ތިން ހުށަހެޅުމަކާއިއެކު ވެންޓިލޭޓަރު މައްސަލަ މުރާޖާ ކޮށްދޭން ކޮމެޓީން ލަފާދީފި

ތިން ހުށަހެޅުމަކާއިއެކު ވެންޓިލޭޓަރު މައްސަލަ މުރާޖާ ކޮށްދޭން ކޮމެޓީން ލަފާދީފި

Author
މުޙައްމަދު ޝަޒައިމް
31 އޮކްޓޯބަރ 2020 03:46
0

ކޯވިޑް-19 އާއި ގުޅިގެން އޭރުގެ ހާލަތަށް ބަލައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގިކަމަށްބުނާ ހިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގުކޮށް 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވާފައި ވަނިކޮށް އެ އޮފީހުން އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށް އެ އޮފީހަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޕީޖީއާއި އޭސީސީއާއި ފުލުހުން ދިން މައުލޫމާތުތައް ދިރާސާކުރުމަށް ފަހު ޖުޑިޝަރީ ކޮމިޓީ އިން އެކުލަވާލައި ފާސްކޮށްފައިވާ ކޮމިޓީ ރިޕޯޓްގައި ތިން ހުށަހެޅުމަށް އެ ކޮމިޓީން ފާސްކޮށްފައިވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާ ފުލުހުން ފަދަ ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމެވެ. ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީ އިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމެވެ. ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް އެންގުމެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިދިޔަ ބުދަ ދުވަހު ޙާޒިރުކުރި ޖުޑިޝަރީ ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދައި ދެވެންދެން އެ މައްސަލަ މަޖިލީހުން ބެލުމަށް މަޖިލިސް ރައީސް ނަޝީދު އެދިވަޑައިގެންފައިވާތީ މިމައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން ކޮމިޓީގައިވަނީ މަޝްވަރާ ކޮށްފައެވެ.

ޖުޑީޝަރީ ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމުގައި ވަނީ މިމައްސަލާގައި ހިމެނޭ ލިޔެކިޔުންތައް ކަމާއިބެހޭ އިދާރާތަކަށް ދަންނަވައިގެން ލިޔުމުން ހޯދުމަށް ނިންމާފައެވެ. އަދި މިހަފްތާގައި ކޮމިޓީއަށް ޕީޖީ ހުސެއިން ޝަމީމް ހާޒިރުކުރުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. ޕީީޖީ ޝަމީމް މިމައްސަލާގައި ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ޕީޖީ ވަނީ މިނިވަން މުއައްސަސާ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެދުވެސް ޕީޖީ ވިދާޅުވީ މިމައްސަލާގަިއ ކޯޓަކަށް ހުށަހަޅައިގެން ދައުވާކުރެވޭ ވަރަށް ހެކި އޭސީސީއަށް ހުށަހެޅިފައި ނުވާކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާނުކުރަން ނިންމީ ޖިނައީ ދައުވާއެއް އުފުލޭވަރާއި ގާތަށްވެސް ހެކި އޭސީސީއަށް ހުށަހެޅިފައި ނެތުމުން މިމައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ސަބަބު ހަމާކުރައްވައި ޕީޖީ ޝަމީމް ވިދާޅުވީ ޤާނޫނާއި ޚިލާފް ކޮންމެ ކަމަކީ ކޮރަޕްޝަނަށް ނުވާނެކަމަށެވެ. އެހެން ނަމަވެސް ވަކި މަންފާއެއް އެކަމުގައި އެކުލެވޭނަމަ އެކަމެއް ކޮރަޕްޝަނަށް ވާނެކަމަށެވެ. ޕީޖީ ވިދާޅުވީ އެއޮފީހުން މަސައްކަތް ކުރަނީ އިދާރީ ގޮތުން މިކަމުގައި އަމަލުކޮށްފައިވާ މީހުން އަމަލުކޮށްފައިވާ ގޮތެއް ބެލުމަށް ނޫންކަމަށެވެ. އެއޮފީހުގެ ޒިންމާއަކީ ޖިނާއީ ގޮތުން މިމައްސަލާގައި ދައުވާ ކުރެވޭނެ ހާލަތެއް އޮތްތޯ ބެލުންކަމަށެވެ. ނަމަވެސް އޭސީސީން ފޮނުވާފައިވާ ތަހުގީގަށް ބަލައި މިމައްސަލާގައި ދަޢުވާ ކުރެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.