ރާއްޖެއަށް ގެނެސްފައިވާ އެމްބިއުލާސްތަކުގެ ތެރެއިން މުޅިން އައު އެމްބިއުލާންސެއް މަކުނޫއަށް ފޮނުވަން ހަމަޖެހިފައިވާކަމަށް އެދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މަކުނުދޫގައި ރޭ ބަލި މީހަކު ބަރޯގައި މަރުކަޒަށް ގެންދިޔަ ފޮޓޯއާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިކަމާއި ގުޅިގެން މެމްބަރު ރާއީ ކުރެއް ޓްވީޓުގައި ވިދާޅުވީ މިހާރު ރާއްޖެ ގެނެސްފައިވާ އެމްބިއުލާސްތަކުގެ ތެރެއިން އެމްބިއުލާންސެއް މަކުދޫއަށް ފޮނުވުމަށް ސަރުކާރުން ހަމަޖައްސާފައި ވާކަމަށެވެ. އަދި މިކަން މެމްބަރު ރާއީ އަށާއި، މަކުނުދޫ މަރުކަޒަށްވެސް އަންގާފައިވާކަމަށެވެ. މިކަމަށްޓައި އޭނާ ވަނީ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.
މިހާރު ރާއްޖެ ގެނެވިފައިވާ އެމްބިއުލެންސް ތަކުގެ ތެރެއިން އެމްބިއުލެންސް ފޮނުވުމަށް ނިންމާފައިވާ ކަން ވަނީ، މަކުނުދޫގެ ހެލްތު ސެންޓަރާއި، ހުދު އަޅުގަނޑަށް ވެސް އަންގާފައި، މިއީ މުޅިން އައު އެމްބިއުލޭންސެއް މަކުނުދޫ އަށް ސަރުކާރަކުން ފޮނުވާ ފުރަތަމަ ފަހަރު.
– ރާއީ ވިދާޅުވިއެވެ.
މަކުނުދޫގައި އެމްބިއުލާންސެއްނެތި، ބަލިމީހުން އުފަލަނީ ބަރޯގައި!
މިއަހަރުގެ ނިޔަލަށް އިތުރު 60 އެމްބިއުލަންސްޚިދުމަތަށް ނެރެވޭނެކަމަށް ސަރުކާރުން ލަފާ ކުރެއެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސްއެއް މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެކަމަށާއި އޭގެ ފަހުންވެސް 20 އެމްބިއުލާންސް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުގެ ނިޔަލަށް އިތުރު 60 އެމްބިއުލާންސް ޚިދުމަތަށް ނެރެވޭނެކަމަށް އަންދާޒާކުރައްވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހެލްތް މިނިސްޓަރ އަހްމަދު ނަޞީމް ވިދާޅުވީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށްވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމްބިއުލާންސްތައް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައިއާއި، އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޞިއްޙީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.