ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ކުރިއަށްދާ ސާފް ޗެންޕިއަންޝިޕްގައި ވީއައިޕީގައި ތިބެގެން މެޗު ބެލޭނެ އިންތިޒާމު ހަމަނުޖެހޭތީ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
އިކްރާމް ހިމެނިވަޑައިގަންނަވާ ގޮތުން މަޖިލީހުގެ މެމްބަރުންތަކެއް ކުރިން ޝަކުވާ ކުރެއްވީ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމް ކުޅޭއިރު ރޮސްޓްރަމް އިން ޖާގަ ނުލިބިގެންނެވެ. މަޖިލިސް މެމްބަރުންތަކެއް ތިއްބަވާ ގްރޫޕްގައި މިޝަކުވާ ކުރެއްވުމުން އާއްމުންނާ ހަމައަށް ތިލަވެ، ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވިއެވެ.
މެމްބަރުންގެ ވަޓްސްއެޕްގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އިކްރާމް ވިދާޅުވީ މެމްބަރުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ޓިކެޓް ގަންނަން ޖެހޭ ގޮތަށް އޮތުން ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މެމްބަރުންނަށް ރަނގަޅު ހިސާބަކުން ގޮނޑި ރިޒާވްކޮށް ވީއައިޕީ ދޮރުން ވަދެވޭނެ އިންތިޒާމް ވެސް ހަމަޖެހެން ޖެހޭ ކަަމަށް ވިދާޅުވިއެވެ.
އިކްރާމްގެ މިފަދަ ޝަކުވާތަކެއްހުރި އިރު މެމްބަރުން އިންތިޚާބުކުރި ރައްޔިތުން ދިގުކިއުގައި އިއްޔެވެސް ވަނީ އެތައް ގަޑިއިރުވަންދެން ތިބެގެން ޓިކެޓް ގަނެފައެވެ. ނަމަވެސް މިކަމާއި ރައްޔިތުން އަޑު އުފުލުމުން އެއްވެސް މެމްބަރަކު މިކަމާއި މެދު އެއްޗެއް ބުނެފައިނުވެއެވެ.
އަޅުގަނޑުގެ ހުށަހެޅުމަކީ "އިއްޒަތްތެރި" ނުކިޔައި ދާއިރާގެ މެމްބަރު ކިޔުން: އިކްރާމް
އިކްރާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިއްޒަތް ދިނުމަށް ގަވާއިދާއި އުސޫލްތަކަށް ބަދަލު ގެންނަން ޖެހޭނެ ކަަމަށެވެ. މިގޮތަށް މިއަދު ވިދާޅުވިއިރު، ކުރިން އިކްރާމް ވިދާޅުވީ ގަވާއިދުގައި ލިއެގެން އެކަކު އަނެކަކަށް "އިއްޒަތްތެރި" ކިޔަން މަޖުބޫރު ކުރުވާފައިވީ ނަމަވެސް ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ހަގީގީ މާނައިގައި އިމްތިޔާޒު ނުލިބޭ ކަމަށެވެ. ގާނޫނުގައި ލިއެފައި އޮންނަ "އިއްޒަތްތެރި" ކަމުގެ އިހްސާސް ބޭރު ތެރޭގައި ކުޑަކޮށް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ