ރައްޔިތުންގެ ފައިސާ އަކި ވަކި ފަރުދަކަށް އެކަނި ޚަރަދުކޮށް ތަޅާބުރުވަން ހުރި ފައިސާއެއް ނޫންކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތ ޕާޓީގެ އިލްމު ވެރިންގެ މަޖިލީހުގައި ހިމެނޭ ޝައިޚު އަލި ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ، ރައީސް ނަޝީދަށް ދިން ނުރައްކަތެރި ޓެރެރިސްޓް ހަމަލާއަށްފަހު، އެނބުރި ރާއްޖެ ވަޑައިގަތުމުން ވަރުގަދަ ސެކިއުރިޓީއަކާއިއެކު އެމަނިކުފާނުގެ އެންމެހައި ޚަރަދުތައް ބަލަހައްޓަމުންދަތީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޝައިޚު ޒައިދު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ވަކި އެއްވެސް ފަރުދަކަށް ބޮޑެތި ހޭދަތަކެއް ކުރުމަކީ އެކަމުން އާންމު ގިނަ ރައްޔިތުންނަށް ލިބެންޖެހޭ ފައިދާއާއި މަންޒާ ލިބުމުގައި އޮތް ހުރަހެއްކަމަށެވެ. ރައްޔިތުންގެ އަސާސީ ކަންކަމައި އެނޫން ކަންކަން ކުރަން ހުރި ފައިސާ ވަކި އެންމެ ފަރުދަކަށް ހޭދަ ކުރުމަކީ އިންސާފު ވެރި ގޮތެއް ނޫންކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
ރައްޔިތުންގެ ލާރިން ވަކިވަކި ފަރުދުންނަށް ޚަރަދުކޮސް އިސްރާފު ކުރުމަށްވުރެއް އެފައިސާއިން އެތައް ނިކަމެތި ރައްޔިތަކަށް ހިނިތުންވުން ގެނެސް ދެވިދާނެ! ރައްޔިތުންގެ ފައިސާއަކީ ބައެއް ފަރުދުންނަށް ޚަރަދުކޮށް ތަޅާބުރުވަން ހުރި އަމިއްލަ ފައިސާއެއްނޫން! އެއީ ވަރަށް ބޮޑު އަމާނާތެއް.
– އަލީ ޒައިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިވަގުތު ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވާފައިވާ ހޮޓަލާއި، ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ގޮތާމެދު ބައެއް ފަރާތްތަކުން އެކި ސުވާލުތައް އުފައްދާކަމަށެވެ. ނަމަވެސް މިއީ އެމަނިކުފާނުވެސް އެންމެބޭނުންވާ ގޮތް ނޫންކަމަށާ، ބޭނުންފުޅުވަނީ އަމިއްލަ ގެކޮޅުގައި ހުންނެވުމަށް ކަމަށެވެ.
ނަމަވެސް ޙާލަތު ހުރިގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެމަނިކުފާނު އަމިއްލަފުޅު ގެކޮޅުގައި ހުންނެވުމަށް ޖާގަ ނުދޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެއެވެ. ބައެއް ތަންތަނަށް ވަޑައިގަންނަވާއިރު ސަލާމަތީ ކަންކަން ވަރުގަދަކޮށް ގިނަޢަދަދެއްގެ ސިފައިން ތިބޭތިބުމަކީ ކަންކަން ހިނގައިދިޔަ ގޮތުން ސަލާމަތީ ބާރުތަކުން އަޅާފައިވާ ފިޔަވަޅުތަކެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ދެދަރިކަނބަލުންވެސް ބޭނުންވަނީ ކިތަންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކުވެސް އެ ދެބޭފުޅުންގެ ބައްޕަގެ ސެކިއުރިޓީ ކަށަވަރު ކުރުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެނބުރި ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނެ ދުވަހެއް މިވަގުތު ދެންނެވޭކަށް ނެތްކަމަށެވެ. އެއީ ސަލާމަތީ ކަންކަން ހުރި ގޮތުން އެމައުލޫމާތު ހާމަކުރަން ސަލާމަތީ ބާރުތަކުން ހުއްދަ ނުދޭކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ބަލައިގަނެވޭ މަސައްކަތްތަކެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.