ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި މިއަދު އިދިކޮޅު ކޯލިޝަނުން ބާއްވާ ހިނގާލުމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބައިވެރި ވެއްޖެއެވެ.
ނަޝީދު ވަނީ މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ބޭއްވި އެކި މުޒާހަރާތަކާއި ހިނގާލުންތަކުގައިވެސް ބައިވެރި ވެފައެވެ. މިނިވަން މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ިއންތިޚާބުވި ނަޝީދު މަޖިލިސް ތެރޭގައިވެސް ސަރުކާރުން އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުންތަކާއި، އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައިވެއެވެ.
ނަޝީދު ވަނީ އަލަށް އުފެއްދި އެމްއެންޕީއާއި ގުޅުމުގެ ވިސްނުންވެސް ގެންގުޅުއްވާފައެވެ. ނަމަވެސް ފަހުން ވަނީ އެނިންމުން ބަދަލުކޮށް އެމްއެންޕީއާއި ގުޅުން މަޑު ޖައްސާލާފައެވެ.
ފުލުހުންގެ ހުއްދައާއި އެކު "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ކުރިއަށްދާ ހިނގާލުމުގައި އެމްޑީޕީ އުފެއްދުމުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ބައިވެރިވެއެވެ. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ މި ހިނގާލުމުގައި ގޮވާލާނީ އިންޑިއާ ސިފައިންނާއި އިސްތިއުމާރީ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ކަމަށެވެ.

ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމުގެ ޔަގީންކަން ޕީޕީއެމުން ދަނީ ދެމުންނެވެ. އަދި އެއްވެސް ފަރާތަކުން ހަމަނުޖެހުން ހިންގާނަމަ އެ ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވެސް ގޮވާލާފައިވެއެވެ. ޕީޕީއެމުން ބުނީ ހިނގާލުމުގެ ބޭނުމަކީ ރާއްޖޭގައި ބޭރުގެ ސިފައިން ދިގު މުއްދަތަކަށް ގާއިމުވެގެން ތިބުމަކީ ދިވެހިން ނުރުހޭ ކަމެއް ކަމަށް ސަރުކާރަށް އަންގައިދިނުން ކަމަށެވެ.
ކޮމެންޓު ފޮނުވާ