ފައުޒިއްޔާގެ ބަޔާން އިންޑިއާގެ ސީބީއައި އިން ނަގައިފި

ފައުޒިއްޔާގެ ބަޔާން އިންޑިއާގެ ސީބީއައި އިން ނަގައިފި

ފިލްމީ ތަރި ފައުޒިއްޔާ ހަސަނާއި، މަރިޔަމް ރަޝީދާ ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމަށް ތުހުމަތުކޮށް އެތައް އަހަރަކު ޖަލުގައި ގެންގުޅުނު މައްސަލައިގެ ތަހުގީގަށް ފައުޒިއްޔާގެ ބަޔާން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އިން ނަގައިފިއެވެ.

ޕާކިސްތާނަށް ޖާސޫސްކޮށްދިންކަމުގެ ތުހުމަތުގައި ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ އިންޑިއާ ސަރުކާރުން ހައްޔަރުކޮށް އެމީހުން ކެރެލާގެ ޖަލެއްގައި ހައްޔަރުކުރީ ނޮވެމްބަރު 13، 1994 ގައެވެ. އެ ދެ މީހުން ދޫކޮށްލީ ތިން އަހަރާއި ތިން މަސް ދުވަހު ޖަލުގައި ގެންގުޅުމަށްފަހުއެވެ. މި ދެމީހުނނާއެކު އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ވެސް ޖަލަށްލިއެވެ. ނަބްމީ މިނިވަންކޮށް އޭނާ އަށް ގެއްލުމުގެ ބަދަލު ދިނުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ފަހުން ހުކުމް ކުރުމުން ނަބްމީ އަށް ބަދަލުގެ ގޮތުގައި ފަސް މިލިއަން އިންޑިއަން ރުޕީސް ނުވަތަ 1.04 މިލިއަން ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ދީފައިވެއެވެ.

މި މައްސަލާގައި ފައުޒިއްޔާއާއި މަރްޔަމް ރަޝީދާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމާގުޅޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައިވެއެވެ. އެ މައްސަލާގައި މިހާތަނަށް ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލާގައި މަރްޔަމް ރަޝީދާގެ ބަޔާން ނެގުމަށް ސީބީއައިގެ ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވެއެވެ. އަދި ފައުޒިއްޔާ މިވަގުތު ދިރިއުޅެމުން އަންނަނީ ސްރީލަންކާގައި ކަމަށްވާތީ، އޭނާގެ ބަޔާން ސީބީއައިން ނަގާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

ހާދިސާ ހިނގިތާ 27 އަހަރު ފަހުން އަލުން މިމައްސަލަ ހިލިގެން އުޅެނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ އިސް ނެގުމަށް އެ މައްސަލަ ބަލައި މިއަހަރު އޭޕްރީލް މަހު ނެރުނު އަމުރެއްގެ ސަބަބުންނެވެ. އެ އަމުރުގައި ވަނީ އެ މައްސަލަ އޭރު ތަހުގީގު ކުރި ކެރެލާގެ ފުލުހުން އަމަލުކުރި ގޮތުގެ ތަހުގީގެއް ހިންގުމަށް ސީބީއައި އަށް އަމުރުކޮށްފަ އެވެ. އަދި ހައްޔަރުކުރި މީހުންނަށް ބަދަލު ހޯދުމަށް ދައުވާކުރުމަށް ވެސް ފުރުސަތު ދީފައިވެ އެވެ.

ނުހައްގުން ޖަލަށްލައި އަނިޔާކުރި މައްސަލާގައި ފައުޒިއްޔާއާއި މަރްޔަމް ރަޝީދާ ވަނީ ބަދަލުގެ ގޮތުގައި ޖުމްލަ 36 ކްރޯޑް ރުޕީސް ނުވަތަ 75 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *