ފުޓުބޯޅައާއި، ކްރިކެޓް ކުރިއެރުމަށް ނަމާލްއާއި ރައީސް މަޝްވަރާ ކުރައްވައިފި

ފުޓުބޯޅައާއި، ކްރިކެޓް ކުރިއެރުމަށް ނަމާލްއާއި ރައީސް މަޝްވަރާ ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2021 03:52
0

ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް، ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ހިޒް އެކްސެލެންސީ ނަމާލް ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ ހިޒް އެކްސެލެންސީ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލެއްވުމުން ޝުކުރު އަދާކުރައްވައި ދެ ޤައުމުގެ މެދު އޮންނަ ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ކޮވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގެ ކޮވިޑްގެ ހާލަތާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

ސްރީލަންކާގެ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުމުން އަވަށްޓެރި ޤައުމުތަކަށް ވެސް އޭގެ ފައިދާކުރާކަން ފާހަގަކުރެއްވިއެވެ. އަދި ސްރީލަންކާގެ ބޯޑަރުތައް ހުޅުވާލުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މިނިސްޓަރ ރައީސުލްޖުމްހުރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން، ސްރީލަންކާގެ ދެކުނުގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ މަސައްކަތް ނިމުމުން ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު ދަތުރުތައް އިތުރުވާނެކަންވެސް ސްރީލަންކާގެ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ މެދުގައިވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުން ދެ ބޭފުޅުން ވަނީ ސާފް ޗެމްޕިއަންޝިޕް 2021 ގައި، މިއަދު މެންދުރުފަހުން ކުޅެން ހަމަޖެހިފައިވާ ދިވެހިރާއްޖެއާ ސްރީލަންކާގެ މެޗާއި މެދު ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މިނިސްޓަރ ވަނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާތީ އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ، ދެޤައުމުގެ ދެމެދުގައި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ޙާއްޞަކޮށް ފުޓްބޯޅަ އަދި ކްރިކެޓް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، މިއަހަރު ފަހުކޮޅު ގްލަސްގޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-26 ކޮންފަރެންސާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.