މަތިވެރީ ބިންހިއްކުމުގެ މަޝްރޫޢު އަންނަ އަހަރު ބަޖެޓްކުރެވޭނެ: ރައީސް

މަތިވެރީ ބިންހިއްކުމުގެ މަޝްރޫޢު އަންނަ އަހަރު ބަޖެޓްކުރެވޭނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2021 11:42
0

އަރިއަތޮޅު އުތުރުބުރީ މަތިވެރިއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަށުގެ ބިންހިއްކުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ، މަތިވެރި ފަދަ ރަށްރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ވީވަޢުދުތަކާއެކު ބިންޙިއްކުން ވީހާވެސް އަވަސްކުރުމަށް އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާކަމަށާއި، އެކަމުގައި ސަރުކާރުން އެހީތެރިވެދޭނެކަމަށެވެ. އަދި އެމްޓީސީސީގެ މަސައްކަތްތައް ހަލުއިވެގެން ދިއުމުން ބިންހިއްކުމުގެ މަޝްރޫޢޫތައް އަވަސްވެ، ބިން ހިއްކުމުގެ ވަޢުދުތައް ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރެވިގެން ކުރިއަށްދާނެ ކަމަށާއި، އެމްޓީސީސީން މި މަސައްކަތް ފެށޭވަރުވާނީ މިހާރު އެމްޓީސީސީއާއި ހަވާލުކޮށްފައި ހުރި ބިން ހިއްކުމުގެ މަސައްކަތްތައް ނިމުމުން ކަމަށެވެ. ރައީސް ވިދާޅުވީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ކަމަށާއި، މިކަމުގައި އެމްޓީސީސީގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އަދި ކެޕޭސިޓީ އިތުރުކުރެވިގެން ދިއުމާއެކު ބިން ހިއްކުމުގެ މަސައްކަތްތައް އެއްފަހަރާ ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް އެއްކޮށް ނިންމަން ބޭނުންފުޅުވާ ކަމަށެވެ.

މަތިވެރީގެ ސިއްހީ މަރުކަޒުން ޚިދުމަތް ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކައުންސިލާއި ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ރަށުގެ ސިއްހީ މަރުކަޒު 24 ގަޑި އިރަށް ބަދަލުކުރުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކާއި ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ގެންނަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެކަން އެގޮތަށް ކުރެވޭނަމަ ހެލްތް މިނިސްޓަރަށް ހުށަހަޅުއްވައިގެން އެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. މީގެ އިތުރުން ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރާއިރު، މިވަގުތު ތިބި މުވައްޒަފުންނާއި އެކު އެކަން ކުރެއްވޭނަމަ އެކަން ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ 24 ގަޑިއިރަށް ސިއްހީ މަރުކަޒުގެ ޚިދުމަތް ބަދަލުުކުރެވިގެންދާއިރު އެންމެ އިސްކަމެއް ދެއްވާނީ މުވައްޒަފުންނާއި ވަސީލަތްތައް ގާއިމްކުރެއްވުމަށް ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ ފަރާތުން ވަނީ އެރަށުގައި އައު މިސްކިތެއް ބިނާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބިންތަކާއި ރަށް ކައިރި އޮންނަ ފިނޮޅާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހީއްސާކޮށްފައެވެ.

އަދި ރަށްރަށުގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް މާލެއަށްވުރެ ބޮޑު މައްސަލައާއި ގުޅިގެން މަތިވެރިންވެސް ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލުހޯދުމަށް ފެނަކައާ ސްޓެލްކޯއާއެކު މަޝްވަރާކޮށް ލުއިތަކެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.