ޢީދު މީލާދު ދުވަސް: މާތް ނަބިއްޔާ ދެކެ ލޯބިން ކުރަންއޮތްކަމަކީ ކީރިތި ޤުރްއާނާއި ސުންނަތުގައި ހިފެހެއްޓުން

ޢީދު މީލާދު ދުވަސް: މާތް ނަބިއްޔާ ދެކެ ލޯބިން ކުރަންއޮތްކަމަކީ ކީރިތި ޤުރްއާނާއި ސުންނަތުގައި ހިފެހެއްޓުން

ގުޅުންހުރި

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

އެންމެ ފުރަތަމަ ހަނދާނުގައި ބަހައްޓަންވީ ކަމަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދުނިޔެއަށް އުފަންވެވަޑައިގެން ދުވަހަކާމެދުގައި ޢީލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.

އިބްނު ޢަބްދިލް ބައްރި-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަބީޢުލް އައްވަލް މަހުގެ ދެވަނަ ދުވަހުއެވެ. އިބްނު ޙަޒްމި- ރަޙިމަހުﷲ- ދެކިލައްވަނީ ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ރަބީޢުލް އައްވަލް މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ. އަބޫ ޖަޢްފަރުލް ބާގިރު ދެކިލައްވަނީ އެދުވަހަކީ ރަބީޢުލް އައްވަލް މަހުގެ 10 ވަނަ ދުވަސް ކަމަށެވެ. އިބްނު އިސްޙާގް-ރަޙިމަހުﷲ- ދެކިލައްވަނީ 12 ވަނަ ދުވަހުގައި ކަމަށެވެ. މީގެ އިތުރުން އިބްނު ޢަބްދިލް ބައްރި-ރަޙިމަހުﷲ-ޒުބައިރު ބިން ބައްކާރު-ރަޙިމަހުﷲ-ގެ ކިބައިން ނަގްލު ކުރައްވާ ގޮތުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ރަމަޟާން މަހެއްގައެވެ.

މިއުއްމަތުގެ ސަލަފުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޢީދުމީލާދު ފާހަގަ ކުރުމުގެ ގޮތުން އެއްވެސް ކަމެއްކޮށްފައި ނުވާކަން އިސްވެދިޔާ ޚިލާފުތަކުންވެސް ރަގަޅަށް އެނގި ބަޔާންވެގެން ހިނގައްޖެއެވެ. މިއުއްމަތުގެ އެންމެ މާތް އަދި އެންމެ މަތިވެރި ތިން ގަރުނު ފާއިތުވެ ދިޔަ އިރުގައިވެސް އެބޭކަލުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެކެ ލޯބިން އެކަލޭގެފާނުގެ ޢީދުމީލާދު ފާހަގަކޮށްފައެއް ނުވެއެވެ. މިކަމަކީ ހަތަރުވަނަ ގަރްނުގައި ފާޠިމީންގެ ވެރިކަމުގައި ގާހިރާގައި ފެށިގެން އުޅޭ ބިދްޢަވެރި ކަމެކެވެ.

އެހެންކަމުން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޢީދު މީލާދު ފާހަގަ ކުރުމުގެ ގޮތުން ތަސްބީޙާކިޔާ، ޞަލަވާތްކިޔަވާ، ނުވަތަ އެދުވަހު ރޯދަ ހިފާ ހެދުންފަދަ ކަންތަކަކީ ބިދްޢަވެރި ކަންތަކެވެ. އަދި އެކަމުގެ ސަބަބުން އެޢަމަލު ކުރި މީހަކަށް އެއްވެސް ޘަވާބެއް އަދި ދަރުމައެއް ލިބޭނެ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެޢަމަލު ތަކަކީ އެޢަމަލެއް ކުރި މީހަކަށް ރައްދުވެގެންނެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. (من أحدث في أمرنا هذا ما ليس فيه فهو رد ) މާނައަކީ: "މިދީނުގެ ތެރެއަށް އަލަށް ވައްދައިފި ކޮންމެ ކަމަކީ ރައްދުކުރެވިގެންވާ ކަމެކެވެ".

އަލްޢައްލާމާ އިބްނު ބާޒް-ރަޙިމަހުﷲ- ވިދާޅުވިއެވެ.

"ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ދީނުގައި ޝަރްޢު ކުރައްވާފައިވާ ކަމެއްކަމުގައިވީނަމަ، އެކަލޭގެފާނު އެކަން އުއްމަތަށް ބަޔާންކޮށްދެއްވީހެވެ. އެކަލޭގެފާނަކީ އުއްމަތަށް ފައިދާ ހުރި އެންމެހައި ކަންތައް ބަޔާންކޮށްދެއްވި ރަސޫލާއެވެ. އެކަލޭގެފާނު ބަޔާންކޮށްނުދެއްވާ ދޫކޮށްލެއްވި ތަކެތި އުނގަންނައިދެއްވުމަށް އިތުރު ނަބިއްޔަކު އަދި ރަސޫލުބޭކަލަކުވެސް ނުފޮނުއްވާނެއެވެ. އެހެންކަމުން، އެކަލޭގެފާނުގެ ޙައްގުގައި ނުވަތަ އެކަލޭގެފާނު ދެކެ ލޯބިން ކުރަންއޮތްކަމަކީ ކީރިތި ގުރްއާނުގައްޔާއި ސުންނަތުގައި އައިސްފައިވާ ގޮތަށް އެކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވެސް އަދި އޭގެފަހުން ޞަޙާބީންގެ ޒަމާނުގައިވެސް ޢީދު މީލާދުފާހަގަ ކުރުމަކީ ކޮށްފައިވާ ކަމެއް ނޫނެވެ. އަދި ޞަޙާބީންގެ ފަހުން ތާބިޢީންނެއްވެސް އެކަން އެގޮތަށް ކުރައްވާފައެއް ނެތެވެ. އެއީ، މަޝްރޫޢު ކަމެއްނަމަ، އެބޭކަލުން އެކަން ދޫކޮށް ނުލެއްވީސްކަން ކަށަވަރެވެ. އެހެނީ، އެބޭކަލުންނަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެކެ އެންމެ ލޯބިވާ ބޭކަލުންނެވެ. އެބޭކަލުންނަށް ނޭގޭ ކަންތައްތަކެއް ފަހުން އައި މީހުންނަށް އެނގި އެކަމަށް ޢަމަލުކުރަންފެށީ ކަމުގައި ހީކުރެވެނީ ހެއްޔެވެ؟ މިއީ، ބުއްދި ސަލާމަތުން ހުރި މީހަކު، އަދި ޞަޙާބީންނާއި ތާބިޢީންގެ ސީރަތު ދަންނަ މީހަކު ބުނާނެ ވާހަކައެއް ނޫނެވެ. އެހެންކަމުން، މިކަމަކީ އަލަށް އުފެދިގެން އުޅޭ ކަމެއްކަން އެނގުމުން، އެފަދަ ކަންތަކަށް އަރައިގަނެގެން ނުވާނެއެވެ. އަދި އެފަދަ ކަންތަކަށް އަރައިގަންނަމީހުންނަށް ޙައްގު ބަޔާންކޮށްދީ، އެކަންތައް އިންކާރު ކުރަންވާނެއެވެ. ސަބަބަކީ އެއީ ބިދްޢަވެރި ޢަމަލަކަށްވާތީވެއެވެ". واللهأعلم.

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފުގެ ލިޔުއްވުމެކެވެ. ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފަކީ، ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ދީނީގޮތުން ދިވެހި ރައްޔިތުންނަށް އޮޅުން އަރާފައިވާ ގިނަގުނަ ކަންތައްތަކެއް އޮޅުންފިލުވައިދެއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ