މާލެ އަތޮޅުން ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ހަފްލާގައި މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާ (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ މީހުންނަށް ޚާއްސަ އެވޯޑެއް ދޭގޮތަަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ފޯމް ފުރިހަމަ ކުރުމަށްފަހު ނޮވެމްބަރު 15 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދެ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުންނާއި އެހެން މީހަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް admin@fishagri.gov.mv އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ކްރައިޓީރިއާ، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. އަދި މި އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
މިމަހުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކ. ގާފަރުގައެވެ.