އިރާނުގެ ނިއުކުލިއަރ ކާރުޚާނާތަކަށް ހަމަލާ ދޭން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރުވެ ތިބުމުގެ ގޮތުން، އިސްރާއީލުގެ ވައިގެ ބާރުތަކުން އެކަމަށް ބޭނުންވާ ތަމްރީންތައް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް، ބުރާސްފަތި ދުވަހު އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އިސްރާއީލުގެ ދިފާއީ ބާރުގެ ޗީފް އޮފް ސްޓާފް އަވިވް ކޮހަވީ ވަނީ، އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ބާއްވަންޖެހޭ ޑްރިލްތައް، 2 އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު ކުރިޔަށް ގެންދިއުމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް އަމުރު ކޮށްފަ،" އިސްރާއީލުގެ ޗެނަލް12 އިންނާއި އަދި ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓު ކޮށްފައި ވެއެވެ.
"ވައިގެ ބާރުތަކުން އިރާނުގެ ނިއުކުލިއަރ ޕްރޮގްރާމަށް އަމާޒުކޮށް ހަމަލާއެއް ދޭންޖެހިއްޖެ ހާލަތެއްގައި އެފަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވެ ތިބުމުގެ ގޮތުން، ވަރަގަދަ ތަމްރީނުތަކެއް ފެށުމަށް" ކޮހަވީ އަމުރު ކޮށްފައިވާ ކަމަށްވެސް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
ޗެނަލް12 އިން ހޯމަދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިރާނަށް ދޭން ޖެހިދާނެ އަސްކަރީ ހަމަލާއަކަށް އިސްރާއީލުގެ ސަރުކާރުންވަނީ 1.5 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސާފައެވެ.
ކޮހަވީ ވަނީ، މިއަހަރު ފެށުނު އިރު، އިރާނާ ދެކޮޅަށް އެގައުމުން ގެންގުޅޭ އޮޕަރޭޝަނަލް ޕްލޭތައް އަލުން މުރާޖައާކުރަން ފަށާފައި ވާކަން ހާމަކޮށްފައެވެ.
އިރާނުން އިސްރާއީލުގެ މަސްލަހަތުތަކަށް ނުރައްކާ ކުރަމުންދާނަމަ، އިރާނާ ދެކޮޅަށް އެގައުމުން ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު އިސްރާއީލުން އަބަދުވެސް އޮންނަނީ ދީފައެވެ. އަދި މިކަމުގައި، އެމެރިކާއިން އިސްރާއީލަށް ދެމުންދާ އަސްކަރީ އެހީތެރިކަމުގެ ބޭނުން ކުރަން ޖެހިއްޖެނަމަ އެކަމަށްވެސް އިސްރާއީލުން ތައްޔާރަށް އޮތްކަމުގައި އެގައުމުން ވަނީ ބުނެފައެވެ.
އިސްރާއީލުންވަނީ، ދުނިޔޭގެ ބާރުގަދަ ގައުމުތަކާއި އެމެރިކާ އެކުވެގެން އިރާނާއެކީ 2015ވަނަ އަހަރު ހެދި ނިއުކުލިއަރ އެއްބަސްވުމާ ދެކޮޅު ހަދާފައެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018ވަނަ އަހަރު އެމެރިކާ މި އެއްބަސްވުމުން ބޭރުކުރި ފަހުން، އެމެރިކާ މިއެއްބަސްވުމަށް ރުޖޫޢަ ވުމަށް އިސްރާއީލުން ދަނީ ދެކޮޅު ހަދަމުންނެވެ.
މިއަހަރުގެ އޮގަސްޓުމަހުން އިޒްރާއީލުގެ ބޮޑުވަޒީރު ނެފްތާލީ ބެނެޓްވަނި ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑްންއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ބައިޑްން ވިދާޅުވެފައިވަނީ، އިރާނާއެކީ ކުރިޔަށް ގެންދާ މަޝްވަރާތަކުން އަލިމަގެއް ނުފެނިއްޖަމަ، އިތުރުވިސްނުމަކަށް އެމެރިކާ ދާނެކަމުގައެވެ.
ކޮމެންޓު ފޮނުވާ