އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިއަދު ބުނީ، އަންނަ އަހަރުގެ ޖުލައި މަހު ބާއްވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޓީމުތައް ބެލެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ، ޗެފް ޑި މިޝަނަރުގެ ރޯލު ޖަވާއަށް ހަވާލުކޮށްފައިވާ ކަމަށެވެ. ޖަވާ އަކީ މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންގެ ހިންގުމުގެ އެންމެ މަތީ މަގާމުގައި ހުރި ފަރާތަށްވާ އިރު، އޭނާ އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގައި މަސައްކަތް ކުރަމުންނެވެ.
Hussain Jawaz (Jawa), the GS of FAM has been appointed as the Chef de Mission for Birmingham Commonwealth Games scheduled from 28 July to 8 August 2022.
MOC have full confidence in Mr. Jawaz that he would do a great job supporting Team Maldives at the Games. @jawaaz @FA_Maldives pic.twitter.com/K9qrrw0ibR— Maldives Olympic Committee (@nocmaldives) October 17, 2021
ކުރީގެ ސަރުކާރުން ވަނީ ކޮމަންވެލްތް އާއެކު އޮތް ގުޅުން 2016 ގައި ކަނޑާލާފައެވެ. އަލުން ކޮމަންވެލްތްގެ މެމްބަރުކަން ރާއްޖެއަށް ލިބިފައިވަނީ މިހާރު އޮތް ސަރުކާރުންނެވެ. ރާއްޖެއަށް އަލުން ކޮމަންވެލްތްގެ މެމްބަރުކަން ދޭން އެ ޖަމާއަތުގެ 54 ގައުމެއްގެ ތާއީދު ވަނީ ލިބިފައެވެ.
ޖަވާ އަކީ ކުޅިވަރުގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ސްޕޯޓްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އެފްއޭއެމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ފަރާތެކެވެ.
އިންގްލޭންގެ ބާމިންހަމްގައި އަންނަ އަހަރުގެ ޖުލައި 28 އިން އޯގަސްޓް 8 ގެ ނިޔަލަށް ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ވާދަކުރާނެ ކުޅިވަރުތައް ޔަގީންވާނީ އަންނަ އަހަރުގެ ކުރީކޮޅުކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މައުލޫމާތުދެއެވެ. ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ބައިވެރިވާ ކުޅިވަރުތައް ކަނޑައަޅާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. ރާއްޖެ އަށް ކޮލިފައިން މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުން ވެސް ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ލިބެއެވެ.