އާންމު ރައްޔިތުންނަށް އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކާ ރައީސް ޔާމިންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ މަހު ކުލި، 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހިސާބު ކޮށްފައިވަނީ، އެކަށީގެންވާ އަންދާޒާތަކެއް ހިމަނައިގެން ނޫން ކަމުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ލިމިޓެޑުގެ އެދުމުގެ މަތިން، މި މުޅި ޕްރޮޖެކްޓުގެ އަގު ހިސާބުކޮށްފައިވާ ގޮތް ބެލުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށްފަހު އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ހާމަ ކޮށްފިއެވެ.
މިގޮތުން މި ރިޕޯޓުގައި ވާގޮތުން، ރައީސް ޔާމިންގެ ދައުރުގައި އިމާރާތްކުރި، ހިޔާފްލެޓްތަކުގެ ހައުސިންގ ޔުނި ޓަކަށް މަހަކު ދައްކަންޖެހޭކަމަށް 2021 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުން ހުށަހެޅި 5،548 ރުފިޔާއަކީ، %3.36 ގެ އިންޓަރެސްޓާއިއެކު 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީ.އެމް.އައި މެތަޑް (އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް) ބޭނުންކޮށްގެން ހަދާފައިވާ ހިސާބެއް ކަމަށެވެ. އެހެންނަމަވެސް، ސިޓީ ކައުންސިލުން، މި ފްލެޓްތަކުގެ މަހުކުލި ކަޑައެޅުމުގައި ބޭނުން ކޮށްފައިވާ ޕްރައިމަރީ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަކީ %3.3+LIBOR ކަމުގައިވާއިރު، މާލޭ ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ LIBOR ގެ އަންދާޒާކަމުގައިވާ %0.06 އަކީ ޖުލައި އަދި ސެޕްޓެމްބަރު 2020 ގައި، ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް LIBOR ދަށްވެފައިހުރި ދުވަސްވަރެއްގައި ހުރި LIBOR ކަމާއި، ލޯނު ދައްކަމުން އައި އިރު ހުރި އެވްރެޖް LIBOR އަށް ރިޢާޔަތްކޮށް، ހޯދާފައިވާ ރޭޓެއް ނޫންކަން ފާހަގަކުރެވޭ ކަމުގައެވެ. އޮޑިޓް ރިޕޯޓުގައި ވާގޮތުން، ޖެނުއަރީ 2021 ގެ ނިޔަލަށް ދައްކާފައިވާ ލޯނު ޕޭމަންޓްތަކުގެ އެވްރެޖް LIBOR އަކީ %74.1 އެވެ.
މީގެ އިތުރުންވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން، 2021 ވަނަ އަހަރު، މާލޭ ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ހިސާބުގައި ބިމުގެ ބޮޑުމިނެއްގެ ގޮތުގައި ބަލާފައިވަނީ 258،824 އަކަފޫޓެވެ. އަދި ސިޓީ ކައުންސިލްގެ ހިސާބުގައި އަކަފޫޓަކަށް 1،000 ރުފިޔާގެ މަގުން އަގުކޮށްފައި ވީނަމަވެސް، މިއީ، ޓަވަރުތައް އަޅާފައިވާ ބިމުގެ ޖުމްލަ އަކަފޫޓަށް ވުރެ 135،168 ކުޑަކޮށްފައިވާ އޭރިއާއެއްކަންވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ވާގޮތުން، ޔުނިޓަކުން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށް ސީޓީ ކައުންސިލުން އީ.އެމް.އައި މެތަޑް ބޭނުންކޮށްފައި ވީނަމަވެސް، އިންޓަރެސްޓް ރޭޓްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ވަރަށް ކުޑަ ރޭޓެއްކަމުގައެވެ. އެގޮތުން ބޭނުންކޮށްފައިވާ %3.36 (%3.3+LIBOR) އަކީ ހިސާބު ހެދި ދުވަހުގެ LIBOR އަށް ރިޢާޔަތްކޮށް ކަނޑައަޅާފައިވާ ރޭޓެއް ކަމުގައި ވީނަމަވެސް، ކޮންސްޓްރަކްޝަންގެ މުއްދަތުގައި ދައްކާފައިވާ އިންޓަރެސްޓްތަކުގެ އިންޓަރެސްޓް ރޭޓާއި، މުސްތަޤުބަލުގައި LIBOR އަށް އަންނާނެ ބަދަލަށް އެއްވެސް މިންވަރަކަށް ރިޢާޔަތް ކޮށްފައިނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުންވެސް، 2021ވަނަ އަހަރު، ސިޓީ ކައުންސިލް ހިޔާ ފްލެޓްތަކުގެ ކުއްޔަކަށް ވާންވާނީ 6،500 ރުފިޔާކަމަށް އިއުލާންކޮށްފައިވާ ކުލި ހިސާބު ކުރުމުގައި، މި މަޝްރޫޢު ހިންގުމަށް ނަގާފައިވާ ރީފައިނޭންސް ލޯނުތަކުގެ އިންޓަރެސްޓް ރޭޓްތަކަށްވެސް (%10-%9) ރިޢާޔަތް ކޮށްފައިނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މި ސަރުކާރުން މިހާރު ކަނޑައަޅާފައި ކުލި ބޮޑުކަމަށް ބުނެ، މިހާރުގެ ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ ކުށްޔަކީ، ރައީސް ޔާމިންގެ ސަރުކާރުގައި، މިހާރުގެ މޭޔަރ ޑރ. މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންވައިގެން ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި އޭރު އާންމު ކުރެއްވި ކުއްޔާއި އެއްވަރުގެ ކުއްޔެއްކަން ފާހަގަ ކޮށްވެއެވެ. އޮޑިޓް ރިޕޯޓުގައި ވާގޮތުން، އޭރުގެ ހައުސިން މިނިސްޓްރީންވެސް ހިޔާ ފްލެޓްތަކުގެ ކުލި ހިސާބު ކޮށްފައިވަނީ ރަގަޅަކަށް ނޫނެވެ.
ކުރީ ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް، އެކަން އިއުލާންކޮށް، ފްލެޓްތައް ލިބޭ މީހުންވެސް ކަނޑައަޅާފައިވަނީ، ރިޔާސީ އިންތިޚާބުގެ އޭރުގެ ސަރުކާރު ބަލިވެ، އެހެންނަމަވެސް މިހާރުގެ ރައީސް ސޯލިހު ހުވާ ނުކުރައްވަނީސްކަން ފާހަގަ ކޮށްލެވެއެވެ.