ގެނައީ އިދާރީ ބަދަލެއް، ފުލުހުންނަށް ޒިންމާވާނީ މަގާމުގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު: ސަރުކާރު

ގެނައީ އިދާރީ ބަދަލެއް، ފުލުހުންނަށް ޒިންމާވާނީ މަގާމުގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު: ސަރުކާރު

ގުޅުންހުރި

ފުލުހުންގެ ކަންކަމަށް މަގާމުގެ ހައިސިއްޔަތުން މިހާރު ޒިންމާ ވާންޖެހޭނީ ހޯމް މިނިސްޓަރު ކަމަށާއި، ހޯމް މިނިސްޓަރަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވާ ފޮނުއްވާފައިވާ ސިޓީއަކީ ގާނޫނަށް އައި ބަދަލަކާއި ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެއްކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކު އަޒީޒު ވިދާޅުވެފައިވަނީ، ފުލުހުންގެ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، އެގާނޫނުގެ 69ވަނަ މާއްދާގައި ވަނީ ހޯމިނިސްޓަރު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާތައް ކަމަށާއި، މިގޮތުން، ކުރީގެ ގާނޫނުގައި ފުލުހުންގެ ކަންކަމަށް ހޯމް މިނިސްޓްރީން ޒިންމާވާން ޖެހޭގޮތަށް ލިޔެފައި އޮތް އޮތުމަށް ފަހުން ގާނޫނަށް ގެނައި އިސްލާހުން، މަގާމުގެ ހައިސިއްޔަތުން މިނިސްޓަރު ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާގޮތަށް އޮންނާތީ، މިގެނައި ބަދަލަކަކީ އުސޫލުތައް ގާނޫނުގައި ލިޔެވިފައިވާ ގޮތަށް ފެއްތުމަށް ގެނެސްފައިވާ ބަދަލެއް ކަމުގައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނާ ހަވާލާދީ ބައެއް މީޑިއާތަކުން މިގޮތަށް ރިޕޯޓު ކޮށްފައިވިނަމަވެސް، މީޑިއާތަކަށް ރޭ ލީކުވި، މިމަހުގެ 14ވަނަ ދުވަހު ހޯމް މިނިސްޓަރަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފު ސޮއިކޮށް ފޮނުއްވާފައިވާ ސިޓީގައި ވަނީ ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީގެ އިހުތިސާސްއިން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

އަދި އެސިޓީގައި، ފުލުހުންގެ މުވައްސަސާގެ ހުރިހާ ޒިންމާއެއް ހޯމް މިނިސްޓްރީގެ އިހުތިސާސުން ވަކިކޮށް، ހޯމް މިނިސްޓްރީން އޭގެފަހުން ބަލަހައްޓަންޖެހޭ މަސައްކަތްތައްވެސް ބަޔާން ކޮށްފައިވެއެވެ. އެހެންނަމަވެސް، ސިޓީގެ މިބައި މީޑިއާތަކަށް ލީކުވެފައެއް ނުވެއެވެ. އަދި މިއަދު ރައީސް އޮފީހުންވަނީ ހޯމް މިނިސްޓްރީ އެއޮފީހުގެ ވެބްސައިޓުންވެސް އުނިކޮށްފައެވެ.

ރައީސް އޮފީހުން ކުއްލިގޮތަކަށް ފުލުހުންގެ މުވައްސަސާ ހޯމް މިނިސްޓްރީން ވަކި ކުރުމަށް ނިންމެވުމާ ގުޅިގެން، އެތައް ބަޔަކުވަނީ ސަރުކާރުގެ މިންމެވުމަށް ފާޑު ކިޔާފައެވެ. މީގެ ތެރޭގައި، ގާނޫނީ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުވެސް ހިމެނެއެވެ. މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކަންކަން ރަނގަޅު ކުރަން އުޅޭއިރު ދިމާވާނެ ގޮންޖެހުންތަކާއި، ހުރަސްތައް ވަރަށް ގިނަ ވާނެކަމަށެވެ. ނަމަވެސް އެކަންކަމާއި ކުރިމަތިލައި އެކަންކަމުން އަރައިގަނެ ކާމިޔާބާއި ހަމައަށް ދެވޭނީ ހިތްވަރު ކޮށްގެންކަމަށެވެ. އަދި މިފަދަ ކަންކަމުން ކާމިޔާބު ލިބޭނީވެސް ހިތްވަރާއިއެކު ކުރިމަތިލައި ކާމިޔާބަށް މަސައްކަތް ކުރާ މީހުންނަށް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ