ބޮޑުފޮޅުދޫގައި އަލަށް އިމާރާތްކުރި މިސްކިތް ހުޅުވައިފި

ބޮޑުފޮޅުދޫގައި އަލަށް އިމާރާތްކުރި މިސްކިތް ހުޅުވައިފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 02:28
0

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫގައި ސަރުކާރުން ބިނާކުރި މަސްޖިދު ތަޤްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މިސްކިތް ރަސްމީކޮށް ހުޅުވާދެއްވީ އެމަނިކުފާނު އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ބޮޑުފޮޅުދުއަށް ވަޑައިގެން މިއަދު މެންދުރު ނަމާދު ވަގުތަށެވެ. 300 މީހުންގެ ޖާގައިގެ މި މިސްކިތް ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންވެސް ބައިވެރިވި ޖަމާޢަތުގައި އިމާމްވެ ނަމާދުކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީއެވެ.

މި މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ވިދާޅުވީ، ބޮޑުފުޅަދޫ މިސްކިތަކީ އަދުގެ ސަރުކާރުން އިމާރާތްކުރަން ފެށި މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއްކަމަށާއި، މި މަޝްރޫޢު ފުރަތަމަ ހަވާލުކުރި ކުންފުންޏަށް މަސައްކަތް ނުނިމި ލަސްތަކެއް ދިމާވުމުން ބާކީ ހުރި މަސައްކަތް ނިންމީ އެހެން ފަރާތަކާއި ހަވާލުކޮށްގެންކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ޖާގަ ތަނަވަސް ރީތި މިސްކިތެއް ހުޅުވުނު ނަމަވެސް މިސްކިތް ބިނާކުރުމުގެ އެންމެ ފުރިހަމަ މަޤުސަދު ހާސިލުކުރެވޭނީ އެތަނުގައި އަޅުކަންކުރާ މީހުން ގިނަވުމުންކަން ފާހަގަކުރައްވައި، ނަމާދުކުރުމުގެ މުހިއްމުކަމާއި މަތިވެރިކަން ހަނދާންކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ޒަމާނީ ފެންވަރަށް ބޮޑުފޮޅުދޫގައި ބިނާކުރި މި މިސްކިތަކީ މުންނާރަކާއި ވުޟޫ ކުރާތަނެއްގެ އިތުރުން އަންހެން ބޭފުޅުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު ބިނާކޮށްފައިވާ މިސްކިތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.