މިހާތަނަށް ސަރުކާރަކުން ނިންމި އެންމެ ރަނގަޅު ނިންމުމަކީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުން: އުޝާމް

މިހާތަނަށް ސަރުކާރަކުން ނިންމި އެންމެ ރަނގަޅު ނިންމުމަކީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުން: އުޝާމް

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 04:57
0

މިހާތަނަށް ސަރުކާރުތަކުން ނިންމި ނިންމުންތަކުގެ ތެރެއިން އިންޑިއާގެ ޖީއެމްއާރު އަތުން ދިވެހިންގެ ބައިނަލް އަގުވާމީ މައި އެއާޕޯޓް ނެގުމަކި ޤައުމަށް ކޮށްދީފައިވާ އެންމެ ރަނގަޅު އެއް ކަންތައް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދެއްވުމަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު، ވެވިފައިވާ އެއްބަސްވުން ރޫޅާލައްވަން ދިވެހި ސަރުކާރުން ނިންމެވީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ޖީއެމްއާރު މައްސަލަ މުޅިން ނިމި، ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ދައްކަންޖެހޭ ޢަދަދު ކަނޑައެޅިގެންދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތުން ޖުމުލަ ދައްކަންޖެހުނު 271 މިލިއަން ޑޮލަރު، އެމްއޭސީއެލްއިން ދައްކައި ޚަލާޞްކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން އުޝާމް ވިދާޅުވީ GMR އަތުން އެއަރޕޯޓް އަތުލުމަކީ މިފަހުގެ ތާރީހެއްގަައި އެއްވެސް ސަރުކާރަކުން ނިންމި އެންމެ މުހިންމު، އެންމެ ރަނގަޅު އެއް ނިންމުން ކަމަށެވެ. އެއީ ހުރިހާ ގޮތަކުންވެސް ދިވެހި ގައުމަށް ފައިދާ ހުރި ނިންމުމެއް ކަމަށެވެ.

އުޝާމް ވިދާޅުވީ ޖީއެމްއާރުއިން ބޭނުންވިގޮތަށް އެއަރޕޯޓްގައި ޓާމިނަލް އެޅުމަށް ފުރުސަތުދިންނަމަ، އެއަރޕޯޓްގައި 2ވަނަ ރަންވޭއެއް އެޅުމުގެ ފުރުސަތު އެއްކޮން ބަންދުވީސް ކަމަށެވެ. އަދި އިތުރު ރަންވޭއަކާ ނުލާ ޑިމާންޑާ އެއްވަރަށް އެއަރޕޯޓަށް އިތުރު އެއަރލައިންތައް ގެނައުމުގެ ފުރުސަތު ބަންދުވީސް ކަމަށެވެ. އެއަރޕޯޓް ޕްރޮޖެކްޓަކީ ދައުލަތުގެ ބަޖެޓުން ފައިނޭންސްކުރާ ޕްރޮޖެކްޓެއްކަމަށް ބުނުމަކީ ހަގީގަތާހިލާފް ވާހަކައެއް ކަމަށާއި، މިޕްރޮޖެކްޓްގެ ލޯނުތަކަކީ MACLއިން ނަގާފައިވާ އެކުންފުނިން ފައިސާ ދައްކާ ލޯނުތަކެއްކަމަށް އުޝަމް ވިދާޅުވިއެވެ. އަދި އެކުންފުންޏަށް އެވަރުގެ ލޯނުތަކެއް ލިބުނީ ލޯނުއަނބުރާ ދެއްކުމުގެ ގާބިލުކަންހުރުމުންކަމަށްސް އޭނާ ވިދާޅުވިއެވެ.

ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލިއިރު @MACLmediaއޮތީ ދަރައި، ބަނގުރޫޓުވުމުގެ މަގުމަތީގައި. 2018 ގައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު MACL އަކީ އަހަރަކު 4.5 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދިޔަ، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި ކުންފުނި.

– އުޝާމް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ޓްވިޓަރގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ އެމަނިކުފާނު ދެކޭ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދިޔަނަމަ 2014 ވަނަ އަހަރު އެއަރޕޯޓް މަޝްރޫއު އޮންނާނީ ނިމިފައިކަމަށެވެ. ނަމަވެސް 7 އަހަރު ވެގެން ދިޔަ އިރުވެސް އެމަސައްކަތް ދަނީ އަދިވެސް ކުރަމުންކަން އަމީރު ފާހަގަކުރެއްވިއެވެ. އަމީރު ވިދާޅުވީ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލައިފމ، އެއަރޕޯޓް ތަރައްގީ ހުއްޓުމުން ޓޫރިޒަމް އާމްދަނީން ރާއްޖެއަށް 13.2 ބިލިއަން ޑޮލަރު ގެއްލިގެންދިޔަކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއްކަމާއި އަދި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލާނީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކުކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.