ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދީ ޓްވީޓްކުރި މީހާގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މއ. ރެސްޓިންގހައުސް، މުޙައްމަދު ޢިނާދު 30 ޖޫން 2021 ދުވަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ ޓްވިޓަރ ގައި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މައްސަލާގައި ޢިނާދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާ ޙަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.
މިދައުވާ ސާބިރު ވެއްޖެނަމަ އޭނާގެ މައްޗަށް 4 އަހަރާއި 6 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ސޯޝަލް މީޑިއާއާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި، މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފަައެވެ. އަދި، އެފަދަ އަމަލު ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާކަމަށެވެ.
އަދި މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއްކަމުން، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.