މެޗުގެ އެއްދުވަސް ކުރިން ޓިކެޓް ވިކި ހުސްވެއްޖެ

މެޗުގެ އެއްދުވަސް ކުރިން ޓިކެޓް ވިކި ހުސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 09:54
0

ރާއްޖެ އާއި ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަންފެށިތާ ހަ ގަޑިއިރެއްހާއިރު ތެރޭ ޓިކެޓްތައް ވިކި ހުސްވެއްޖެއެވެ.

ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަކުރި 350 ޓިކެޓު ވަނީ މިއަދު މެންދުރުވުމުގެ ކުރިން ވަނީ ވިކި ހުސްވެފައެވެ. ބާކީ ޓިކެޓުތަކަކީ ދިވެހިންނަށް ހާއްސަކޮށްފައިވާ ޓިކެޓުތަކެކެވެ. މީގެތެރެއިން ބައެއް ޓިކެޓުތައް ދިވެހިން ވަނީ ކަޅުބާޒާރުގައި ބިދޭސީންނަށް ބޮޑު އަގުގައި ވިއްކާފައެވެ. އެފްއޭއެމުން ވަނީ ދިވެހިންނަށް ހާއްސަކޮށްފައިވާ ޓިކެޓުތަކުން ބިދޭސީންނަށް މެޗުބަލަން ނުވަދެވޭނެ ކަމަށް ބުނެފައެވެ. އަދި ބިދޭސީންނަށް ދަނޑަށް ވަދެވޭނީ ވޯކް ވިސާ ނުވަތަ ވޯކް ޕާމިޓު ދައްކައިގެން ކަމަށް ވަނީ ބުނެފައެވެ.

އެފްއޭއެމުން ބުނީ ދަނޑަށް ވަންނައިރު ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ ގައުމުގެ ސަޕޯޓަރުންނަށް ދޫކުރީ އެ ސަރަހައްދުގައި ތިބެންޖެހޭނެ ކަން ލިޔެފައިވާ ޓިކެޓުތައް ކަމަށެވެ. އަދި އެހެން ޒޯނުތަކުގައި ތިބޭނީ ދިވެހިން ކަމަށާއި އެ ޒޯންތަކަށް އެއްވެސް ބިދޭސީއަަކަށް ނުވަދެވޭނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗްތަކަށް މި އަހަރު ދަނޑަށް ސަޕޯޓް ކުރަން ވަދެވޭނީ މެޗަކަށް 5000 ސަޕޯޓަރުންނަށެވެ. މީގެ ތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައި ވަނީ 350 ޓިކެޓެވެ. މިއީ ސަޕޯޓަރުންނަށް ކަނޑައެޅިފައިވާ ޖާގައިގެ ހަތް ޕަސެންޓެވެ.

މިއަދު މެންދުރު އެފްއޭއެމުން ވަނީ ސޯޝަލް މީޑިއާގައި ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ހާއްސަ އެންގުމެއް ވެސް ހިއްސާކޮށްފަ އެވެ. މި އެންގުމުގައި އެ އެސޯސިއޭޝަނުން ބުނެފައި ވަނީ، ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގައި އެހެން ގައުމުގެ ސަޕޯޓަރުންނަށް ކުޅިބަލަން ނުވަދެވޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ސަޕޯޓަރުންނަށް ކުޅިބަލަން ވަދެވޭނީ ވޯކް ޕާމިޓް ނުވަތަ ވިސާ ދެއްކުމަށް ފަހު ކަމަށް ވެސް އެފްއޭއެމުން އަންގައެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.