މިވެނި ކަމެއް މިވެނި ގޮތަކަށް ކުރެވުނު ނަމައޭ ހިތަށް އަރާނެ އެއްވެސް ކަމެއްނެތް: ސުޒޭން

މިވެނި ކަމެއް މިވެނި ގޮތަކަށް ކުރެވުނު ނަމައޭ ހިތަށް އަރާނެ އެއްވެސް ކަމެއްނެތް: ސުޒޭން

Author
މުޙައްމަދު ޝަޒައިމް
01 އޮކްޓޯބަރ 2021 01:32
0

މިއަދު ފަށާ އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިވެނި ކަމެއް މިވެނި ގޮތަކަށް ކުރެވުނު ނަމައޭ ހިތަށް އަރާނެ އެއްވެސް ކަމެއް ނެތްކަމުގައި ޤައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ވަނީ ގަތަރުގައި 16 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، ޖެހުނީ މާލޭގައި މަޑުކުރާށެވެ.

ސުޒޭން ނެތި ޓީމު ލީޑުކުރީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. ސުޒޭން ޓީމާ ގުޅުމަށް ފަހު ތިން ޕްރެކްޓިހެއްކޮށް ވަނީ މެޗެއް ކުޅެފަ އެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ގަަތަރުގެ އާމީ ނެޝަނަލް ޓީމާ ވަނީ 1-1 އިން އެއްވަރުވެފައެވެ. ޓްރެއިނިން ކޭމްޕްގެ ފުރަތަމަ މެޗުން އިންމަގެ ކޯޗުކަމުގައި ކުޅުނުއިރު، ރާއްޖޭން ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ލުސައިލް އެފްސީ އަތުން 4-3 އިން މޮޅުވެފައެވެެ. ސުޒޭން ބުނީ ހާލަތުގެ ގޮތުން ހުރިހާ ކަމަކަށް ބަލާއިރު ތައްޔާރީތަކާ މެދު ވަރަށް ހިތްހަަމަ ޖެހޭ ކަމަށެވެ.

ދަންނަވަން އޮތީ އެންމެ ވާހަކައެއް. އެއީ އަޅުގަނޑުމެންގެ ތައްޔާރީތަކުގައި މިވެނި ކަމެއް މިވެނި ގޮތަކަށް ކުރެވުނު ނަމައޭ ހިތަށް އަރާނެ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުން ހުރިހާ ކަންތައްތަކެއް ވި. ލަންކާއާ ކުޅެން އުޅުނީ ތިން މެޗު ހަމަކޮށްލަން އެކަމަކު، ނުކުޅެވުމަކުން މާ ބޮޑު މައްސަލަތަކެއް ދިމާވެދާނެ ކަމަށް އުއްމީދު ނުކުރަން.

– ސުޒޭން ބުނެފައިވެއެވެ.

ސުޒޭން ބުނީ ސާފް ޗެންޕިއަންޝިޕް ފަދަ ކުރު މުބާރާތަކަށް ދިވެހި ކޯޗުލައިންގެ ނުވާނެކަމެއް ނޯންނާނެކަމަށާއި މިއީ ދިވެހި ކޯޗުންނަށް ވެސް ރާއްޖެއަށް ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށްދިނުމަށް ލިބޭ އެންމެ ރަގަނޅު ފުރުސަތުކަމަށެވެ. އަދި މިވަގުތު ގައުމީ ޓީމުގައި ތިބި ދިވެހި ކޯޗުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއެކު، މުބާރާތް ކާމިޔާބުކުރުމަށް ކުރަމުންދާ އުއްމީތައް އިތުރު ފޮނިކަމެއް އައިސްފައިވާކަމަށް ސުޒޭން ބުންޏެވެ.

ހުސް ދިވެހި ޓީމެއް އޮތީމަ އެންމެންގެ ވެސް އޮބައޮތް ވިސްނުމެއް، މިއީ އަޅުގަނޑުމެން ޕްރޫވް ކުރަންޖެހޭ ކަމެއް މިއީ. މިގޮތަށް ވެސް މަސައްކަތް ކުރެވިދާނެކަމަށް. ދިވެހި ކޯޗުން ލައިގެން ވެސް މިކަން ކުރެވިދާނެކަން. މިވަގުތު ގައުމީ ޓީމުގައި ތިބި ދިވެހި ކޯޗުންގެ އިތުރުން، ރާއްޖޭގައި ދެންތިބި ދިވެހި ކޯޗުންނަށްވެސް މިއީ ވަރަށް މުހިންމުކަމެއް. މިމުބާރާތުގައި ކާމިޔާބީއާއި ހަމައަށް އާ ދެވިއްޖެކަމަށްވާނަމަ، ކުރިން ދިވެހި ކޯޗުންނަށް ނުކުރާ އިތުބާރު މިހާރު ދިވެހި ކޯޗުންނަށް ކުރާނެ. އަދި މިފަދަ ދަނޑިވަޅެއްގައި މިކަން ކުރެއްވިޖެނަމަ، މިއީ ދިވެހި ކޯޗުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ވެގެންދާނެ. މުޅި މުބާރާތް ވެސް އޮތީ ދިވެހިންގެ އަތްމަތީގައި. ހުރިހާ މަސައްކަތެއް ވެސް ދިވެހިން ކުރާއިރު، ދިވެހި ސަޕޯޓަރުންގެ އެހީގައި އުއްމީދަކީ މިފަހަރު މިކަން ކުރުން.

– ސުޒޭން ބުންޏެވެ.

ރާއްޖޭން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވަނީ ސެމީ ފައިނަލްގައި 3-0 އިން ނޭޕާލް ބަލިކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖޭން ވަނީ ނޭޕާލާ ދެކޮޅަށް ހަތް ފަހަރު ކުޅެފަ އެވެ. ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. މާދަމާރޭ ނޭޕާލާއި ރާއްޖެ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.