10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ފައިސާ ދޫކުރަން އިޞްލާޙު ހުށައަޅައިފި

10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ފައިސާ ދޫކުރަން އިޞްލާޙު ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
02 ނޮވެމްބަރ 2020 12:56
0

ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށްވެސް ދައުލަތުން ފައިސާދޭންޖެހޭގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިހާރު ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނައިރު އޭގެތެރެއިން 10،000 މެންބަރުން ހަމަވަނީ އެންމެ 3 ސިޔާސީ ޕާޓިއެއްގައެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)އެވެ. ސިޔާސީ ޕާޓީތަކާއި ބެހޭ ޤާނޫނުގައި މިހާރު އޮންގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން %0.1 އާއި %0.2 ދެމެދުގެ އަދަދަކަށް ފައިސާ ޕާޓީތަކަށް ދޭން ޖެހެއެވެ. ޕާޓީތަކަށް ފައިސާ ބަހަނީ މެންބަރުންގެ ނިސްބަތުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުވާދު ތަޢުފީޤް ވިދާޅުވީ، 10،000 މެންބަރު ހަމަނުވާ ގިނަ ޕާޓީތަކެއް އޮތްއިރު ޕާޓީތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަންކަމަށެވެ. އެހެންކަމުން އެޢަދަދަށް މެންބަރުން ހަމަނުވިނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް ނިންމިނަމަވެސް އެކަންކުރާނީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެގޮތަށްކަމަށްވެސް ފުވާދު ވިދާޅުވިއެވެ. އަދި ޕާޓީތަކުގެ ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ފައިސާ ދިނުމުގެ ވިސްނުން އެބަހުރިކަމަށްވެސް ފުވާދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގިނަ އިޞްލާހުތަކެއް ގެނައުމަށް ނިންމާ ފައިނަލް ޑްރާފްޓް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާފައެވެ. އެގޮތުން އެޑްރާފްޓްގައި 54 އިޞްލާޙެއް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.