އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ނުލައި ކުރާނެ އެއްވެސް މަޝްވަރާއެއް ނޯންނާނެކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް ނަޝީދާއިއެކު މަޖިލީހުގައި ބޭއްވުނު ބައްދަލުވުމުގައި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ ކޮންމެ ގޮތަކށް ރޭވިގެން ބޭއްވި ބައްދަލުވުމެއް ވިޔަސް ބައްދަލުވުމުގައި ވަރަށް ސާފުކޮށް ރައީސް ޔާމީނާއި ނުލައި އިދިކޮޅުން ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށް ދަންނަވާފައިވާކަމަށެވެ. އަދި ކޮންމެ ކަމަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަންވެސް ރައީސް ޔާމީން ނެތް މޭޒެއްގައި މަޝްވަރާ ކުރަން ބޭނުން ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ސަބަބަކީ ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސްކަމަށް ވުމުންކަމަށެވެ.
މަޖިލީހުގައި މިއަދު އޮތް ބައްދަލުވުމަށްފަހު އާދަމް ޝަރީފް ވިދާޅުވީ މިބައްދަލުވުމުގައި އިދިކޮޅު ލީޑަރު އަދި 2023ގެ އޮޕޮޒިޝަން ކެނޑިޑޭޓް ރައީސް ޔާމީނާއި ނުލައި ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށެވެ.
މިއަދު މަޖިލީހުގައި ރައީސް ނަޝީދު ބައްދަލު ކުރެއްވުމުން، ސިޔާސީ އެއްވެސް މަޝްވަރާއެއް ކުރަން މީޓު ކުރާނީ އިދިކޮޅު ލީޑަރު އަދި 2023 ގެ އޮޕޮޒިޝަން ކެނޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމުން ކަމަށާއި، ރައީސް ޔާމީނާއި ނުލައި އެއްވެސް މަޝްވަރާއަކަށް ނުވަތަ މީޓިން އަކަށް ނުދާނެ ވާހަކަ ދެންނެވިން.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
6 މޭގަ ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހު އެބުރި މާލެ ވަޑައިގަތުމަށްފަހު، އިއްޔެ ނަޝީދު މިވަނީ ފުރަތަމަ ފަހަރަށް ރަސްމީކޮށް ރައީސް ސާލިހުއާއި ބައްދަލު ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައި ބައެއް ކަންކަމާ މަޝްވަރާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވަނީ ރާއްޖޭގެވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން ވެސް ރައީސުލްޖުމްހުރިއްޔާއާއި މަޝްވަރާ ކުރައްވާ ޚިޔާލްބަދަލު ކުރައްވާފައެވެ.
ރައީސް ސާލިހުއާއި ނަޝީދު ބައްދަލު ކުރައްވާފައިވާއިރު، އެންމެ ފަހުން ނަޝީދު ދެއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވާނީ، ރައީސް ސާލިހުއާއި ބައްދަލު ކުރައްވާ، މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.