ޢަރަބިއްޔާގެ އިތުރު ސްކޫލެއް ހުޅުމާލޭގައި އަޅައިދިނުމަށް އެދި ޕެޓިޝަނެއް

ޢަރަބިއްޔާގެ އިތުރު ސްކޫލެއް ހުޅުމާލޭގައި އަޅައިދިނުމަށް އެދި ޕެޓިޝަނެއް

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2021 07:21
0

ގިނަ ޢަދަދެއްގެ ރައްޔިތުން ހުޅުމާލެއަށް ބަދަލުވަނުންދާ މިދަނޑިވަޅުގައި، ހުޅުމާލޭގައި ޢަރަބި މީޑިއާމަށް ކިޔަވައިދޭ ސްކޫލެއް ޤާއިމްކޮށްދެއްވުން އެދި 3000 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު އެޑިޔުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ޢަރަބިއްޔާގެ ގިނަ ދަރިވަރުންތަކެއްވެސް ހުޅުމާލެއަށް ބަދަލުވަމުންދާތީއާއި، އަދި ކުރީއްސުރެ ހުޅުމާލޭގައި ދިރިއުޅެމުންދާ ޢަރާބިއްޔާގެ ދަރިވަރުންވެސް ތިބުމާއި، އަދި ހަމައެއާއެކު ޢަރަބި އިސްލާމީ ތަޢުލީމު އުގަންނާދިނުމަށް ޝައުޤުހުރި ގިނަ ބެލެނިވެރިންތަކެއް ހުޅުމާލޭގައި ތިބުމާއިއެކުއެވެ.

މިކަމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތުން ހާމަކުރެއްވި ގޮތުގައި، ޢަރަބިއްޔާ ކުދިންނަށް ވަކިން ޚާއްޞަ ސްކޫލެއް އަޅަންޖެހޭ މައިގަނޑު ސަބަބުތަކަކީ މި ސްކޫލަކީ އެހެން ސްކޫލްތަކާއި ޚިލާފަށް ދެތިން މާއްދާއެއް ފިޔަވާ ހުރިހާ މާއްދާއެއް ޢަރަބި ބަހުން ކިޔަވައިދޭ ސްކޫލަކަށް ވާތީއާއި، އަދި އެހެން ސްކޫލްތަކާޚިލާފަށް އިސްލާމްދީނުގެ މައިގަނޑު މަސްދަރުތައް ހިމެނިފައިވާ ތައުޙީދާއި، ފިޤްހާއި، ތަފްސީރާއި، ޙަދީޘް ފަދަ ދީނީ މާއްދާތައް ކިޔަވައިދޭ ސްކޫލަކަށްވެފައި، އެފަދަ އެހެން ސްކޫލެއް ހުޅުމާލޭގައި ނެތުމުންނެވެ.

އަދި ހަމަ އެހެންމެ ދެޖިންސް ކުދިންނަށް ވަކި ކްލާސްރޫމްތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިދޭ، އިސްލާމީ ރިވެތި އާދަ ތަކާއި، ތަރުބިއްޔަތުގެ މައްޗަށް ބިނާވެފައިވާ ސްކޫލަކަށް ވުމެވެ. މިގޮތުން ހުޅުމާލޭގައި އަޅާ ސްކޫލްގެ ނަމަކީ ޢަރަބިއްޔާ ކަމަށް ނުވިޔަސް ، އެ ސްކޫލްގެ ނަމަކީ "ހުޅުމާލޭ އިސްލާމިކް ސްކޫލް" ކަމުގައި ހަދައިދެއްވުމަށް އެދޭ ކަމުގައިވެސް އެފަރާތުން ހާމަކުރެއްވިއެވެ.

ޢަރަބިއްޔާގެ ބެލެނިވެރިންގެ އިސްނެގުމާއިއެކު ހުޅުމާލޭގައި ޢަރަބި އިސްލާމީ ތަޢުލީމު އުގަންނާދޭ ، ޢަރަބި މީޑިއަމް ސްކޫލެއް އަޅައިދިނުމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ޕެޓިޝަންގެ ކޮޕީ ރައީސް އޮފީހަށާއި، އިސްލާމިކް މިނިސްޓްރީ އަށާއި، އެޗްޑީސީ އަދި ދީނީ ޖަމްޢިއްޔާ ތަކަށްވެސް ހުށަހަޅާނެކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

މި ޕެޓިޝަން ހުށަހެޅުއްވި ބޭފުޅުންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި އަރަބި އިސްލާމިކް ސްކޫލެއް އެޅުމަކީ އެޑިޔުކޭޝަންގެ ޕޮލިސީގައި ހިމެނޭ ކަމެއް ކަމަށާއި، މިވަގުތު ބަޖެޓް ހުރިގޮތުން ހުޅުމާލޭގައި އަޅަން ފަށާފަ ވަނީ އިންގްލިޝް މީޑިޔަމްގެ ޕަބްލިކް 2 ސްކޫލް ކަމަށެވެ. އަދި ޢާންމު ފަރާތަކުން ޢަރަބިއްޔާ ސްކޫލެއް އަޅައިދިނުމަށް ހުށަހަޅާފިނަމަ އެކަމަށްވެސް ފުރުޞަތު ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި.

އަދި އެފަދަ ފުރުޞަތެއް ލިބިއްޖެނަމަ ޢަރަބިއްޔާ ސްކޫލް ހުޅުމާލޭގައި އެޅުން އަވަސް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި. އަދި މިހާރުގެ ޢަރަބިއްޔާގެ ކޮންކްރީޓް ސްރަކްޗަރ އަށް ލިބިފައި ހުރި ގެއްލުން ހައްލުކުރުމަށް ޑިސެމްބަރ ޗުއްޓީގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.