު ފައިސާގެ އިނާމް ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަަމަކޮށް ބަހާލުމަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ޓީމުން ނިމިދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ދެއްކި ހިތްވަރު ފާހަގަކުރުމާއި އަންނަ މަހު 7-18 އަށް ސްރީ ލަންކާގައި ބާއްވާ ފޯ ނޭޝަންސް މުބާރާތުގެ ކުރިން ގައުމީ ޓީމު މޮޓިވޭޓް ކުރުމަށް މިއަދުގެ އެކްސިބިޝަން މެޗުގެ ބޭނުން ހިފޭނެ ކަމަށެެވެ.
މުބާރާތުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ދާދި ފަހުން ވަނީ އައު ކޯޗު ފްރެންސެސްކޯ މޮރިއޭރޯއާއެކު ފަރިތަކުރުންތައް ފަށާފައެވެ.
ކޮމެންޓު ފޮނުވާ