އަންނަ އަހަރުގެ މާރިޗު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތެރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް މިހާރުވެސް ކެމްޕެއިން ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ކޯވިޑް-19އާއި ގުޅިގެން ފަސްކޮށްފައިބާ އިންތިޚާބަށް، ކެމްޕެއިން ކުރުން އެކޮމިޝަނުން ރަސްމީކޮށް ހުޅުވާ ނުލިނަމަވެސް، ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް މިހާރުވެސް ކެމްޕެއިން ކުރެވޭނެކަމަށެވެ. އީސީން ވަނީ ބަލި ފެތުރިދާނެ އެންމެހާ ކަންކަމުން ރައްކާތެރިވެ ތިބެ ކެމްޕެއިން ޙަރަކަތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ކެނޑިޑޭޓުންނަށް އިލްތިމާސްކޮށްފައެވެ.
އީސީން ބުނީ އިންތިޚާބަށް ވާންޖެހޭ އިދާރީ ތައްޔާރީތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. އެގޮތުން އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، ކޮމިޝަންގެ ވިސްނުމަކީ އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުންކަމަށެވެ. އެކޮމިޝަނުން ބުނީ އަންނަ އަހަރުގެ މާރިޗު މަހުގ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ބަލިން ރައްކާތެރިވުމުގެ އެންމެހާ ފިޔަވަޅުތަކާ އެއްގޮތަށް އެޗްޕީއޭގެ އުސޫލުތަކާވެސް އެއްގޮތަށްކަމަށެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ޖުމްލަ 4،172 ކެނޑިޑޭޓަކު ކުރިމަތިލީނަމަވެސް ކައުންސިލް އިންތިޚާބަށް ކުރިމަތިލި 49 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އިންތިޚާބަށް ކުރމަތިލާފައިވާ ކެނޑިޑޭޓުންނަށް ނަން އަނބުރާ ނެގުމުގެ ފުރުޞާތު ހުޅުވާލިނަމަވެސް އަލުން އިންތިޚާބަށް ކުރިމަތިކުރިމަތިލުމުގެ ފުރުޞަތު ހުޅުވާނުލާނެއެވެ. އަދި ކެނޑިޑޭޓުންގެ ލިސްޓަށްވެސް ބަދަލެއް ނުގެންނާނެއެވެ. ކައުންސިލް އިންތިޚާބު ފަސްކުރަންޖެހުމުން ވަގުތީ ގޮތުން އެކުލަވާލި ޤާނޫނުގައި ބަޔާންކޮށްފައިވަނީ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށާއި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއިއެކު އެމީހުން ކުރިން ތިބި މަޤާމަށް ރުޖޫއަވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ