އިންޑިއާގެ އަޅުވެތިކަމުން މިނިވަންވެ، ކަޝްމީރުގެ މިނިވަންކަމަށް ހަގުރާމަ ކުރާ އިސް ޖަމާއަތެއް ކަމުގައިވާ ހިޒްބުލް މުޖާހިދީންގެ ޗީފް އޮފް އޮޕަރޭޝަންސް ސައިފުﷲ މިރު އިންޑިއާ ސިފައިންގެ ހަމަލާއެއްގައި އަވަހާރަ ކޮށްލައިފިއެވެ.
ވަކިވެގަތުމަށް ހަގުރާމަކުރާ އިސް ޖަމާއަތެއްކަމުގައިވާ ހިޒްބުލް މުޖާހިދީންގެ އިސް ކޮމާންޑަރު އަވަހާރަ ކޮށްލާފައި ވަނީ، އިންޑިއާގެ ދަށުގައި އޮންނަ ކަޝްމީރު ސަރަހައްދުގައި މިއަދުގެ ވަގުތެއްގައެވެ.
ހިޒްބުލް މުޖާހިދީންއަކީ ކަޝްމީރު އިންޑިއާގެ އަޅުވެތިކަމުން މިނިވަންކުރުމަށް ހަގުރާމަ ކުރަމުންދާ ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއްޖަމާއަތެވެ. މި ޖަމާއަތުން އިންޑިއާގެ އިސްތިއުމާރާއި ދެކޮޅަށް ކަޝްމީރުގައި ހަގުރާމަ ކުރަމުންދާތާ އެތައް އަހަރެއް ވެއެޖެއެވެ.
ކަޝްމީރުގެ އިންސްޕެކްޓަރ ޖެނެރަލް ވިޖޭ ކުމާރު ވިދާޅުވި ގޮތުގައި ކޮމާންޑަރު މިރު ކަޝްމީރުގެ ރީޖަނަލް ކެޕިޓަލް ސްރީނަގަރުގެ ރަށްބޭރުގެ އަވައްށެއްގައި ހުރިކަމުގެ ޖާސޫސީ މަޢުލޫމާތު ލިބުމާއިއެކު، ޚާއްސަ އޮޕްރޭޝަނެއް ފެށިގެން ދިޔައީ އާދީއްތަ ދުވަހުއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކޮމާންޑަރ ހުރި ސީދާ ސަރަހައްދު ހޯދައިގަނެވުމާއިއެކު ދެފަރާތުގެ ދެމެދުގައި ބަޑީގެ ހަމަލާތަކެއް ވަނީ ބަދަލު ކުރެވިފައެވެ. އަދި މިހަމަލާތަކުގައި ހިޒްބުލް މުޖާހިދީންގެ ކޮމާންޑަރު މަރާލެވި އަދި އާނާއާއެކީ ތިބި ހަގުރާމަވެރިން ވަނީ ހައްޔަރު ކުރެވިފައެވެ.
ސަންޖޭ ކުމާރު ވިދާޅުވި ގޮތުގައި ހިޒްބުލް މުޖާހިދީންގެ ކޮމާންޑަރު އަވަހާރަކޮށްލެވުމަކީ ކަޝްމީރު ސަރަހައްދުގެ ހަގރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް އިންޑިއާ ސިފައިން ހިންގަމުންދާ މިލިޓަރީ ހަރަކާތްތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ކާމިޔާބީއެކެވެ.
މިކަމާއިގުޅިގެން ހިޒްބުލް މުޖާހިދީންގެ ފަރާތުން އަދި އެއްވެސް މަޢުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމާންޑަރު ސައިފުﷲ މިރު އަވަހާރަވުމުގެ ޚަބަރު ފެތުރުމާއިއެކު ހަމަލާހިގި ސަރަހައްދުގައި އާންމުން ވަނީ އިންޑިއާ ސަރުކާރާއި ދެކޮޅަށް މުޒާހިރާ ކުރަން ފަށާފައެވެ. މިގޮތުން، މުޒާހިރާ ކުރާ ފަރާތްތަކުން ވަނީ އޮށްގަލުން، މުޒާހިރާ ހުއްޓުވަން ނިކުތް އިންޑިއާ ސިފައިންނަށް ހަމަލާދީފައެވެ. މުޒާހިރާ ކުރާފަރާތްތައް ހުއްޓުވުމަށް އިންޑިއާ ސިފައިންވަނީ ކަރުނަގޭސް ބޭނުން ކޮށްފައެވެ.

ސައިފުﷲ މިރު ހިޒްބުލް މުޖާހިދީންގެ އިސްމަގާމްތަކަށް ވަޑައިގެންނެވީ 2014 ވަނަ އަހަރުއެވެ. އަދި އެ ޖަމާއަތުގެ ޗީފް ކޮމާންޑަރުކަމާއި ހަވާލުވެވަޑައިގަތީ އިންޑިއާ ސިފައިން، އޭނާގެ ކުރިން އެމަގާމުގައި ހުންނެވި ރިޔާޒް ނައިކޫ މިއަހަރގެ މޭމަހު އަވަހާރަ ކޮށްލުމާއި ގުޅިގެންނެވެ.
އިންޑިއާ އަދި ޕާކިސްތާނުންވެސް ދައުވާކުރަމުން ދަނީ މުޅި ކަޝްމީރު އަކީ ދެގައުމުގެވެސް ބައެއް ކަމުގައެވެ. އެހެންނަމަވެސް ކަޝްމީރުގެ ސަރަހައްދުތައް މިދެގައުމުގެ ބާރުގެ ދަށުގައިވެސް އެބައޮތެވެ. އަދި ދެގައުމުގެ ބާރުގެ ދަށުގައި އޮތް ބައިތައް ލައިން އޮފް ކޮންޓްރޯލްއިން ވަނީ ވަކި ކުރެވިފައެވެ. 2003 ވަނަ އަހަރުންފެށިގެން މި ލައިން އޮފް ކޮންޓްރޯއިން ވަކިވާ ހިސާބުން ފެށިގެންވަނީ ހަމަލާ ބަދަލު ނުކުރުމަށް މިދެގައުމުން އެއްބަސް ވެފައެވެ.
1989 ވަނަ އަހަރުން ފެށިގެން ހަގުރާމަވެރި ޖަމާއަތްތަކުން ދަނީ އިންޑިއާއިން ވަކިވެގަތުމަށް ހަގުރާމަކުރަމުންނެވެ. ކަޝްމީރުގައި ދިރިއުޅެމުންދާ މުސްލިމުން ހަގުރާމަވެރި ޖަމާއަތްތަކަށް ވަރަށްބޮޑަށް ތާއީދުކުރެއެވެ. އަދި ތާޢީދު ކުރަނީ އިންޑީއާގެ ބާރުގެދަށުން މިނިވަންވެ ޕާކިސްތާނުގެ ދަށަށް ދިއުން ނުވަތަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށެވެ.
ކޮމެންޓު ފޮނުވާ