މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ބަލަން ފަށައިފިއެވެ.
ޚަބަރު އޮންލައިންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުހައިރުގެ މައްސަލަތަކެއް ބަލަމުންދާއިރު، އެކަމާއި ގުޅޭ ލިޔެކިޔުންތައް ހޯދުމަށް އޭސީސީން ވަނީ ޓްރާސްޕޯޓް މިނިސްޓަރ ނަހުލާއަށް ދަންނަވާފައެވެ. އަދި މިކަމުގައި ބޭނުންވާ އެންމެހާ ލިޔުންތައް ހޯދުމަށް އެދިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުރިހާ ލިޔުންތަކެއް އޭސީސީއަށް ފޮނުވުމަށް ވަނީ ދަންނަވާފައެވެ.
އޭސީސީން ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ރީޖަނަލް އެއަރޕޯޓްސްގެ ނަންބަރު 448/1/2019/44(IUL) (21 އޮގަސްޓް 2019) އިޢުލާނާ ގުޅިގެން ބިޑް ކާމިޔާ ކުރި ފަޔަރޕްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެ ކުރި ދެ ބަހާ ގުޅޭ އެއްވެސް ޕޭމަންޓެއް ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަކަށް ބަދަލު ކުރުމާ ހަމައަށް ހަދާފައިވާނަމަ، އެކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ހަވާލު ކުރުމަށާއި، އަދި އެކަމާގުޅޭ އެއްވެސް ޕޭމަންޓެއް ހަދާފައިނުވާނަމަ، އެކަން ބަޔާންކޮށް ވަކި ލިޔުމެއް ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.
މީގެ އިތުރުން ރީޖަނަލް އެއަރޕޯޓްސް އޮވަރސީ ކުރުމުގެ މަސައްކަތް ސްޓޭޓް މިނިސްޓަރ، އަޙްމަދު ޒުހައިރާ އެއްވެސް ދުވަސްވަރެއްގައި ޙަވާލުކޮށްފައިވާނަމަ، އެކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް (އެ މަސައްކަތް ޙަވާލުކުރެވުނު ތާރީޚް، ޙަވާލުކުރެވުނު ޒިންމާތަކާއި، ބާރުތައް، އެކަން ރީޖަނަލް އެއަރޕޯޓްސްއަށް އަންގާ ފޮނުވުނު ލިޔެކިޔުންތައް ހިމަނައިގެން) އަދި އެފަދަ މަސައްކަތެއް ޙަވާލުކޮށްފައިނުވާނަމަ، އެކަން ބަޔާންކޮށް ވަކި ލިޔުމެއް ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.
އޭސީސީން މިމައްސަލަ ބަލަން ފެށި ކޮން ތާރީހެއްގައި ކަމެއް އަދި ބަލަމުންދާތާ ކިހާ ދުވަހެއް ވެފައިވާކަމެއް ސާފެއް ނުވެއެވެ. އޭސީސީން ބަލާ މިފަދަ މައްސަލަތަކުގެ ތަހުގީގުތައް ހިނގާއިރު މާބޮޑު މައުލޫމާތެއް ނުދެއްވައެވެ.
ކޮމެންޓު ފޮނުވާ