އިނގިރޭސި ލީގުގައި މެންޗެސްޓަރ ސިޓީ، ޗެލްސީ އަދި ލިވަޕޫލްއިން އެޓީމު ކުޅުނު މެޗުތައް ކާމިޔާބުކޮށް ތާވަލުގެ ކުރިޔަށް ޖެހިލައިފިއެވެ.
ލީގުގައި މެންޗެސްޓަރ ސިޓީ އާއި ޝެފީލްޑް ޔުނައިޓެޑް ވާދަކުރި މެޗު 1-0 ލަނޑުން ކާމިޔާބު ކުރީ ސިޓީއެވެ. ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކެވިން ދި ބްރެއިނާ ދިން ބޯޅައިކަން ސިޓީގެ އިނގިރޭސި ޑިފެންޑަރު ކެއިލް ވޯލްކާއެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ޑިއޭރިޔާ ބޭރުގައި ހުރެފަ ފޮނުވާލި ބާރުހަމަލާ ގޯލްތެރަށް ވައްދައިލައިގެންނެވެ.
އޭނާ މިހާތަނަށް ލީގުގައި ޖެހި އަށް ލަނޑުގެ ތެރެއިން ހަލަނޑަކީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާތަކުން ކާމިޔާބުކުރި ލަނޑުތަކެވެ. މިއީ އޭނާ ސިޓީ ކާމިޔާބުކޮއްދިން ހަތަރުވަނަ ލަނޑެވެ. މިހާތަނަށް ލީގުގައި ކުޅުނު ހަތްމަޗުން ޝެފީލްޑްއަށް ހޯދިފަވަނީ އެންމެ ޕޮއިންޓެވެ. ފާއިތުވެދިޔަ ހަތްމެޗުން ހޯދި އެއްޕޮއިންޓާއެކު ޝެފީލްޑް އޮތީ ރެލިގޭޝަން ޒޯނުގައެވެ. ސިޓީ ވަނީ މި މޮޅާއެކު 11 ޕޮއިންޓް ހޯދައިގަން 8 ވަނައަށް ކުރިޔަށްޖެހިލާފައެވެ.
ރޭގެ ލީގުގައި ޗެލްސީ ވެސް ވަނީ ރަށުން ބޭރުގައި ކުޅެ ބާންލީންގެ މައްޗަށް ކުރިހޯދާފައެވެ. ޗެލްސީ މެޗު ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ހަކީމް ޒިޔެޗް ލީޑްނަގާދިން އިރު މިއީ ލީގުގައި އޭނާ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ޗެލްސީ އަށް އިތުރަށް ލީޑް ފުޅާކޮށްދިނީ ކާޓް ޒޫމާ އާއި ޓިމޯ ވާނާގެ ލަނޑުތަކުންނެވެ.
މިއީ ލީގުގައަ އާއި ޗެމްޕިއަންސް ލީގު އެކޮށް ޗެލްސީ ބައިކޮޅަށް ލަނޑެއް ވައްދަނުލާ ނިންމާލި ހަތަރުވަނަ މެޗެވެ. ލީގުގައި ހުސްވި ޖުލައިމަހު ނޯވިޗް އަތުން މޮޅުވިފަހުން ބާންލީ އަދި ލީގުގައި މޮޅުވެފައެއް ނުވެއެވެ. މިމޮޅާއެކު ޗެލްސީން 12 ޕޮއިންޓް ހޯދައިގެން ލީގުގެ ހަތަރަވަނަ އަށް ޖެހިލިއިރު ބާންލީ އޮތީ 18 ވަނައިގައެވެ.
ރޭގައި އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލްވެސް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. ލިވަޕޫލްއިން މެޗު ކާމިޔާބުކުރީ ވެސްޓްހަމްއާ ވާދަކޮށް 2-1 ލަނޑުންނެވެ. ވެސްޓްހަމްގެ ޕަބްލޯ ފޯނަލްސް މެޗުގެ ވަރަށް ކުރީކޮޅު ލީޑް ނަގާފަވަނިކޮށް ލިވަޕޫލްއިން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަހާފް ނިމެން އުޅިނެކޮށް ލިބުނު ޕެނެލްޓީ މުހަންމަދު ސަލާހް ގޯލްތެރެއަށް ވައްދައިލައިގެންނެވެ.
ލިވަޕޫލް މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ބަދަލު ކުޅުންތެރެއެއްގެ ގޮތުގައި ނުކުތް ޑިއެގޯ ޔޮޓާ އެޓީމަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ މެޗު ނިމެން ފަސްމިނިޓަށް ވެފައިވަނިކޮށެވެ. މިލަނޑު ޖެހުމުގެ ކުޑައިރުކޮޅެއް ކުރިން ޔޮޓާ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ވީއޭއާރް އިން ވަނީ ލަނޑު ބަލައިނުގަނެފައެވެ.
މިމޮޅާއެކު ލީގުގައި ދެވަނާގައިވާ އެވަޓަންވުރެ އެއްމެޗު އިތުރަށް ކުޅެގެން ލިވަޕޫލް އޮތީ 16 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. 8 ޕޮއިންޓާއެކު ވެސްޓްހޭމް އޮތީ 13 ވަނައިގައެވެ.