ނިކުތީ ވެރިކަން ބަދަލުކުރާކަށްނޫން، އިސްލާހީ މަސައްކަތްތަކެއް ކުރުމަށް: ފާރިސް

ނިކުތީ ވެރިކަން ބަދަލުކުރާކަށްނޫން، އިސްލާހީ މަސައްކަތްތަކެއް ކުރުމަށް: ފާރިސް

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2021 10:40
0

ކުރީގެ ރައީސް އަދި ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް ނިކުތީ އެއްވެސް ހާލެއްގައި ވެރިކަން ބަދަލު ކުރުމަށް ނޫންކަމަށާއި، އެއީ ހާލަތު ގޯހުން ގޯހަށް ދިއުމުން ފެށި އިސްލާޚި މަސައްކަތެއް ކަމުގައި އެމްްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެއް ސިޔާސީ މައިދާނާއި ދުރުގައި ހުންނެވުމަށްފަހު، އެމްއާރުއެމްގެ ރައީސްކަމަށް އިންތިޚާބުވި ހިސާބުން ފާރިސް ގެންދަވަނީ މީޑިއާގައި އޭނާގެ ޚިޔާލާއި ވާހަތައް ހިއްސާ ކުރައްވަމުންނެވެ. އެގޮތުން އަވަސްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އޭރުގެ ސަރުކާރުން ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ހިންގަމުންދިޔަ އެތައް ކަމެއް ހުއްޓުވުމަށް މަޖިލިސް ތެރެއިން ވެރިކަން ކުރާ ޕީޕީއެމްއަށް ނިސްބަތްވާ 12 މެމްބަރު ދެކޮޅަށް ނިކުތުމަކީ ހާލަތު ބަދަލު ކުރުމަށް ކުރިމަތިއެންމެ ބޮޑު އެއް ހިއްސާ ކަމަށެވެ.

ފާރިސް ވިދާޅުވީ އެ މަސައްކަތަކީއެއީ، އޭރުގެ ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތެއް ނޫން ކަމަށެވެ. އިސްލާހީ މަަސައްކަތް ފަށަން ޖެހުނީ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަމަލު ކުރައްވަމުން ގެންދެވި ހުދުމުހުތާރު އަދި ގާނޫނުއަސާސީއާ ހިލާފު ކަންކަމުގެ ސަބަބުން ކަމަށެވެ. އެ މަސައްކަތް އިދިކޮޅު ޕާޓީތަކުގެ މަޖިލީސް މެންބަރުންނާއެކު ކުރައްވަން ޖެހިވަޑައިގަތީ އެތެރޭގައި ހުންނަވައިގެން ކުރެއްވި މަަސައްކަތް ކާމިޔާބު ނުވުމުން ކަމަށް ފާރިސް ވިދާޅުވިއެވެ. ފާރިސް ވިދާޅުވީ އެކަންކަން ހުއްޓަވާލެއްވުމަށް ނުވަތަ މަޖިލީހުގެ ރިޔާސަތާއި ދުރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުންވެސް މަސީހު ދެކޮޅު ހެއްދެވި ކަމަށެވެ. އަދި ހިންގަވަމުން ގެންދެވި ގާނޫނާއި ހިލާފު އަމަލުތަކުގައި ދެމި ހުންނެވީ ކަމަށެވެ.

އަޅުގަނޑު މިހާރުވެސް ގަބޫލު ކުރަނީ އެ ދުވަހު އެ ގޮތަށް އެ މަަސައްކަތް ނުކުރިނަމަ މިހާރު ގައުމުގެ ހާލަތު އަދި މާ ގޯސްވާނެ އޭ. އޭރު މިސްރާބު ޖަހާފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ދިގު ކުރުމާއި އަދި ބާރުތައް އިތުރަށް ފުޅާކުރުމާއި ބިޑަކާއި ނުލައި ދައުލަތުގެ ވަކި ކަންތައްތަކެއް ބަޖެޓުން ބޭނުން ކުރުމާއި ކޮރަޕްޝަނަށްވެސް އޮތީ ހުޅުވައި އޮތް ދޮރެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އޭރު އިނގޭތޯ. ދެން މި ދެންނެވި ހުރިހާ ކަމެއް އެންމެ އެކަށީގެންވާ ގޮތަކަށް އިސްލާހުވި ވާހަކައެއް ނުދަންނަވަން.

– ފާރިސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން އޭރުގެ ސަރުކާރާއި ދެކޮޅަށް ނިކުމެ ފެށި އިސްލާހީ މަސައްކަތްތަކާއިއެކު އޭނާ ވަނީ ޖަލަށްވެސް ލާފައެވެ. އެމައްސަލާގައި ދާދިފަހުން ވަނީ ފާރިސް ބަންދު ކުރީ ޤާނޫނާއި ޚިލާފަށް ކަމަށްވެސް ކަނޑައަޅާފައެވެ. ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާރިސް މައުމޫން 6 މަސްދުވަސް ވަންދެން ބަންދުގައި ބެހެއްޓީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައެވެ. އެގޮތުން ހަމަސް ދުވަސްވަންދެން ފާރިސް ޖަލުގައި ބެހެއްޓުމަށްފަހު ފާރިސް ދޫކޮށްލީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުއެވެ.

ފާރިސް ވިދާޅުވެފައިވަނީ ގާނޫނާއި ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވާ ޝަހުސު އޮޅުވާލުން ފަދަ ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އެއިން ކޮންމެ ކަމަކީ ސަރުކާރުގެ ނުފޫޒުގައި އުފައްދާފައިވާ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޙްމަދު
ބޭނުންވީ ނައިބު ރައީސް އެކަން ނުލިބުނީމާ ދެންބޭނުންވީ މަޖިލިހުގެ ރައިސްކަން އެކަން ނުލިބޭނެކަން ޔަޤީން ވީހިސާބުން ތެޅެން ފެށުނީ،، މިހާރު ހިނާގަމުންދާކަންތައް މީގޯސްކަމަށް ވައްޑޭ،، ލަތީފު މެން ފަދަ މީހުން އެބުނަނީ އެކަމަކު އެއިން ކަމެއް ފެނޭތޯ،، ހިޔަޅަށް މޭބިސް ކަދުރު ހުތް ވިގޮތަށް ތިވަނީ ދިވެހިން ތިބީ ނިދާފައެއްނޫން.