ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން އެ ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ދުންހޮޅިތައް އުސް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.
ސްޓެލްކޯގެ ޖަނަރޭޓަރުން ބޭރުވާ، ދުމާއި، ގަދަ އަޑުގެ އިތުރުން ނުބައިވަސް ހުންނާތީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އުދަގޫތަކާއި ކުރިމަތިވާތީ މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނުދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. ރިޕޯޓް ފާސްކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަކަމަށް 35 މެމްބަރަކު ވޯޓު ދެއްވިއެވެ.
މިމައްސަލަ މަޖިލީހުގެ ސްޓޭޓް އޯން އެންޓްޕްރައިސްއާއި އެންވަޔަރަންމަންޓް ކޮމިޓީ ގުޅިގެން އުފެއްދި ސަބް ކޮމިޓީން ބެލުމަށް ފަހު އެކުލަވާލި ރިޕޯޓްގައި 7 ކަމެއް ކުރަން އަންގަން ހުށަހަޅާފައިވެއެވެ.
މަޖިލީހުން ރަނގަޅު ކުރުމަށް ހުށަހެޅި ކަންތައްތައް:
– ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުމާއި، ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން.
– ސަރަހައްދުގައި ދިރިއުޅޭ މީހުނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމަން އެދުން.
– ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބަލަން ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުން.
– ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި މވައްޒަފުން ތަމްރީނު ކުރުން.
– މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުށި އަދި ހުޅުމާލެއިން ކަމަށްވާތީ އެ ޕްރޮޖެކްޓުތައް ނިންމަން މަސައްކަތް ކުރުން.
– ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުން.
– ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުމާއި، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
މީހުން ދިރިއުޅޭ ސަރަހައްދުގައި ސްޓެލްކޯ އިންޖީނުގެ ހުރުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުްނނަށް ނަފްސާނީ އަދި ސިއްޙީ ގޮތުންވެސް ގެއްލުންތަކެއްވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.
މިމައްސަލާގައި ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ގެތަކަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނާތީ، އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލުން ދެއްވާނެކަމަށް ވަނީ ބުނެފައެވެ.