ވިލިމާލެ ދާއިރާގައި ހުރި ކަންކަން ހައްލު ކުރުމުގައި އެކަށީގެންވާ ކުރިއެރުން ނުލިބެނީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު ގުޅިގެން މަސައްކަތް ކުރަން ބޭނުން ނުވާތީކަމަށް އެދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ވިލިމާލޭގެ ތަރައްޤީއަށް ހުރަސް އަޅަމުންދަނީ މާލޭގެ މޭޔަރު ޑރ.މުއިއްޒު ކަމަށްބުނެ ނަހުލާ ދައްކަވާފައިވާ ވާހަތަކަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ ދާއިރާގެ ތަރައްޤީއަށް މުއިއްޒު ހުރަސް ނާޅުއްވާކަމަށެވެ. ދިމާވާ މައްސަލަތަކަކީ ކައުންސިލަރު ނަހުލާއަށް ގުޅިގެން މަސައްކަތް ކުރަން ނޭގުންކަމަށެވެ. ޚިޔާލު ތަފާތުވުންތަކާއިއެކުވެސް ގުޅިގެން މަޝްވަރާގެ އުސޫލުން ކަންކަން ކުރުމަކީ ނަހުލާ ދަންނަ ސިފައެއް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ. ކަންކަން ހައްލުވާނީ ޚިޔާލު ތަފާތުވިޔަސް ގުޅިގެން މަޝްވަރާގެ އުސޫލުން ކަންކަން ކޮށްގެންކަމަށް އުޝާމް ވިދާޅުވިއެވެ.
ވިލިމާލެއަށް ދިމާވެފަވާ މައްސަލަތައް ހައްލުނުވެގެން އުޅެނީ މޭޔަރ މުއިއްޒުގެ ސަބަބުންނެއް ނޫން. އެންމެ ބޮޑު މައްސަލައަކީ ދާއިރާގެ ކައުންސިލަރު އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންނުވުން. ހިޔާލު ތަފާތުވުން ތަކާއެކުވެސް ދާއިރާގެ ކަންކަމުގަ އެކުގައި މަސައްކަތްކުރެވެންވާނެ.
– އުޝާމް ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ.މުއިއްޒުއާއި، އުޝާމްއާއި ދެމެދުވެސް ޚިޔާލާތު ތަފާތުވުންތަކެއް އުފެދުނުނެވެ. ނަމަވެސް ދެބޭފުޅުންވަނީ މިކަމުގައި މަޝްވަރާކޮށް މަސައްކަތް ކުރެވޭނެ ގޮތަކަށް ކަންކަން ކުރުމަށް ވާހަކަ ދައްކައި މަޝްވަރާވެސް ކުރައްވާފައެވެ. ވިލިމާލޭގެ ކައުންސިލަރު ނަހުލާއާއި ގުޅޭގޮތުން އެކި ކައުންސިލަރުންގެ ޝަކުވާވެސް ދޭތެރެ ދޭތެރެއިން އަޑުއިވެއެވެ.
އެގޮތުން ކައުންސިލަރު ނަހުލާ އިސްކޮށް ހުންވައިގެން ކައުންސިލަރުންތަކަށް ބިރު ދެއްކި މައްސަލައެއްވެސް މާލެ ސިޓީ ކައުންސިލުން ވަނީ ބަލާފައެވެ.
ކޮމެންޓު ފޮނުވާ