އާންމު ރައްޔިތުންނަށް އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކާ ރައީސް ޔާމިންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްގެ މަހު ކުލި އޭރުގެ ހައުސިން މިނިސްޓްރީން ހިސާބު ކޮށްފައިވަނީ، މަޝްރޫޢު ހިންގަން ނެގި ލޯނުތަކާއި، ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިޢާޔަތް ނުކޮށް ކަމުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ލިމިޓެޑުގެ އެދުމުގެ މަތިން، މި މުޅި ޕްރޮޖެކްޓުގެ އަގު ހިސާބުކޮށްފައިވާ ގޮތް ބެލުމަށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓަށްފަހު އާންމު ކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ހާމަ ކޮށްފިއެވެ.
މި ރިޕޯޓުގައި، މުޅި މަޝްރޫޢަށް ކޮށްފައިވާ ޚަރަދުތަކާއި އަންދާޒާތަކާއި، އަދި އެ ޚަރަދުތަކާއި އަންދާޒާތައް ބިނާކޮށްފައިވާ އަސާސްތަކުގެ ސައްޙަކަން ބެލުމަށްފަހު، ހާމަ ކުރި ގޮތުގައި ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ (މެއިންޓަނެންސް ޚަރަދުގެ ގޮތުގައި 1،000 (އެއް ހާސް) ރުފިޔާ ހިމަނާއިގެން) 6،600 ރުފިޔާއަކީ، އީ.އެމް.އައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމަށެވެ.
މިރި ރިޕޯޓުގައި ބުނެފައިވަނީ، މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑަކީ އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ކަމަށެވެ. އެހެންނަމަވެސް، 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99،647 ރުފިޔާ ކަމަށްވާއިރު، އެހެންނަމަވެސް، އީ.އެމް.އައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،245،879 ރުފިޔާ ޖެހޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މީގެ މާނައަކީ، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނި ޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231 ރުފިޔާގެ ގެއްލުން ވާނެކަމަށް މި ރިޕޯޓުގައި ބަޔާން ކޮށްފައިވާ ޕްރޮޖެކްޓް ފައިނޭންސްގެ ތަފްސީލުތައި ފާހަގަ ކޮށްފައި ވެއެވެ.
މި ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުން، ސަރުކާރު ބަދަލު ވުމަށްފަހު، .އެޗް.ޑީ.ސީ އިން ތައްޔާރުކޮށްފައިވާ ކޭޝްފްލޯ ފޯކާސްޓަށް ރިޢާޔަތްކޮށް، ހުރިހާ ފައިނޭންސް ކޮސްޓެއް ހިމަނައިގެން، ވެއިޑެޓް އެވްރެޖް ފައިނޭންސިންގ ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ %8 އަކީ އެކަށީގެންވާ ރޭޓެކެވެ.
މިގޮތުން އެޗް.ޑީ.ސީ އިން ކޮށްފައިވާ ހިސާބަކީ ކުންފުނިން މި މަޝްރޫޢުއަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢުއާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމަށާއި، މި އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ކުރީ ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް، އެކަން އިއުލާންކޮށް، ފްލެޓްތައް ލިބޭ މީހުންވެސް ކަނޑައަޅާފައިވަނީ، ރިޔާސީ އިންތިޚާބުގެ އޭރުގެ ސަރުކާރު ބަލިވެ، އެހެންނަމަވެސް މިހާރުގެ ރައީސް ސޯލިހު ހުވާ ނުކުރައްވަނީސްކަން ފާހަގަ ކޮށްލެވެއެވެ.