ގައުމީ ޓީމަށް ހިތްވަރު ދިނުމުގައި ދިވެހި ސަޕޯޓަރުންދަނީ އާދަޔާ ޚިލާފު ހިތްވަރެއް ދައްކަމުން

12 ވަނަ ކުޅުންތެރިޔާގެ ހިތްވަރުން ގައުމީ ޓީމަށް ދިރުން!

12 ވަނަ ކުޅުންތެރިޔާގެ ހިތްވަރުން ގައުމީ ޓީމަށް ދިރުން!

ރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ވެގެން ގޮސްފައިވަނީ ގިނަ ދުވަސްތަކަކަށް މެދު ކެނޑުމަށްފަހު، ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބާއްވާ ބައިނަލް އަގުވާމީ ފެންވަރުގެ ފުރަތަމަ ފުޓް ބޯޅަ މުބާރާތްކަމުގައެވެ. އަދި މީގެ އިތުރުން މިފަހަރު ރާއްޖޭގައި ބޭއްވިގެން މިދާ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ގައުމީ ޓީމު ވާދަކޮށްގެން ބާއްވާ ސީނިއާ ލެވަލްގެ ހަތަރު ވަނަ މުބާރާތްވެސް މެއެވެ.

އަދި ހަމައެއާއެކު، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ޚާއްސަވެގެންދާ އެއް ސަބަބަށްވުރެ ގިނަ ސަބަބުތައްވެސް އެބަހުއްޓެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެންމެ މުހިންމު ސަބަބަކީ، އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ރާއްޖެ މުބާރާތުގެ ތަށި ދިފާއު ކުރަން ނިކުތް ނިކުތުމެވެ. އަދި މީގެ އިތުރުން މި ފުރުސަތަކީ އަމިއްލަ ދަނޑުގައި، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ ރާއްޖެއަށް މިހާތަނަށް ހޯދިފައި ނުވާ ކާމިޔާބީއެއް އަދި ޝަރަފެކެވެ. މި މުބާރާތް ރާއްޖޭގައި ކުޅުނު އެއްވެސް ފަހަރެއްގައި މިހާތަނަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެއަށް އަދި މުބާރާތުގެ ތަށި އުފުލާލެވިފައެއް ނުވެއެވެ. އަދި މިފަހަރު އަމިއްލަ ފަސްގަޑުގައި، ސަރަހައްދީ މިމުބާރާތުގެ ތަށި އުފުލާލުމަށް ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިން ރަތް ޖާޒީގައި ދަނޑަށް ނިކުމެތިބީ، މިމުބާރާތުގެ ތަށި 3 ވަނަ ފަހަރަށް އުފުލާލުމުގެ ޝަރަފް ހޯދުމަށްޓަކައެވެ. ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ މުބާރާތުގެ ތަށި ދިފާއުކޮށް އަމިއްލަ ފަސްގަނޑުގައި ބެހެއްޓުމަށް ރާއްޖެއަށް ލިބޭނެ ރަނުގެ ފުރުސަތެވެ.

ރައީސް ޞާލިހު ޤައުމީ ޓީމާއި ބައްދަލުކުރުން، ފޮޓޯ: ރައީސް އޮފީސް

 

ސައްތައިން ސައްތަ ދިވެހި ޓީމު ދަނީ މެޗަކަށްފަހު މެޗަކުން ނަތީޖާ ދައްކަމުން

ސާފް ޗެމްޕިއަންޝިޕް މުބާރާތް 3 ވަނަ ފަހަރަށް އުފުލާލުމަށް ދިވެހި ޓީމް ފުރިހަމަޔަށް ތައްޔާރުވެ، މިމުބަރާތާ ކުރިމަތި ލީއިރު، އެންމެ ބޮޑަށް ފާހަގަވެގެންދާ އެއްކަމަކީ، ފައިތިވެދިޔަ މުބާރާތްތަކާ ޚިލާފަށް، މިފަހަރުގެ މުބާރާތަށް ތައްޔާރުވެ އޮތް ޓީމަކީ ސައްތައިން ސަތައް ދިވެހި ޓީމެއް ކަމެވެ. މިގޮތުން، މި މުބާރާތަށް ޓީމް ތައްޔާރު ކުރުމަށްޓަކާ ޓީމުގެ އިސް ކޯޗެއްގެ ގޮތުގައި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސާފައިވާއިރު، ސުޒޭންގެ ދަށުން ޓީމުގެ މެނޭޖްމަންޓުގައި މަސައްކަތް ކުރަމުން ދަނީވެސް މުޅިންވެސް ދިވެހި ފުޓުބޯޅައަށް ނިސްބަތްވާ، ދިވެހި ފުޓްބޯޅާއިގެ އެހާރާއި މިހާރުގެ ތަޖުރިބާކާރުންކަން ފާހަގަ ކޮށްލެވެއެވެ. އެހެންކަމުން، މިފަހަރުގެ ސާފު ޗެމްޕިއަންޝިޕްގައި ވާދަ ކުރަމުންދާ ދިވެހި ޓީމުން މުބާރާތުގައި ދައްކަމުންދާ ކުޅުމާއި އަދި ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ސައްތައިން ސައްތަ ދިވެހި މެނޭޖްމަންޓަކާ އަދި ޓީމުގެ މަސައްކަތް ހިމެނިގެން ގޮސްފައިވާކަމީ، ސަރަހައްދީ ފެންވަރުގައި ދިވެހި ފުޓް ބޯޅް ހޯދާފައިވާ އަދި ހޯދަމުންދާ ކުރިއެރުމާއި އަދި ފުޓު ބޯޅަ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތް ވަރަށްވެސް ރަގަޅަށް ތަމްސީލު ކޮށްދޭ ކަމެއްގެ ގޮތުގައިވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މިގޮތުން، ކޯވިޑްގެ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، މުބާރާތަށް ތަޖުރިބާ ކާރު ކޯޗު، ސުޒޭންގެ އާރުކާޓީކަމުގައި ތައްޔާރުވެ، ކުޅުނު ފުރަތަމަ މެޗުން ނޭޕާލާއި ވާދަކޮށް، އެ މެޗްގައި ރަގަޅަށް ކުޅެ ދައްކާފައިވާ މޮޅު ކުޅުމާއެކު މެޗުން ބަލިވި ނަމަވެސް، ފަހުން ރާއްޖެ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، ނަތީޖާވަނީ ރަގަޅު ކޮށްފައެވެ. މިގޮތުން، މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނ މެޗުގައި 2 ލަޑު ބަންގާޅުކޮޅަށް ޖަހާ މެޗް ކާމިޔާބު ކޮށްފައިވަނީ، ހުރިހާ ގޮތަކުންވެސް، މޮޅު ކުޅުމެއް ދައްކައިގެންކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި އެއަށްފަހު، އިއްޔެ ހަވީރު ޓީމު ސްރީ ލަންކާއާއި ދެކޮޅަށް ނިކުމެފައިވަނީ، މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމުގެ އުއްމީދު އިތުރަށް އާކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

މިގޮތުން، ސްރީލަންކާގެ ގޯލަށް، އެކުޅުންތެރިއަކާ މުޅި ޓީމުގެ އުއްމީދު ގުޅިފައިވާ ދަގަޑޭ ޖަހާދިން ހިތްގައިމުން ގޯލާއެކީ، މިމެޗް ރާއްޖެއަށް ކާމިޔާބު ކުރެވި، ރާއްޖެއަށް މިވަނީ، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ ދޮރު ވަރަށް ބޮޑަށް ހުޅުވިގެން ގޮސްފައެވެ. 

ދިވެހި ކޯޗިން ސްޓާފުން، ބައްސާމާއިއެކު، ފޮޓޯ: އެފްއޭއެމް

 

12ވަނަ ކުޅުންތެރިޔާގެ ހިތްވަރު

ސާފް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތާއި ރާއްޖެއިން ކުރިމަތިލީ، މިފަދަ ފެންވަރެއްގެ، ބައިނަލް އަގުވާމީ ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވިގެން ގޮސްފައި ނުވާތާ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައި ވަނިކޮށެވެ. އަދި ވަކީން ޚާއްސަކޮށް، މުޅި ދުނިޔެއަށްވެސް ކުރިމަތިވެގެންދިޔަ ކޯވިޑް ކާރިސާއަށްފަހު، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހި، އާންމު ރައްޔިތުންނަށްވެސް އެތައް ގޮތަކުން ބޮޑެތި ދަތި އުދަގޫތަކާއި ގޮންޖެހުންތައް ކުރިމަތިވެގެން ގޮސްފައިވަނިކޮށެވެ.

އަދި ހަމައެއާއެކު، ފަހަކަށް އައިސް، ރައްޖޭގައި ފުޓު ބޯޅާއިގެ ފޯރި އިންތިހާއަށް ދަށަށް ގޮސް، ރާއްޖޭގައި ކުޅެވެމުންދާ ގައުމީ މުބާރާތްތަކަށްވެސް އާންމުންގެ ޝައުގުވެރިކަން ވަރަށްބޮޑަށް ދަށްވެގެން ގޮސްފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން، ފާއިތުވެދިޔަ އަހަރުތަކުގައި، ރައްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުންނާއި، އެ ބަދަލުތަކުގެ ނަތިޖާއެއްގެ ގޮތުން ގައުމުގެ އެކި ގިންތިތަކުގެ މެދުގައި އުފެދިގެން ގޮސްފައިވާ ދެކޮޅުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، ފުޓު ބޯޅައާއި އަދި އެނޫން އެހެން ކުޅިވަރުތަކުގެ ފޯރިވެސް އިންތިހާއަށް ދަށްވެ، އަދި ގަލޮޅު ދަނޑަށް ކުޅިބަލަން ވަންނަ މީހުންގެ އަދަދުންވެސް، ފުޓު ބޯޅަފަދަ، މީގެ ކުރުން ދިވެހިންގެ މެދުގައި އާދަޔާ ޚިލާފު ބޮޑު ފޯރިއެއް އޮންނަ ކުޅިވަރެއްގެ ފޯރި ނެތިގެން ގޮސްފައި އޮތް މިންވަރުވެސް ވަރަށް ބޮޑަށް ފެނިގެން ގޮސްފައި ވެއެވެ.

އެހެންނަމަވެސް، މިހުރިހާ ބޮޑެތި ގޮންޖެހުންތަކާއެކީވެސް، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މިހާރު ވެގެން ގޮސްފައިވަނީ، މުބާރާތުގެ ފޯރި އާންމުގެ މެދުގައި ވަރަށްބޮޑަށް ހިފާފައިވާ މުބާރާތެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން މުބާރާތުގެ ފޯރި އިތުރުކުރުމަށް ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުންނާއި އަދި އަމިއްލަ އެތައް ފަރާތަކުންވެސް އިސްނަގައިގެން ކޮށްފައިވާ މަސައްކަތްތައް ވަރަށް ބޮޑަށް ވަނީ ފާހަގަވެގެން ގޮސްފައެވެ. މިގޮތުން، ރަތް ކުލައިގެ ޓީޝާޓުތައް ލައިގެން، ގައުމީ ޓީމަށް ސަޕޯޓު ކުރުމަށް ދަނޑަށް ހާޒިރުވެ ތަފާތު ގޮތްގޮތުން ގައުމިޓީމަށް ހިތްވަރު ދިނުމުގެގޮތުން ހިންގަމުންދާ ހަރަކާތްތަކުގެ އިތުރުން، އަމިއްލަ ވިޔަފާރި ކުންފުނިތަކުންނާއި، ސިޔާސީ ޕާޓީތަކުންވެސް ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރިޔަށްދާ ކެމްޕޭންތައްވެސް މިފަހަރު އާދަޔާ ޚިލާފް ގޮތެއްގައި ވަނީ ފާހަގަވެގެން ގޮސްފައެވެ.

ދިވެހި ސަޕޯޓަރުން ގަލޮޅު ދަނޑުގައި ޓީމަށް ސަޕޯޓު ކުރަމުންދަނީ

މިގޮތުން، ކޯވިޑް ނުރައްކާތެރިކަމާއި ބިރުވެރިކަން އަދިވެސް މުޅިން ފިލައިގެން ގޮސްފައި ނުވާއިރު، އަދި ފަހަކަށް މިފަދަ އާންމު ކުޅިވަރުތަކަށް ދިވެހިންތެރޭގައި އޮތް ފޯރިއާއި ޝައުގުވެރިކަން އިންތިހާއަށް ބޮޑަށް ނެތިގެން ގޮސްފައި ވަނިކޮށް، ދިވެހި ގައުމީ ޓީމަށް ސަޕޯޓު ކުރުމުގެ ގޮތުން ދަޑަށް ވަދެތިބި އެތައް ސަތޭކަ ދިވެހި ސަޕޯޓަރުން ދައްކުވައިދެމުންދާ ފޯރިއާއި ގައުމީޓިމަށް ސަޕޯޓުކުރުުގެ ހަރަކާތްތަކުން، ފުޓު ބޯޅާގައި ދިވެހިންގެ ތެރޭގައި އޮތް ފޯރިއާއި އަދި ގައުމީ ޓީމަށް ސަޕޯޓު ކުރުމުގައި އޮތް ސަގާފަތް، ވަރަށްވެސް ބޮޑުތަކުން އިއާދަވެގެން ގޮސްފައިވާއިރު، އަބަދުވެސް ދިވެހިން އެއްބައިވަންތަ ކުރުވާ ކުޅިވަރެއްގެ ގޮތުގައި ފާހަގަވެގެންދާ ފުޓުބޯޅައިން އާންމުގެންގެ ތެރޭގައިވެސް އެއްބައިވަންތަ ކަމުގެ ރޫޙެއް އުފެދިގެން ގޮސްފައިވާތަން މިދަނީ ވަރަށްވެސް ފުރިހަމަތަށް ތަމްސީލު ވަމުންނެވެ.

އަދި ވަކީން ޚާއްސަކޮށް، 12 ވަނަ ކުޅުން ތެރިޔާގެ ހިތްވަރުން ޓީމަށް ލިބެމުންދާ ދިރުމާއި، ސާފް ޗެމްޕިއަންޝިޕްގެ ތަށި 3 ވަނަ ފަހަރަށް އުފުލާލާ، ދިވެހިރާއްޖެއަކީ ސަރަހައްދީ ފުޓްބޯޅާއިގެން ބާރެއްގެ ގޮތުގައި ދެމިއޮތުމުގެ އުއްމީދުވެސް މިވަނީ ވަރަށް ބޮޑަށް އާވެ އާލާވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *