ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް

ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2021 08:10
0

އިއްޔެ ކަނޑުމަތީގައި ހިނގި ހާދިސާގައި ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ވަނީ ރޭގައިވެސް ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި މިއަދުވެސް ދަނީ އެމަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފްއިން ވިދާޅުވީ އިއްޔެ މާލެއިން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަކުން 4 އަހަރުގެ ފިރިހެން ކުއްޖަކު ކަނޑަށް ވެއްޓި ގެއްލުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި އާއިލާ ފަރާތުން ދަނީ ކުރަމުންކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ޅ.އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭކަމަށާއި އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއްކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.

މިހާދިސާގެ މަޢުލުމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 17:10ގައެވެ. އަދި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ މިހާރުވެސް އެސަރަހައްދުގައި ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެކުއްޖާއާބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށާއި، އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސް ކުރެއްވުމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.