ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާކަމަށެވެ. އެއަރޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށާއި، އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި. ޖީއެމްއާރާ އެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއަރޕޯޓުގެ މަސައްކަތް، 7 އަހަރު ވެގެން ދިޔަ އިރުވެސް މިދަނީ ކުރަމުން.
– އަމީރު ވިދާޅުވިއެވެ.
ޖީއެމްއާރާއެކު އެއަރޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޯވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށާއި، މިއީ ޓޫރިޒަމް އާމްދަނީ އިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު ކަމަށެވ. އަދި މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއް ކަމަށާއި، މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީކަމަށެވެ.
އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ އަޅުގަނޑަށް އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު.
– އަމީރު ވިދާޅުވިއެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނީ ނަޝީދު 78 މިލިޔަން ޑޮލަރު ބޭނުންވެގެން: ޒުލްފާ
މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށް ދެއްވުމަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު، ވެވިފައިވާ އެއްބަސްވުން ރޫޅާލައްވަން ދިވެހި ސަރުކާރުން ނިންމެވީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މި އެއްބަސްވުން އުވާލެއްވީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ސަރުކާރުން ކަމަށްވީނަމަވެސް، މި މަސައްކަތުގައި އޭރު ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު، އަދި ކުރީގެ ރައީސްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނުގެ ޕާޓީ ޕީޕީއެމުންވެސް ވަނީ މިކަމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ވަނީ މި މައްސަލަ ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 2016 ވަނަ އަހަރުގެ މެއިމަހުގެ 6 ވަނަދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދެއްވި ދެއްވުމަކީ އިޤްތިޞާދީ ގޮތުން ހިންގެވި ބޮޑު ޖަރީމާއެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއަރޕޯޓް ޖީއެމްއާރަށް ކުއްޔަށް ދެއްވިތާ އެއް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބިވަޑައިގަތީ އެންމެ 16 މިލިއަން ރުފިޔާ ކަމަށާއި، އެއީ އެންމެ އާދައިގެ ވިޔަފާރިއަކުންވެސް އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ މިންވަރެއް ކަމަށެވެ.
އެއަރޕޯޓު ޖީއެމްއާރާ ޙަވާލުކުރެއްވުމުގެ ކުރިން ހަމައެކަނި 2000 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ބަލާއިރު ކޮންމެ އަހަރަކު އެވްރެޖްކޮށް 1.8 ބިލިއަން ރުފިޔާ ލިބޭކަމަށް ހިސާބުތަކުން ދައްކައެވެ. ޖީއެމްއާރާއި އެއަރޕޯޓު ޙަވާލުކުރެއްވުމުގެ ކުރިން އެއަރޕޯޓު ހިންގި ކުންފުންޏަށް މިވަރުގެ ޢާމްދަނީއަށް ލިބިފައިވާއިރު، ޖީއެމްއާރު އެއްބަސްވުން އުވާލެއްވުމަށްފަހުވެސް ގާތްގަނޑަކަށް މިހާވަރުގެ ޢާމްދަނީއެއް އެއަރޕޯޓުން ވަނީ ލިބިފައެވެ.
ޖީއެމްއާރު މައްސަލަ މުޅިން ނިމި، ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ދައްކަންޖެހޭ ޢަދަދު ކަނޑައެޅިގެންދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތުން ޖުމުލަ ދައްކަންޖެހުނު 271 މިލިއަން ޑޮލަރު، އެމްއޭސީއެލްއިން ދައްކައި ޚަލާޞްކުރީވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ.
ކޮމެންޓު ފޮނުވާ