މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހިންގާ ކުލަގަދަ ހަރަކާތްތަކުގެ ތެރެއިން ހޮނިހިރު ދުވަހުގެ ހަވީރު ޤައުމީ ފުޓުބޯޅަ ޓީމާއި ކުޅުދުއްފުށީ ޓީމުގެ މެދުގައި ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.
ޒުވާނުންގެ ދުވަސް މިފަހަރު ކުލަގަދަކޮށް ފާހަގަކުރަނީ ކުޅުދުއްފުށީފައެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. ޒުވާނުންގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ޤައުމީ ސީނިއާ ޓީމުގެ މެޗަކީ ޔޫތު މިނިސްޓްރީން އިންޒާމު ކުރާ މެޗެކެވެ. މިމެޗުގައި ކުޅޭ ސީނިއާ ޓީމު މާދަމާ ހެނދުނު ކުޅުދުއްފުއްޓަށް ދާނެއެވެ.
ޒުވާނުންގެ ދުވަސް ކުޅުދުއްފުށީފައި ފާހަގަ ކުރާއިރު، ރައީސް ޞާލިހުވެސް ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް ކުޅުދުއްފުށީފައެވެ. މިޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލް ކުރާ ފަރާތްކަށް އެވޯޑް ހަވާލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށީފައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ އެރަށަށް ޒިޔާރަތް ކުރަމުންނެވެ. މިހަފްތާ ބަންދުގައި އެންމެ ގިނަ ބަޔަކު އެއްރަށަކަށް ދާނެ ރަށަކީ ކުޅުދުއްފުށި ކަމަށް ބަލެވެއެވެ. ޚާއްސަކޮށް ޤައުމީ ޓީމު ކުޅޭ މެޗު ބެލުމަށް ގިނަ ބަޔަކު ކުޅުދުއްފުއްޓަށް ދިއުމަކީ އެކަށީގެންވާ ކަމެއްކެވެ.
ކޮމެންޓު ފޮނުވާ