ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދިނުމަށް އއ.މަތިވެރީ ކައުންސިލުން އިސްނަގަިއގެން ޚާއްސަ އިވެންޓެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މަތިވެރީ ކައުންސިލުން ބުނެފައިވަނީ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ފުޓުބޯޅަ ޓީމާއިއެކު މަތެރީ ރައްޔިތުން ތިބިކަން ހާމަކޮށް ޤައުމީ ޓީމަށް ހިތްވަރު ދިނުމަށް ބާއްވާ ޚާއްސަ އިންވެންޓަކީ ރަށުގެ ކުދި ބޮޑު އެންމެންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އިވެންޓެއްކަމަށެވެ. މިިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައެވެ.
މިއިވެންޓަކީ ޤައުމީ ޓީމަށް ހިތްވަރު ދިނުމަށް ބޭއްވޭ އިވެންޓަކަށް ވުމުން، ރަށުގެ ކުދި ބޮޑު އެންމެން ރަތް ހެދުމެއް ނުވަތަ ޤައުމީ ދިދައާއިއެކު އެއްގަމު އުޅަދެއްގައި އެރަށު "މަރިޔާދުގެ" ކައިރިއަށް އައުމަށް ވަނީ ދައުވަތު ދެއްވާފައެވެ. މަތިވެރީގެ ރައްޔިތުންނަކީ މިފަދަ ޤައުމީ ކަންކަމުގައި އަބަދުވަސް އިސްނަގައި، ނަމޫނާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. އަދި އެރަށު ކައުންސިލަކީ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރާ ކައުންސިލެކެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ފުޓުބޯޅަ ޓީމުވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެމެޗުން ޤައުމީ ޓީމު ވަނީ ބަލިވެފައެވެ. ޤައުމީ ޓީމު މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި މާދަމާރޭ 9 ޖަހާއިރު ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. މާދަމާރޭގެ މެޗު ޓިކެޓު މިހާރުވަނީ ވިކި ހުސްވެފައެވެ. މިމެޗަކީ މުބާރާތުގެ ފައިނަލަށް ދިއުމަށް ރާއްޖެއަށް މުހިންމު މެޗެކެވެ.
ޤާއުމީ ޓީމުވެސް ވަނީ މިމެޗު ކާމިޔާބު ކުރުމަށް ކަށިން ހިތްވަރު ނެރެ މަސައްކަތް ކުރާނެކަމަށް ބުނެފައެވެ. މުބާރާތުގެ ފައިނަލަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ