ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވަން އިންވަނިކޮށް އިނގިރޭސި ގާނޫނުހަދާ މަޖިލިހުގެ މެމްބަރެއް ކަމުގައުވާ ޑޭވިޑް އަމަސްއަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލި ޓެރަރިސްޓަ ހަމަލާއަށްފަހު، އިނގިރޭސި ގާނޫނުހަދާ މަޖިލިސް މެމްބަރުންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތަފާތު އޮޕްޝަން ތަކާމެދު އިނގިރޭސި ސަރުކާރުން ވިސްނަމުންދާ ކަމުގައި އެގައުމުގެ އިންޓީރިއަ މިނިސްޓަރު ޕިރިޓީ ޕަޓެލް އާދީއްތަ ދުވަހު ވިދާޅު ވެއްޖެއެވެ.
އިގިރޭސި ބޮޑުވަޒީރުގެ ކޮންޒަރވޭޓިވް ޕާޓީގެ މެމްބަރެއް ކަމުގައިވާ ޑޭވިޑް އަމެސްއަށް ވަޅިން ހަމަލާދީ އޭނާ އަވަހާރަ ކޮށްލާފައިވަނީ، އިދިކޮޅު ލޭބާރ ޕާޓީގެ މެމްބަރެއް ކަމުގައިވާ ޖޯ ކޮލްސް އަވަހާރަ ކޮށްލިތާ 5 އަހަރު ފަހުންނެވެ. ނަތީޖާއެއްގެ ގޮތުން، އިނގިރޭސި ސިޔާސީ ފަރާތްތަކުގެ ސަމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މިހާރުވެ އިނގިރޭސިވިލާތުގައިވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ހުންވަމުން އައި މެމްބަރެއް ކަމުގައިވާ ޑޭވިޑް އަމެސް، އަވަހާރަ ކޮށްލާފައިވަނީ، އޭނާގެ ދާއިރާގައި، ލަންޑަނުގެ އިރުމަތީ އަވަށެއްގައި ބައްދަލުވުމެއްގައި އިންނަވަނިކޮށެވެ.
ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާގޮތުގައި، ޑޭވިޑަށް ހަމަލާ ދިނުމުގެ ތުހުމަތުގައި 25 އަހަރުގެ މީހަކު ވަނީ މިހާރު ހައްޔަރު ކުރެވިފައެވެ. ޑޭވިޑަށް ވަޅިން ހަމަލާ ދީފައިވަނީ، އޭނާ ޗާޗެއްގައި ދާއިރާގެ މީހުންނާ ބައްދަލު ކުރަމުން ދަނިކޮށެވެ.
މިހަމަލާ ތަހުގީގު ކުރަމުންދާ މެޓްރޯޕޮލިޓަން ޕޮލިހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ޑޭވިޑް އަވަހާރަ ކޮށްލުމާއި އިސްލާމިކް އެކްޓްރީމިޒަމް (ދީނީގޮތުން ހައްދު ފަހަނަ އަޅާ ދިއުން)އާއި ގުޅުން އޮތްކަމަށް މިހާތަނަށް ކުރެވިފައިވާ ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ.
އަދި މި ހަމަލާ ދިނުމުގެ ތުހުމަތުގައި 25 އަހަރުގެ މީހަކު މިހާރު ހައްޔަރު ކުރެވިފައި ވާއިރު، ހަމަލާއާއި ގުޅިގެން އިތުރު މީހަކު ހައްޔަރު ކުރުމަށް މިހާރު މަސައްކަތް ކުރެވެމުން ނުދާކަމުގައިވެސް މެޓް ޕޮލިހުންގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ. މިހާދިސާ ތަގުގީގު ކުރަމުންދާ ޓީމުން މިހާރުވަނީ، ލަންޑަނުގެ ދެ ގެއެއް ބަލާ ފާސް ކޮށްފައެވެ.
"ގާނޫނު ހަދާ މަޖިލިހުގެ ރައީސްވަނީ، ހުކުރު ދުވަހަށްފަހު، މެމެބަރުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުންނާއި ގުޅިގެން އަޅާނެ ފިޔަވަތަކެއް ނިންމަވާފަ،" އިންޓީރިއަ މިނިސްޓަރު ޕިރިޓީ ޕަޓެލް ސްކައި ނިއުސްއާއި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
"އަދި މީގެ އިތުރުން، މެމްބަރުން ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވަމުން ގެންދަވާއިރު، އަރިހުގައި ސެކިއުރިޓީ އޮފިސަރުން ތިބޭނީތޯ، ނުވަތަ އެހެން ބާވަތެއްގެ ރައްކެތެރިކަމެއް ފޯރު ކޮށްދޭނީތޯ، މިއީވެސް ވިސްނަމުންދާ ކަންކަން" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ