ޤައުމީ ޓީމުގެ އިތުބާރު ފޯވާޑު ހަމްޒާ މުހައްމަދު (ހަމްޕު) އަނިޔާގެ ސަބަބުން ދެ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ހަމްޕު އަށް އަނިޔާވީ ސާފް ޗެމްޕިއަންޝިޕްގައި މި މަހު 13 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗަށް ފަހު ހަމްޕުގެ ކަކުލަށް ތަދުވާތީ މީގެ ދެ ދުވަސް ކުރިން ހެދި ޓެސްޓްތަކުން އެނގުނީ ސީރިއަސް އަނިޔާއެއް ނެތް ނަމަވެސް ކަކޫ ކައިރީ މަސްގަނޑަށް ލިބިފައި އިން އަނިޔާއިން ރަނގަަޅުވާން މުއްދަތެއް ނަގާނެ ކަމެވެ.
ގައުމީ ޓީމުން ދެން އެންމެ އަަވަހަށް ކުޅެން އޮތީ އަންނަ މަހު 8-17 އަށް ސްރީ ލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތުގައެވެ. ހަތަރު ގައުމުގެ މެދުގައި ކުޅޭ އެ މުބާރާތް ފެށެންވާއިރަށް ހަމްޕު އަށް އެެއްކޮށް ފިޓްވެގެން އާދެވޭނެއެވެ. އެކަމަކު، މާދަމާ ކުޅުދުއްފުށީގައި ގައުމީ ޓީމުން ކުޅޭ ހާއްސަ މެޗުގައި ހަމްޕު އަށް ނުކުޅެވޭނެއެވެ. ހަމްޕުގެ އިތުރުން މި ވަގުތު ޒުވާން ގައުމީ ޓީމާ އެކު ދާން ޖެހޭތީ ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އާއި އަލީ ނާޖިހު (ނާޖީ) އަށް މި މެޗުގައި ނުކުޅެވޭނެއެވެ.
ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ގިނަބައެއްގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތް އެއް ކުޅުންތެރިއަކީ ހަމްޕު އެވެ. ހާއްސަކޮށް އޭނާގެ ހުނަރުވެރި މޮޅު ކުޅުން ގިނަބަޔަކު ވަނީ ފާހަގަކޮށް އޭނާއަށް ތައުރީފުކޮށްފައެވެ. އޭނާ ވަނީ މުބާރާތުގައި ޖެހި އެންމެ ރީތި ގޯލް ބަންގާޅު ކޮޅަށް ކާމިޔާބު ކޮށްފައެވެ. މިއީ ގިނަ ބައެއްގެ ނަޒަރު ހުއްޓުނު ގޯލެކެވެ.
ކޮމެންޓު ފޮނުވާ